މަސްތުވާތަކެތީގެ ބޮޑު ހަ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ބުނާ އެކަކު ގޭ ބަންދަށް ބަދަލުކުރަން ކޯޓުން އަމުރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ހަ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުނާ ހ. ރެހި ހުސެއިން މުހައްމަދު މަނިކު "މިއަދުން މިއަދަށް" ގޭ ބަންދަށް ބަދަލު ކުރުމަށް ޖިނާއީ ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ އޭޕްރީލް 19 ގައި ހައްޔަރުކުރި ހުސެއިން ގޭ ބަންދަށް ބަދަލު ކުރުމަށް އަމުރު ކުރުމުގެ އިތުރުން އޭނާގެ ތަހުގީގު އެއް މަސް ދުވަހުގެ ތެރޭގައި މުޅިން ނިންމުމަށް ވެސް ކޯޓުން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކީއްވެގެން ކަމާއި އޭގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ހުސެއިންގެ ތަހުގީގަކީ ފުލުހުންގެ ތާރީހުގައި މިހާތަނަށް ކުރާ އެންމެ ބޮޑު އެއް ތަހުގީގު ކަމަށެވެ. ރާއްޖޭގެ އިތުރުން ބޭރުގެ ބައެއް ގައުމުތަކުން ވެސް އެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ހޯދަމުންދާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެހެންކަމުން އެއް މަސް ދުވަހުގެ ތެރޭގައި އެންމެ ފުރިހަމައަށް އެ ތަހުގީގުކޮށް ނުނިންމޭނެ ކަމަށް ވެސް މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.
ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ ހުސެއިން ގޭ ބަންދަށް ބަދަލު ކުރުމަށް އަމުރު ކުރެއްވީ، ތަހުގީގު ކުރުމަށް މިހާތަނަށް ފަސް މަސް ވެފައިވާއިރު ތަހުގީގު ކުރެވިފައި ނުވާތީ އާއި ބޭނުން ނަމަ މިހާރު ވެސް ދައުވާ ކުރުމުގެ ފުރުސަތު އޮތް ކަމަށް ފެންނާތީ ކަމަށެވެ. އަދި އޭގެ އިތުރުން އޭނާ ގޭ ބަންދަށް ބަދަލު ކުރުމުން ތަހުގީގަށް އެއްވެސް ހުރަހެއް އެޅިދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.
އިސް ގާޒީ ވިދާޅުވީ 30 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އަމުރު ކުރެއްވީ، މައްސަލަ ކޯޓާ ހަމައަށް އައުން ލަސްވެއްޖެ ނަމަ މައްސަލައިގެ ހެކި ގެއްލި މައްސަލަ ސާބިތުނުވުން ގާތް ކަމަށްވާތީ ކަމަށެވެ. އިސް ގާޒީ ވިދާޅުވީ ގިނަ ފަހަރު މައްސަލަ ދިގުލައިގެން ދިއުމުން ތުހުމަތު ކުރެވޭ މީހާ އާއި މައްސަލައިގެ ހެކިންނާއި ކޮންޓެކްޓްވެ ހެކިންނަށް ބިރުދެއްކުން ފަދަ ކަންކަން ދިމާވެފައިވާ ކަމަށެވެ. އެހެންކަމުން ކޯޓަށް އެފަދަ މައްސަލަތައް އައުމުން ހެކިބަސް ވަރަށް ގިނައިން ނުލިބިފައިވާ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.
"މިގޮތަށް ކޯޓުން މި އަމަލު ކުރަންޖެހުނު ގޮތަކީ، ބޮޑެތި މާރާމާރީއާ މަރުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލަތަކުގައި ފުލުސް އޮފީހުގެ ތަހުގީގު ދިގުލައިގެން ދިއުމުން މި ވާ ގޮތަކީ ދައުވާ ލިބޭ ފަރާތްތަކާއި ހެކިބަސް ދޭ މީހުންނާ މެދުގައި ގުޅުންތަކެއް ހިނގައި އެ މީހުންގެ ހެކިބަސް ކޯޓަށް އަންނަ އިރު މި އޮންނަނީ ގެއްލިފައި،" އިސް ގާޒީ ވިދާޅުވި އެވެ. "އެފަދަ މައްސަލަތައް ކޯޓަށް އައިސް ސާބިތުނުވުމުގެ އެންމެ ބޮޑު މައްސަލައަކަށް ވެފައި މި އޮންނަނީ ހެކިބަސް ގެއްލުން."
އިސް ގާޒީ އިތުރަށް ވިދާޅުވީ ދައުވާ ކުރާ ފަރާތްތަކުން އެފަދަ ކަންކަން ކުރުމަށް ފުރުސަތު ދިނުމަށް ކޯޓުން ބޭނުން ނުވާ ކަމަށެވެ.
ހުސައިން ހައްޔަރުކޮށްފައިވަނީ އިންޑިއާ އަށް ބޭސްފަރުވާ އަށް ދިޔަ މުސްކުޅި ދިވެހި ދެމަފިރިއަކު ލައްވައި، ރޮށި އަޅާ ދެ ތަށީގެ ތެރޭ ފޮރުވައިގެން، ރާއްޖެ އެތެރެކުރި އެއް ކިލޯ އަށް ވުރެ ގިނަ މަސްތުވާ ތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކެވެ. އޭނާ އަކީ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގެ "ހައި ޕްރޮފައިލްގެ މީހެއް" ކަމަށާއި އޭނާ އަތުލައިގަނެވުނީ ފުލުހުން ފާރަލަމުން ގެންދަނިކޮށް ކަމަށް ވެސް އޭޕްރީލް 16 ވަނަ ދުވަހު ފުލުހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ