މަދަނީ ކޯޓަށް ހާޒިރުވުމަށް ޕޮލިސް ކޮމިޝަނަރަށް ފޮނުވި އަމުރު ހައި ކޯޓުން ބާތިލްކޮށްފި

ކޯޓަށް ދޭންޖެހޭ އެއްބާރުލުން ދެއްވާފައި ނުވާތީ އެކަން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހުގެ ފަރާތުން ސާފުކުރެއްވުމަށްޓަކައި އޭނާ ކޯޓަށް ހާޒިރުވުމަށް މަދަނީ ކޯޓުން ނެރެފައިވާ އަމުރު ހައި ކޯޓުން ބުދަ ދުވަހު ބާތިލްކޮށްފި އެވެ.
ބުރާސްފަތި ދުވަހު (މިއަދު) ހާޒިރުވުމަށް އަންގައި އޯގަސްޓު 10 ގައި ނެރެފައިވާ އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. އެ މައްސަލައިގައި ހައި ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ފަސީހު ކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ އެ ކޯޓުގައި ހިންގަމުން އަންނަ ޝަރީއަތުގެ މަޖިލީހަކަށް ކަމަށެވެ.
ފަސީހު ހާޒިރުވުމަށް އަންގާފައިވަނީ ޝަރީއަތުގެ މަޖިލީހަކަށް ކަން ކަށަވަރުވަނީ އޭނާ އަށް ފޮނުވާފައިވާ ޗިޓުގައި ގަޒިއްޔާ ނަންބަރު ޖަހާފައި އޮތުމުން ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ. ނަމަވެސް އެ ޗިޓުގައި ހާޒިރުކުރެވޭ ބޭނުމުގައި ލިޔެފައިވާ މައުލޫމާތުތަކުން އެ ގަޒިއްޔާއަކީ ކޮމިޝަނާ އޮފް ޕޮލިސްއާ ގުޅުން ހުރި މައްސަލައެއް ނޫންކަން އެނގޭ ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.
".. މަދަނީ ކޯޓުގެ ނަންބަރު: 2008/އެމްސީ/ 1286 ގެ ގަޒިއްޔާއަކީ އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑަށް ދައުވާ ލިބޭ ގޮތަށް އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ދައުވާކުރުމުން އެ ކޯޓުން (މަދަނީ ކޯޓުން) ބައްލަވަމުން ގެންދަވާ ގަޒިއްޔާއެއްކަން އެނގެން އޮތުމުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހަކީ އެ ގަޒިއްޔާގެ ދައުވާއާ ގުޅުންހުރި ފަރާތެއް ނޫންކަން އެނގޭ،" އެ ހުކުމުގައި ބުނެފައިވެ އެވެ.
އެ ހުކުމުގައި އިތުރަށް ބުނެފައިވަނީ ފަސީހު ކޯޓަށް އެއްބާރުލުން ނުދެއްވި ކަމަށް ފެނިއްޖެ ހާލަތެއްގައި ވެސް ފަސީހަކީ އެ ގަޒިއްޔާއާ ސީދާ ގޮތުން ގުޅުންހުރި ފަރާތެއް ނޫން ކަމުން އޭނާ އެ ގަޒިއްޔާގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރަންޖެހޭ ޝަރުއީ އަދި ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
މީގެ ކުރިން ވެސް ކޯޓަށް ހާޒިރުވުމަށް އަންގައި މަދަނީ ކޯޓުން ވަނީ ފަސީހަށް އަމުރެއް ފޮނުވައިފަ އެވެ. ނަމަވެސް ރަސްމީ ދަތުރެއްގައި ބޭރަށް ވަޑައިގަންނަވަން ޖެހުމުން ފަސީހު އެ ދުވަހު ޝަރީއަތަށް ހާޒިރުވެ ވަޑައެއް ނުގަންނަވަ އެވެ.
ކޮމިޝަނާ އޮފް ޕޮލިސް ކޯޓަށް އެއްބާރުލުން ނުދެއްވާ ކަމަށް މަދަނީ ކޯޓުގެ ގާޒީ މުހައްމަދު ނައީމް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ ކޯޓަށް ހާޒިރުކުރެއްވުމަށް ފުލުހުންނަށް އަމުރެއް ފޮނުވާފައިވަނިކޮށް ވެސް އޭނާ ކޯޓަށް ހާޒިރު ނުކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ