އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްވީކޭ އިން ހިންގަމުން ގެންދާ ޑިއުޓީ ފްރީ ފިހާރަ އަކުން ޖީއެމްއާރު ކުންފުނިން އިއްޔެ ކަރަންޓް ކަނޑާލައިފި އެވެ.
އެމްވީކޭގެ ވެރިޔާ އިބްރާހިމް ޝަފީގު (އެމްވީކޭ ޝަފީގު) މިއަދު ވިދާޅުވީ އެ ކުންފުނިން އެއާޕޯޓުގައި ހިންގާ ޑިއުޓީ ފްރީ ފިހާރަތަކުގެ ތެރެއިން އެއް ތަނެއްގެ ކަރަންޓް ކަނޑާލީ އިއްޔެ ހަވީރު ކަމަށެވެ. އަދި ކަރަންޓް ކަނޑާލުމުގެ ކުރިން އެއްވެސް ކަހަލަ ނޯޓިސްއެއް ވެސް ނުދޭ ކަމަށް ޝަފީގު ވިދާޅުވި އެވެ.
"އެ ތަނުން ނުކުންނަން އެ މީހުން [ޖީއެމްއާރު] ކިޔާތާ ދެ ތިން ހަފުތާ ވެއްޖެ. އެކަމަކު އަޅުގަނޑު އެ މީހުން ކައިރީގައި ބުނަމުން މިދަނީ ކަލޭމެން ތަނެއް ދައްކާށޭ. އެހެން ނޫނީ ނުދެވޭނެ އޭ. އޭގެ ޖަވާބުގައި އެ މީހުން ބުނަނީ އެ ތަން ރިނޮވޭޓްކުރަން ޖެހެއޭ. ތިމަންނަމެން ތަނެއް ދައްކާކަށް ނުޖެހެއޭ. ނުކުންނާށޭ ޖެހޭނީ. އަޅުގަނޑަށް ބޮޑަށް ބެލެވެނީ ކަރަންޓް ކަނޑާލީ އަޅުގަނޑުމެން ނުނުކުމެގެންހެން،" ޑިއުޓީ ފްރީ ފިހާރަ ރާއްޖޭގައި ހިންގާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ޝަފީގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަރަންޓް ކަނޑާލުމުން ރޭގައި ވިޔަފާރި ކުރީ އުއްބައްތި ދިއްލައިގެން ކަމަށެވެ.
"އަޅުގަނޑަށް އުނދަގޫކޮށްގެން މިތަނުން ނެރެން މި މީހުން ]ޖީއެމްއާރު[ މި އުޅެނީ. އެކަމަކު އަޅުގަނޑުމެންގެ އެގްރީމަންޓުގެ މުއްދަތު އެބައޮތް. އެހެން އޮއްވާ ގަދަކަމުން ނެރެންޖެހޭ ސަބަބެއް ނޭނގޭ. އަޅުގަނޑުމެން އެއާޕޯޓުން ނެރެނީ ކީއްވެހޭ އެހުމުން އެ މީހުން މި ބުނަނީ ތިމަންނަމެން ވިޔަފާރި ކުރަންށޭ،" ޝަފީގު ވިދާޅުވި އެވެ.
އެއާޕޯޓް ހިންގާ ޖީއެމްއާރު ކުންފުނިން ބުނެފައި ވަނީ އެއާޕޯޓުގެ ޑިއުޓީ ފްރީ ފިހާރަތައް ހިންގުމުގެ ފުރުސަތު އާ ފަރާތްތައް ދޭން ގަސްދުކުރާ ކަމަށެވެ. އެކަމަކު އޭގެ ތަފުސީލެއް އަދި ޖީއެމްއާރު އަކުން ހާމައެއް ނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި ބައެއް ޑިއުޓީ ފްރީ ފިހާރަތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު މި އަހަރުގެ ފަހުކޮޅު ހަމަވެ އެވެ.
އެމްވީކޭ އިން ހިންގާ ޑިއުޓީ ފްރީ ފިހާރަ އިން ކަރަންޓް ކަނޑާލި މައްސަލާގައި ޖީއެމްއާރުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފަހުން އެއަށް ވަކި އެއްޗެއް ދަންނަވާނެ ކަމަށެވެ.
ޖީއެމްއާރުން ދިވެހި ވިޔަފާރިވެރިންނަށާއި ދިވެހިންނަށް ދަތިވާ ގޮތަށް ކަންތައްތައް ކުރަމުން ގެންދާ ކަމެއް ބުނެ ޖީއެމްއާރާ ދެކޮޅަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވައިފަ އެވެ.
ޑިއުޓީ ފްރީ ފިހާރަ އަކުން ޖީއެމްއާރުން ކަރަންޓް ކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ