ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ގާނޫނީ ނިޒާމުން "ގެއްލުވާލި" މައްސަލައާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ހޭބިއަސް ކޯޕަސްގެ މައްސަލަ ނުނިމެނީސް، އޭނާއަށް ރައްދުވާ ގޮތަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އަބްދުﷲ ގާޒީގެ ވަކީލު މައުމޫން ހަމީދު އިއްޔެ އެދިވަޑައިގެންފި އެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް އެދިވަޑައިގެން މައުމޫން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އޭނާގެ މުވައްކިލަށް ރައްދުވާ ގޮތަށް، އެކި ކޯޓުތަކަށް މައްސަލަ ހުށަހެޅުމަށް އެކި ފަރާތްތަކުން މަސައްކަތްކުރާ ކަމަށް މީޑިއާގެ ޒަރީއާ އިން މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ސިފައިން ނުކުމެ އަބްދުﷲ ގާޒީ، ގާނޫނީ ނިޒާމުން "ގެއްލުވާލައި" ގާނޫނާ ހިލާފަށް ބަންދުކޮށްފައިވާ މައްސަލާގައި ކްރިމިނަލް ކޯޓަށް އޭނާ ހާޒިރުކޮށްދިނުމަށް ކޮށްފައިވާ އަމުރު ނުވަތަ ހޭބިއަސް ކޯޕަސް މައްސަލަ ކުރިއަށް ނުގެންދެވޭ ގޮތަށް ސަލާމަތީ ބާރުތަކުން ވެސް މަސައްކަތްކުރާކަން ހިތާމައާ އެކު ފާހަގަކުރައްވާ ކަމަށް ވެސް އަބްދުﷲ ގާޒީގެ ވަކީލު ވިދާޅުވެފައިވެ އެވެ.
"އަދި ހަމަ އެހެންކަމާއެކު ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ އަޅުގަނޑުގެ މުވައްކިލުގެ ހޭބިއަސް ކޯޕަސްގެ މައްސަލަ އެ ކޯޓުން ވަކި ގޮތަކަށް ނުނިންމާހާ ހިނދެއްގައި އަޅުގަނޑުގެ މުވައްކިލަށް ރައްދުވާ ގޮތަށް އެއްވެސް ކޯޓެއްގައި އެއްވެސް ދައުވާއެއް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލެއްނުކުރެވެ އެވެ. އެއީ އަޅުގަނޑުގެ މުވައްކިލަށް ގާނޫނުން ލިބިދޭ ރައްކާތެރިކަން ނިގުޅައިގަނެ ތިިބެމެ، އަޅުގަނޑުގެ މުވައްކިލާ ދެކޮޅަށް ގާނޫނުގެ ދަށުން ކަމަށް ބުނެ މައްސަލަތައް ކުރިއަށް ގެންދެވޭނެ އަދުލު އިންސާފުގެ އެއްވެސް ހަމައެއް ނޯންނާނެތީ އެވެ،" މައުމޫންގެ ސިޓީގައިވެ އެވެ.
މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ސިފައިންނާއި ފުލުހުން ގޮސް އަބްދުﷲ ގާޒީގެ ގެއަށް ގަދަކަމުން ވަދެ، ސިފައިން އޭނާ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ހަމަ އެރޭ ސުޕްރީމް ކޯޓުން ކަނޑައަޅައި ވަގުތުން އޭނާ މިނިވަންކުރުމަށް ސިފައިންގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރު ނެރުނުތާ މިއަދަށް 10 ދުވަސްވެފައިވާ އިރު، އަދިވެސް އޭނާ ހުރީ ސިފައިގެން ބެލުމުގެ ދަށުން ހައްޔަރުކޮށް ގިރިފުށީގަ އެވެ. އޭނާ ހައްޔަރުކުރި ފަހުން އޭނާގެ އާއިލާގެ މީހަކާ ވެސް އަދި ވަކީލާ ބައްދަލުކުރުމުގެ ފުރުސަތު ވެސް ދީފައެއް ނުވެ އެވެ.
ައަބްދުﷲ ގާޒީ އަށް ރައްދުވާ މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ކަމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ