ހއ. ވަށަފަރުގައި ހުރި އިންޖީނު ހަލާކުވެ، ރަށުން ތެޔޮ ހުސްވެ، ރައްޔިތުންނަށް ކަރަންޓް ނުލިބޭ މައްސަލަ އަދިވެސް ހައްލުނުވާ ކަމަށް ކައުންސިލުން ބުނެފި އެވެ.
ޑީއާރްޕީގެ ފަސް މެމްބަރުން ތިއްބަވާ ކައުންސިލްގެ ރައީސް އަބްދުﷲ ޒާހިރު މިއަދު ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރެއިން ފެށިގެން ކަރަންޓް ނެތި ރައްޔިތުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެ ރަށުގައި މިހާރު ބޭނުންކުރާ ކުޑަ ޖަނަރޭޓަރަކުން ކަރަންޓް ދޫކުރެވެނީ ރޭގަނޑު ވަގުތުކޮޅަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރޭގަނޑު ވަގުތުކޮޅަކަށް ދީފައި އިންޖީނު ޖެހެނީ ނިއްވާލަން. ތެލެއް ނެތް. ތެޔޮ ގަންނާކަށް ފައިސާއެއް ނެތް. ރައްޔިތުންގެ ބަޖެޓް ވެސް ސަރުކާރުން ވަނީ ހިފަހައްޓާފައި،" ޒާހިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކަރަންޓް ބިލްތައް ދައްކައިގެން އިންޖީނު ގެއަށް ލިބޭ އާމްދަނީ އަށް ވުރެ ތެޔޮ ގަންނަން ހޭދަވާ ހަރަދު އެތައް ގުނައެއް ވަނީ ބޮޑުވެފަ އެވެ. އެ ރަށުގެ ކަރަންޓް މައްސަލަ ހައްލުކޮށްދިނުމަށް ކަމާ ބެހޭ އިދާރާތަކުގައި ވާހަކަ ދެއްކުމުގެ އިތުރަށް އެހީ އަށް އެދި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ދެ ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ނަމަވެސް މިހާތަނަށް އެ ދެ ސިޓީގެ ޖަވާބެއް ވެސް އަޅުގަނޑުމެންނަކަށް ނުލިބޭ. ކަރަންޓް ނެތި ހިދުމަތްތަކަށް ބުރޫއަރާފައި ވަނީ. ކަރަންޓް ނެތީމަ ވާނެ އުނދަގޫ މި ރަށު މީހުން ދަނީ ތަހަންމަލް ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ވަށަފަރުގެ އިތުރުން ވެސް ގިނަ ރަށްތަކެއްގައި ކަރަންޓް ނެތުމުގެ މައްސަލަ ދިމާވެ ރައްޔިތުން ދަނީ ނުރުހުންފާޅުކުރަމުންނެވެ.
ވަށަފަރު ކަރަންޓް މައްސަލަ އަދިވެސް ހައްލެއް ނުވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ