ޕީޕީއެމްގެ ކޯޅުން ބޮޑުވެ މައުމޫން މިސްރަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅުވެސް ކެންސަލް ކުރައްވައިފި

ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ ކޯޅުންތައް ބޮޑުވުމާއި ގުޅިގެން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމު މިސްރަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލް ކުރައްވައިފި އެވެ.
ޕީޕީއެމް އިން މިކަމާއި ގުޅިގެން މިއަދު މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވައިދުގެ ބޭރުން އަދި ޑިމޮކްރެޓިކް އުސޫލުތަކާއި ހިލާފަށް ޕީޕީއެމްގެ ތެރެއަށް "އިންގިލާބެއް" ގެނެސް ޕާޓީގެ ރައީސްގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ.
މެސެޖުގައި ބުނެފައިވަނީ ޕީޕީއެމްގެ ރައީސްގެ މަގާމުން ރައީސް މައުމޫން ދުރުކޮށް ޕީޕީއެމް ފުނޑުފުނޑުކޮށް ޕީޕީއެމްގެ އާންމު މެންބަރުންގެ ހައްގުތައް ނިގުޅައިގަތުމަށް ޕީޕީއެމްގެ ތެރެއިން ބަޔަކު ވަރަށް ބާރަށް އަދި ފާޅުގައި މަސައްކަތް ކުރަމުންދާ ކަމަށެެވެ.
އެހެންކަމުން މިސަބަބުތަކާއި ގުޅިގެން ރައީސް މައުމޫން މިސްރަށް ކުރައްވަން ހަމަަޖައްސަވާފައި އޮތް ދަތުރުފުޅު ކެންސަލްކުރައްވާ އާންމު މެންބަރުންނާ އެކު މާލޭގައި ހުންނެވުމަށް ނިންމަވާފައިވާ ކަމަށްވެސް މި މެސެޖުގައި ވަނީ ބުނެފަ އެވެ.
"މިފަދަ ދަނޑިވަޅެއްގައި ޕީޕީއެމްގެ އަސާސީ ގަވައިދާއި އާންމު މެންބަރުންގެ ހައްގުގައި ސާބިތުކަމާއެކު މަސައްކަތް ކުރެއްވުމަށްޓަކައި ޕީޕީއެމްގެ ރައީސް މިއަދު މިސްރަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލް ކުރައްވާ ޕީޕީއެމްގެ އާންމު މެންބަރުންނާއި އެކު މާލޭގައި ހުންނެވުމަށް ޕީޕީއެމްގެ ރައީސް، ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ،" ޕީޕީއެމްގެ މެސެޖުގައި ބުނެފައިވެ އެވެ.
ޕީޕީއެމްގެ ރައީސް މައުމޫންއާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއާ ދެމެދު ހިޔާލުތަފާތުވުންތައް އުފެދި ޕީޕީއެމް މިހާރު ވަނީ ދެބައިވެ ދެ ފެކްޝަން އުފެދިފަ އެވެ. އަދި ދެ ފެކްޝަންގެ ބޭފުޅުން ގެންދަވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކު ވަރުގަދައަށް ބަހުގެ ހަމަލާތައް ދެއްވާ ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ