ތ. ވިލުފުށީގައި އިއްޔެ ހަވީރު 18:30 އިން ފެށިގެން ރޭގެ 23:30 އަށް ކަރަންޓް ކެނޑިއްޖެ އެވެ.
ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ވިލުފުށީ ކައުންސިލް މެމްބަރު އިބްރާހިމް ޝާފިއު ވިދާޅުވީ ކަރަންޓް ކެނޑެން ދިމާވި ސަބަބު ނޭނގޭ ކަމަށާއި މިއީ މިފަހަކަށް އައިސް މިހާ ގިނައިރަށް ކަރަންޓު ކަނޑައިގެންދިޔަ ފުރަތަމަ ފަހަރު ކަމަަށާއި ކުރިންވެސް ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭ ކަމަށެވެ.
" އިންޖީނުގެއިން ސީދާ މައުލޫމާތެއް ނުދެއްވާ. އިންޖީނުގެއިން ބުނަނީ އެކި ފަހަރު އެކި ގޮތަށް. އެހެންވެ ކަރަންޓް ކެނޑެން ޖެހުނު ސަބަބެއް ނޭނގެ،" ޝާފިއު ވިދާޅުވި އެވެ.
ފެނަކައިން މިކަމުގައި ބުނީ ވީނިއުސްއަށް އަދި އެއްވެސް މީޑިއާ އަކަށް މައުލޫމާތު ދޭން ބޭނުން ނުވާ ކަމަށެވެ. ވިލުފުށީ އިންޖީނުގޭގެ މެނޭޖަރު އިބްރާހިމް ޝާނީޒް ވިދާޅުވީ މީޑިއާތަކަށް މައުލޫމާތު ނުދެވޭނެ ކަމަށާ އެކަމުގެ ހުއްދަ އެބޭފުޅުންނަށް ނެތް ކަމަށެވެ.
ވިލުފުއްޓަކީ 2200 މީހުންގެ އާބާދީއެއް އޮންނަ ބޮޑު ރަށަކަށްވުމުން ކަރަންޓް ކެނޑުމުގެ ސަބަބުން ރައްޔިތުންގެ ބައެއް އަސާސީ ހިދުމަތްތައް މެދުކެނޑިފައިވެ އެވެ. އެގޮތުން ވިލުފުށިން ކަރަންޓް ކެނޑުމާއެކު އެރަށުން ފެނުގެ ހިދުމަތްވެސް ކެނޑިގެން ގޮސްފައިވެ އެވެ. މިކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާ ކަމަށާއި ފާހަނަ ކުރުން ފަދަ ޒަރޫރީ ބޭނުންތައް ވެސް ނުފުއްދޭ ކަމަށް ކައުންސިލުން ބުނެ އެވެ.
އެރަށުގައި 309 ގެ ހުންނަ އިރު ކަރަންޓް ދޫކުރުމަށް ބޭނުންކުރާ ތިން އިންޖީނުގެ ތެރެއިން އެއް އިންޖީނު މީގެ އެތައް ދުވަހެއް ކުރިން ހަލާކުވެފައިވާ ކަމަށް ޝާފިއު ވިދާޅުވި އެވެ. އެހެން ކަމުން ހިދުމަތް ދެމުން އައީ ދެ އިންޖީނު ބޭނުންކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.
ޝާފިއު ވިދާޅުވީ 250 ކިލޯވޮޓުގެ ދެ އިންޖީނުވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި އެތަކެތި އޯވަހޯލް ކޮށް މަރާމާތު ކޮށްގެން ނޫނީ ކަރަންޓުގެ މައްސަލަ އެދެވޭ ހައްލެއް ނުލިބޭނެ ކަމަށެވެ.
ޝާފިއު އިތުރަށް ވިދާޅުވީ ރަށުގެ އާބާދީ އާއި ކަރަންޓު ބޭނުންކުރާ ވަރަށް ބަލާއިރު މިހާރު ހަމައެކަނި ބޭނުންކުރެވޭ ވަރަށް ހުރި 250 ކިލޯވޯޓުގެ އިންޖީނުން އެންމެ އެދެވޭ ގޮތެއްގައި ރަށަށް ކަރަންޓު ނުދެވޭ ކަމަށާއި އަވަސް މުސްތަގުބަލެއްގައި ރަށަށް އިތުރު ޖަނަރޭޓަރު ބޭނުންވާ ކަމަށެވެ.
ވިލުފުށިން ރޭ ފަސް ގަޑިއިރަށް ކަރަންޓް ކަނޑައިގެންދިޔައިރު ބައެއް ރައްޔިތުން ވަނީ މަގުމަތީގައި ގޮދަނޑި އަޅައިގެން ނިދާފަ އެވެ. ވިލުފުށީގެ އިންޖީނުގޭއަކީ ބްރިޓިޝް ރެޑްކްރޮސްއިން އިމާރާތް ކޮށްދީފައިވާ ތަނެކެވެ.
އެތަނުގައި މިވަގުތު ހުރީ 2009 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު އެރަށަށް އަލުން މީހުން ބަދަލުކުރިއިރު ބްރިޓިޝް ރެޑްކްރޮސްގެ ފަރަތުން ބަހައްޓާފައި ހުރި ތިން ޖަނަރޭޓަރެވެ.
ވިލުފުށިން ކަރަންޓް ކެނޑޭތީ ރައްޔިތުންނަށް ދަތިވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ