ބަރަކާތުން ފުރިގެންވާ މައްސަރާއި ބައްދަލުކުރާހިނދު

ބަރަކާތުން ފުރިގެންވާ މި މާތް މައްސަރު (ރޯދަމަހާއި) އަޅުގަނޑުމެން ބައްދަލުކުރާހިނދު އެހުރިހާ ބަރަކާތާއި ސަވާބު ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު މަސްޢޫލިއްޔަތެކެވެ. އެމަހުގައި ރޯދަހިފާ ރޭ އަޅުކަން ކުރުމަކީ ކޮންމެ މުސްލިމަކަށްމެ އޮތްވާޖިބެކެވެ.
ކީރިތި ޤުރުއާންގައި މާތްﷲ ތަބާރަކް ވަތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.
يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿١٨٣﴾ أَيَّامًا مَّعْدُودَاتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ فَمَن تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهُ ۚ وَأَن تَصُومُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ ﴿١٨٤﴾
މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ. (183) (ރޯދަހިފަންވީ) عدد ކަނޑައެޅިގެންވާ ދުވަސްތަކެއް ގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (رمضان މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) فدية ދިނުމެވެ. (فدية ގެ މިންވަރަކީ) مسكين އަކަށް ކާންދޭ މިންވަރެވެ. ފަހެ، تطوّع ގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ. (184)
އެހެންކަމުން ބަރަކާތުން ފުރިގެންވާ، ރަޙްމަތާއި، ފާފަފުއްސެވުމާއި، ނަރަކައިން ދިންނެވުމުގެ މައްސަރު، އަޅުގަނޑުމެންނާއި ބައްދަލުވި ހިނދު އަދި މިމާތް ފުރުޞަތު ވަކިވުމުގެ ކުރިން ހެޔޮ ގޮތުގައި މި މައްސަރު ހޭދަކުރުމަށް ޢަޒުމު ކަނޑައަޅަމާ ހިންގަވާށެވެ. އެފަދަ މީހަކަށް އުފާވެރިކަމާއި ބާއްޖަވެރިކަން ހުއްޓެވެ. ހެޔޮ ގޮތުގައި މި މައްސަރު ހޭދަ ނުކުރެވުނު މީހަކަށް ހުރި ހިތާމައެއްގެ ބޮޑުކަމާ އެވެ!
އަބޫހުރައިރާ ގެ އަރިހުން އައްތިރްމިޛީ ރިވާކުރައްވާފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރެއްވިއެވެ.
رَغِمَ أَنْفُ رَجُلٍ دَخَلَ عَلَيْهِ رَمَضَانُ ثُمَّ انْسَلَخَ قَبْلَ أَنْ يُغْفَرَ لَهُ
މާނައީ: ރަމަޟާން މަސް އެމީހަކާ ބައްދަލުވެ، އެމަސް ނިމުނުއިރު އެމީހެއްގެ ފާފަ ނުފުއްސެވުނު މީހާ ނިކަމެތިވެ، ގެއްލި ހަލާކުވެއްޖެއެވެ.“
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ