ރޭޕް ރޭޕް! މައްސަލަޔަކަށްފަހު މައްސަލައެއް، ކުށްވެރިވަނީ ވިކްޓިމް އެކަނި!

18 އަހަރުން ދަށުގެ ދެ ކުއްޖަކު ބަލިވެ އިން މައްސަލައެއް މިދިޔަ ހަފްތާގައި މީޑިއާތަކުގެ ފަލަ ސުރުހީއަށް އަރަފައި ވެއެވެ. ދެން އިވުނީ 10 އަހަރުގެ ކުއްޖަކަށް ދޮންބައްފަ ޖިންސީ ފުރައްސާރަ ކުރި ކަމުގެ ވާހަކައެވެ. އޭގެ ކުރިން ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި ކޭސްގެ ވާހަކައިގެ އިތުރުން 11 އަހަރުގެ ކުއްޖަކު ގްރޫމް ކޮށްގެން ރޭޕް ކުރި މައްސަލައެއްވެސް ފެންމަތިވި އެވެ.
މި މައްސަލަތަކުގެ އިތުރުންވެސް އެތައް މައްސަލަތަކެއް ފެންމަތިވެފައި ވާއިރު، ރޭޕްގެ ޝިކާރައަކަށް ވާ މީހާ، ނުވަތަ ކުއްޖާއާއި ދިމާއަށް އިނގިލި ދިއްކޮށް، ރީ-ވިކްޓިމަޒް ކުރުމަކީ ކޮންމެ ފަހަރަކުވެސް ވަމުންދާ ކަމެކެވެ. މިކަމަށް ހެކިދެނީ ސޯޝަލް މީޑިއާގައި ދައްކާ އެކި ވާހަކަތަކެވެ.
ކޮންމެ މީހަކުވެސް އަނިޔާ ލިބޭ މީހާ ނުވަތަ ކުއްޖާއަށް އިނގިލި ދިއްކުރަނީ، އެ ކުއްޖާގެ ހާލަތަށް ބެލުމެއް ނެތިއެވެ. ކުށް ކުރި މީހާއަށްވުރެ، އަނިޔާ ލިބި، ވިކްޓިމައިޒް ވުން މި މުޖުތަމައުގައިވަނީ ބޮޑު ކުށަކަށް ވެފައެވެ.
"ގޭގަ އޮތް ނަމަ ތިހެން ނުވީސް!" ނުވަތަ "އެއީ ލައިގެން ހުންނަ ހެދުމުގެ ގޮތުން" ކަމަށް ބުނެ މި މުޖުތަމައުގައިވެސް ކުށްކުރާ މީހާއަށް ވާގިވެރިވާ މީހުން މަދެއް ނޫނެވެ. އަދި ކުށްކުރާ މީހާއަށް ސުވާލު ކުރުމުގެ ބަދަލުގައި އަނިޔާ ލިބޭ މީހާ ނުވަތަ ކުއްޖާގެ މައިންބަފައިންގެ ކުށް ހޯދަން އުޅޭ މީހުންވެސް މަދެއް ނޫނެވެ. އަނިޔާ ލިބޭ މީހާއާ ދިމާއަށް އެފަދައިން ބުނުމީ ރަނގަޅު ކަމެއް ކަމަށާއި، އެއީ ކުށްކުރާ މީހުންނާ އެއްބައިވުން ނޫން ކަމަށް މިފަދައިން ބުނާ މީހުން ތަކުރާރުކޮށް ބުނެއެވެ. ނަމަވެސް މިފަދަ ބަސްތަކަކީ ކުށް ކުރާ މީހުންނަށް ލިބިގެންދާ ހިތްވަރެކެވެ. ކަން މިހެން ހުރި އިރު މިފަދައިން ބުނެ، އަނިޔާ ލިބޭ މީހާ ނުވަތަ ކުއްޖާ އިތުރަށް ނިކަމެތި ކޮށްލުމަކީ ކުށްކުރާ މީހާގެ ކުށް ފޮރުވުން ފަދަ ކަމެކެވެ.
މުޖުތަމައު ތެރޭ ހިނގާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ގިނަވުމުގެ ސަބަބުން ޖެންޑާ މިނިސްޓްރީ އާއި ޕީޖީ އޮފީހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމަވުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ޖިންސީ ފުރައްސާރައިގެ ގިނަ މައްސަލަތައް ގިނައިން ރިޕޯޓު ކުރެވިފައިވަނީ އާއިލާ ތެރެއިން ކުރެވޭ ކަމެއްގެ ގޮތުގައި ކަމަށެވެ. މިކަމުން ދޭހަވަނީ މި މުޖުތަމައުގައި ގޭގައި ތިބެގެން ހިމާޔަތެއް ނެތްކަމެވެ. ވިކްޓިބް ބްލޭމް ކުށްވެރިކުރުމުގެ ބަދަލުގައި މީހުންގެ ވިސްނުން ބަދަލުކޮށް، އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދޭން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ ދުވަސްތަކުގައި އެންމެ ގަދަޔަށް ދެކެވުނު ސަފާރީގައި އަންހެން މީހަކު ރޭޕް ކުރިކަމަށް ބުނާ މައްސަލައަށް ބަލައިލަމާ ހިނގާށެވެ. މި މައްސަލަ ފެންމަތިވުމާއެކު ފުރަތަމަވެސް އަންހެން މީހާ ސަފާރީއަށް ދިޔައީ ކީއްކުރަންތޯ ސުވާލު އުފައްދައި، އަންހެންމީހާ އާއި ދިމާއަށް ފަތިވަރު ގޮވި މީހުން މަދެއް ނޫނެވެ. މި މައްސަލައިގައި ނޫހަކަށް ދިން އިންޓަވިއުއެއްގައި އެ އަންހެން މީހާ ވަނީ ރޭޕްގެ އަމަލެއް ނުހިނގާ ކަމަށާއި، ނަމަވެސް އޭނާ ގައިގައި އަތްލި ކަމަށް ބުނެފައެވެ. މިކަމުގައި ވެސް މީހުނަށް ކުށްވެރިވީ އަންހެން މީހާއެވެ. ސަލާމަތްވީ ތުހުމަތު ކުރެވޭ މީހުންނެވެ. އެންމެ މީހަކުވެސް ރޭޕްގެ ތުހުމަތު އެޅިފައިވާ ދެމީހުންގެ އަމަލާމެދު ނުވަތަ އެމީހުން ސަފާރީއަށް ދިޔައީ ކީއްކުރަންތޯ ސުވާލު އުފައްދައިފައެއް ނުވެއެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ލޮކްޑައުންއަށް ލުއިތަކެއް ދީ މާލެ ސަރަހައްދުގައި ކާފިއު ގަޑި ކަނޑައަޅާފައިވާއިރު އެކަމާ ހިލާފުވުމުން އެކަކުވެސް ސުވާލު އުފައްދައިފައެއް ނުވެއެވެ. މުޅިންވެސް އަނިޔާވެރިކަމާ ކުރިމަތި ވި އަންހެން މީހާ ރީ-ވިކްޓިމަޒް ކުރުމުގެ ކަންކަމެވެ. އަންހެން މީހާއެކޭ އެއްފަދައިން ކާފިއު ވަގުތު ސަފާރީއަށް ދިޔަ ދެ ފިރިހެނުން މި މައްސަލައިގައި ވެގެން ދިޔައީ ހުދު ފޮތިކޮޅަކަށެވެ.
މިދިޔަ ޖޫން މަހު، 11 އަހަރުގެ ކުއްޖަކު ގެސްޓް ހައުސްއެއްގައި ރޭޕް ކުރި މައްސަލައެއް ވަނީ ފެންމަތި ވެފައެވެ. ފުލުހުންގެ ތަހުގީގުގެ މަރުހަލާގައި ފުލުހުން ވަނީ މިއީ ގްރޫމް ކުރުމުގެ ކޭސްއެއް ކަމަށް ބުނެފައެވެ. ނަމަވެސް މިކަމުގައިވެސް އަނިޔާ ލިބުނު ކުއްޖާ ކުށްވެރި ކުރާ މީހުން މަދެއް ނޫނެވެ. ލޮކްޑައުންގެ ހާލަތުގައި އޮތް އިރު ކުއްޖާ އެމީހާ އާއެކު ބޭރަށް ދިޔައީ ކީއްވެތޯ ސުވާލު އުފެއްދުމުގެ އިތުރުން ކުއްޖާގެ އަހުލާގަށްވެސް އިނގިލި ދިއްކުރި ބަޔަކު އުޅުނެވެ. ކުއްޖާއަށް ލިބިފައިވާ ނަފްސާނީ އަނިޔާ އަށާއި، އެފަދަ ވާހަކަތައް ކުއްޖާއަށް ފެނުމުން އެ ކުއްޖާއަށް ލިބިދާނެ އިތުރު ނިކަމެތިކަމަކަށް ވިސްނުމެއް ނެތި ގިނަ ބަޔަކު އުޅުނީ ކުއްޖާގެ ކުށް ހޯދުމުގައެވެ. އެކުއްޖާ ރޭޕް ކުރި މީހާގެ ވާހަކަ ދައްކާނެ މީހަކު ނުވިއެވެ.
ސެންޓަ ފޯ މެންޓަލް ހެލްތް ގެ ސައިކޮލޮޖިސްޓް، ޑރ. އާފިޔާ އަލީ ޖެންޑާ މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރޭޕް ގެ ސަގާފަތަށް ހޭލުންތެރިކުރުމުގެ ތެރޭގައި އަނިޔާ ލިބޭ މީހާ ގޯސް ކުރުމުގެ ކަންކަމަށް މީހުން ހޭލިންތެރިކުރަން ޖެހޭ ކަމަށެވެ. އަދި އަނިޔާ ލިބޭ މީހާ ކުށްވެރި ކުރުމަކީ ބުލީ ކުރުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޑރ. އާފިޔާ ވިދާޅުވިއެވެ.
ޑރ. އާފިޔާ ވިދާޅުވީ މީގެ ސަބަބުން ވިކްޓިމްއަށް ކުރާ އަސަރު ވަރަށް ބޮޑު ކަމަށެވެ. މިއީ ދިގު މުއްދަތަކަށް އެކަމުގެ ސަބަބުން ވިކްޓިމްއަށް ނަފްސާނީ ގޮތުން އަސަރު ކުރާ ކަމެއް ކަމަށާއި، އެފަދަ އަމަލު ކުރާ މީހުންނަށް އެ ފުރުސަތު ނުދިނުމަކީ މުހިއްމު ކަމެއް ކަމަށް ޑރ. އާފިޔާ ވިދާޅުވިއެވެ. އަދި ވިކްޓިމް ބްލޭމް ކުރުން ފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބޭ މީހުން ނުވަތަ ކުދިން އިތުރު އެހީއަށް އެދުމުގެ ބަދަލުގައި، އަމިއްލަޔަށް ކަންކަން ތަހައްމަލު ކުރާކަންވެސް ކަމަށްވެސް ޑރ. އާފިޔާ ފާހަގަ ކުރެއްވިއެވެ.
"ކޮންމެ ގޮތަކަށް ހެދުން އެޅިޔަސް ބަލާ މީހާއަކަށް އެއްވެސް ހައްގެއް ނެތް އަޅުގަނޑުމެންގެ އިއްފަތްތެރިކަން ނަގާލާކަށް ނޫނީ ޖިންސީ ގޯނާ ކުރާކަށް. އެއީ އެއްވެސް މީހަކަށް އޮންނަ ހައްގެއް ނޫން" މިއީ އެދުވަހުގެ ޕްރެސްގައި ޖެންޑާ މިނިސްޓަރު އައިޝާ ވިދާޅުވި ބަސްކޮޅެކެވެ. މިއީ ވިކްޓިމް ބްލޭމް ކުރުމުގައި އާންމުކޮށް ފާޑު ކިޔާ ހެދުން އެޅުމުގެ ކަންކަމާއި ގުޅިގެން މިނިސްޓަރު ވިދާޅުވި ބަސްކޮޅެވެ.
ވިކްޓިމް ބްލޭމްކޮށް، އަނިޔާ ލިބޭ މީހާ އިތުރަށް ރީ-ވިކްޓިމައިޒް ކުރުމަކީ ތިމާހެ ވިސްނުން ބަދަލުކޮށްގެން ނޫނީ ރަނަގަޅު ނުކުރެވޭ ކަންކަމެވެ. މިފަދަ ކަންކަމާ ގުޅޭ މައުލޫމާތު ކިޔައި، ރަނގަޅު މައުލޫމާތު ހޯދައި ތިމާގެ އަމިއްލަ ނަފްސު ހޭލުންތެރި ކުރުމަކީ މިކަމަށް ހޭލުންތެރި ވުމަށް ކުރެވޭނެ ކަމެކެވެ. އަދި ކައިރީގައިވާ އެހެން މީހުންވެސް މިފަދަ ކަންކަމަށް ހޭލުންތެރި ކުރުވުމީ މުހިއްމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ