ބާތިލްކޮށްފައިވާ ތަހުގީގަކާ ގުޅިގެން ގާސިމް ކޯޓަށް ހާޒިރު ކުރާތީ ހައިރާންވޭ: ފައިސަލް

ހައިކޯޓުން ބާތިލްކޮށްފައިވާ ތަހުގީގަކަށް ބިނާކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުވާކޮށް ކޯޓަށް ހާޒިރުކޮށްފައިވާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފައިސަލް މިހެން ވިދާޅުވީ ގާސިމް އިބްރާހިމް މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އިއްޔެ ބޭއްވި ޝަރީއަތުގެ ދެވަނަ އަޑުއެހުމަށް އެމަނިކުފާނު ކޯޓަށް ހާޒިރު ކުރުމާއި ގުޅިގެން ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ފައިސަލް ނަސީމް ވިދާޅުވީ މިމަހުގެ ތެރޭގައި އެންމެ ފުރަތަމަ ގާސިމް ހައްޔަރު ކުރުމާއި ގުޅިގެން އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް ހައިކޯޓުން ނިންމާ އެކަމާ ގުޅިގެން ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެއް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނިކޮށް ގާސިމް ކޯޓަށް ހާޒިރުކޮށްފައިވާތީ އެކަމާ ހައިރާންވާ ކަަމށެވެ.
ފައިސަލް ވިދާޅުވީ ދައުލަތުން ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އެމަނިކުފާނު ކޯޓަށް ހާޒިރުކުރަންޖެހޭ ސަބަބެއް އެއްގޮތަކަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ފައިސަލް ވިދާޅުވީ ގާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅަކީ ގައުމުގައި މިއަދު ހިނގަމުންދާ އަނިޔާވެރިކަމާ ދެކޮޅަށް އެކަމުން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށް ދިވެހި ރައްޔިތުންނާއި މުހާތަބުކޮށް ދެއްކެވި ވާހަކަފުޅެއް ކަމަށާއި އެވާހަކަތަކަށް ބިނާކޮށް އެމަނިކުފާނު ހައްޔަރުކުރުމުގެ އެއްވެސް އަސާސެއް ނެތް ކަމަށެވެ. އަދި އެއީ ރައްޔިތުންނަށްޓަކައި އަދުލު އިންސާފާއި އިސްލާހަށް މަސައްކަތް ކުރުމަށްޓަކައި މަޖިލީހުގެ މެމްބަރަކަށްވެ ހުރެ ދެއްކެވި ވާހަކަފުޅު ތަކެއް ކަމަށާއި އެހެންކަމުން އެމަނިކުފާނު ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އެކަމާ ހައިރާންވާ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
"އެކި އެކި ސަބަބުތަކާހެދި ސަރުކާރާ އެއްކޮޅަށް ދިޔަ ޖޭޕީގެ މެމްބަރުންނާ މުހާތަބުކޮށް އެމަނިކުފާނު ވިދާޅުވީ، އެނބުރި ވަޑައިގަންނަވާށޭ ގައުމު ހަމަ މަގަށް އަޅުވަން މިކުރައްވާ މަސައްކަތާ ގުޅިވަޑައިގަތުމަށް. މިކަމަށް ގޮވާލެއްވި ގޮވާލެއްވުމަކީ ކުށަކަށްވާނެ ކަމަކަށް ގަބޫލުކުރާނެ ކުޑަކުއްޖަކުވެސް މިގައުމަކު ނެތް." އޭނާ ވިދާޅުވި އެވެ.
ފައިސަލް ވަނީ ގައުމު ހަމަމަގަށް އަޅުވާ އިސްލާހަށްޓަކައި ކުރައްވާ މަސައްކަތްތަކާއި ގުޅިވަޑައިގަތުމަށާއި އަދި މަޖިލީސް ތެރެއިން ގައުމު ހަމަމަގަށް އެޅުވުމަށް ކުރެވެން ހުރި މަސއްކަތްތަށް ކުރެއްވުމުަގއި ބައިވެރިވެ ވަޑައިގަތުމަށް ހުރިހާ މެމްބަރުންނަށް ގޮވާލައްވާ ކަމަށެވެ.
ފައިސަލް ވިދާޅުވީ ފުލުހުންގެ މުއައްސަސާ އާއި ކަމާގުޅޭ އެހެނިހެން މުއައްސަސާތަކުން، ރައްޔިތުންގެ އަޑުއަހާ އަދި ރައްޔިޔުން ނުހައްގުން ހައްޔަރުކުރުން ނިމުމަކަށް ގެނެސް ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސއްކަތްތަށް ކުރެއްވުމަށް ގޮވާލައްވާ ކަމަށެވެ. އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހްގީގާއި ނޫސްވެެރިޔާ އަހްމަދު ރިޟްވާނަށް ވީގޮތާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަތައް އިންސާފްވެރިކަމާއެކު ތަހްގީގުކޮށް އެކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަށް ހޯދައި އެފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ވެސް ފައިސަލް ވަނީ ގޮވާލައްވާފަ އެވެ..
ފައިސަލް އިތުރަށް ވިދާޅުވީ މިގައުމުގައި އެއްވެސް ރަހްމެއްނެތި ކަތިލަމުން ވެސް ގެންދަނީ ދިވެހި ދަރިން ކަމަށާއި އެމީހުންނަށްވެސް އިންސާފް ލިބެންޖެހޭނެ ކަމަށެވެ. އަދި އެއާއިލާތަކުން ކުރަމުންގެންދާ ހިތާމަ އިހްސާސް ކުރެވެން ޖެހޭނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ