ފުލުހުން ކަރަންޓް ޓޭޒަރު ބޭނުން ކުރަން ފަށަނީ

ހަމަނުޖެހުންތަކުގައި ފުލުހުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިލެކްޓްރިކް ޝޮކް ދޭ ހަތިޔާރެއް ބޭނުން ކުރަން ފުލުހުން ތައްޔާރު ވެއްޖެއެވެ. ދުނިޔޭގެ އެކި ގައުމު ތަކުގައި އާންމުކޮށް ބޭނުން ކުރާ އެ "ސްމާޓް ޓޭޒާ" ހަތިޔާރަކީ، ކުރިމަތީގައި ހުންނަ މީހެއްގެ ގަޔަށް އިލެކްޓްރިކް ޝޮކެއް ފޮނުވާލާ ހަތިޔާރެކެވެ.
ފުލުހުންގެ ކޮމިޝަނާ މުހައްމަދު ހަމީދު ޓްވިޓާގައި ވީޑިއޯއެއް ހިއްސާ ކުރައްވަމުން ވިދާޅުވީ، އާންމު ރައްޔިތުން ހިމާޔަތް ކުރުމަށާއި ފުލުހުސް އޮފިސަރުންގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށް ޓޭޒަރު ބޭނުން ކުރަން ތައްޔާރު ވަމުން ދާ ކަމަށެވެ.
ހަމީދު ހިއްސާ ކުރެއްވި ވީޑިއޯ އިން ފެންނަނީ ފުލުހުންގެ އެކި ޔުނިފޯމްގައި ތިބޭ ބަޔަކު ޓޭޒަރާއެކު ޕާކަކަށް ވަދެގެން ދާތަނެވެ. އަދި އެތަނުން މީހަކު ވަށާލައި އެމީހާގެ ގަޔަށް ޝޮކް ފޮނުވާލައެވެ. އަދި އެ ހިސާބުން އެމީހާ ބިންމައްޗަށް ވެއްޓެވެ.
ފުލުހުންނަށް ހަތިޔާރު ނުލިބޭތީ، ކުށުގެ ވެށި އެންމެ އެކަށީގެން ވާ ގޮތެއްގައި ކޮންޓްރޯލް ނުކުރެވޭ ވާހަކަތައް ދައްކާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. އަދި އެ ބާރު ހޯދުމަށް ފުލުހުންގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅާ ފާސްވެސް ކޮށްފައި ވެއެއެވެ.
ފުލުހުންނަށް ހަތިޔާރު ދިނުމާމެދު ގިނަބަޔަކު ސުވާލު އުފައްދާފައި ވަނިކޮށް ސްމާޓް ހަތިޔާރު ބޭނުން ކުރަނީ އެކަމަށް ތަމްރީން ވެފައި ތިބި އޮފިސަރުންކަމަށް ފުލުހުން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ