ޒިމްބާބްވޭގެ ރައްޔިތުން ސިފައިން ދެން އަމަލުކުރާނެ ގޮތެއްގެ އިންތިޒާރުގައި

ޒިންބާބުވޭގެ ވެރިކަން ވައްޓާލުމަށްފަހު ސިފައިން ގައުމުގެ ކޮންޓްރޯލް ނަގާފައިވާއިރު ޒިންބާބުވޭގެ ރައްޔިތުން މިހާރު އިންތިޒާރު ކުރަމުންދަނީ ސިފައިން އަޅާނެ ފިޔަވަޅަކާ މެދު ކަމަށް އެގައުގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފި އެވެ.
ޒިންބާބުވޭގެ ރައީސް ރޮބަޓް މުގާބޭ ގޭ ބަންދުކޮށްފައިވާއިރު އަނބިކަނބަލުން ގްރޭސް މުގާބޭ ހުންނެވި ތަނެއް ނޭނގޭ ކަމަށް ބީބީސީގައި ރިޕޯޓްކޮށްފައިވެ އެވެ. އެހެންނަމަވެސް ޒިމްބާބްވޭގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ގްރޭސް ހުންނެވީ ގެންބިއާގަ އެވެ.
ޒިމްބާބުވޭގެ ސިފައިން ނިކުމެ މުގާބޭގެ ސަރުކާރު އިއްޔެ ވައްޓާލައި މުގާބޭ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ދެކުނު އެފްރިކާގެ މިނިސްޓަރުން ގެންދަވަނީ ޒިމްބާބުވޭގެ ވެރިރަށް ހަރާރޭގައި ސިފައިންނާއި، ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރަމުންނެވެ.
ސައުތު އެފްރިކަން ޑިވެލޮޕްމެންޓް ކޮމިއުނިޓީ (އެސްއޭޑީސީ)ގެ ރީޖަނަލް އިމަޖެންސީ ބައްދަލުވުމެއް މިއަދު ބާއްވަން ނިންމާފައިވާއިރު ޒިމްބާބުވޭގެ ސިޔާސީ މަޝްރަހާ ގުޅޭ މަޝްވަރާތައް މިބައްދަލުވުމުގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވެ އެވެ.
ސިފައިން ނިކުމެ މުގާބޭގެ ވެރިކަން ވައްޓާލީ ކުރީގެ ޗީފް އޮފް ސްޓާފް އަދި މުގާބޭގެ ނައިބް ރައީސްއަކަށް އެންމެ ފަހުން ހުންނެވި އެމާސަން ނަންގަގްވާ މިދިޔަ ހަފުތާގައި މަގާމުން ދުރުކުރުމާ ގުޅިގެން ސިފައިންގެ މެދުގައި އުފެދުނު ރުޅިވެރިކަމެއްގެ ސަބަބުން ކަމަށްވެސް ރިޕޯޓްތައް ބުނެ އެެވެ. ވެރިކަން ވައްޓާލިއިރު އެމާސަން ހުންނެވީ ގައުމުން ބޭރުގައި ކަމަށްވީ ނަމަވެސް އޭނާ މިހާރު ވަނީ އެނބުރި ގައުމަށްވެސް ވަޑައިގެންފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ގައުމު ހިންގުން ވަނީ ވަގުތީ ގޮތުން އެމާސަންއާ ހަވާލުވެސް ކުރެވިފަ އެވެ.
މުގާބޭގެ ވެރިކަން ވައްޓާލުމުގެ އެއްދުވަސް ކުރިން ސިފައިންގެ ވެރިޔާ ޖެނެރަލް ކޮންސްޓެންޓީނޯ ޗިވެންގާ ވަނީ ސިޔާސީ ކަންކަމުގެ ތެރެއަށް ސިފައިން ވަންނާނެ ކަމަށާއި، ދެން މަޑުން ނުތިބެވޭނެ ކަމަށް ބުނެ މުގާބޭގެ ސަރުކާރަށް ވަރުގަދަ އިންޒާރެއް ވެސް ދެއްވާފަ އެވެ. އަދި އޭގެ ގަޑިއިރުތަކެއް ފަހުން ސިފައިން ވަނީ ޒިމްބާބްވޭގެ ގައުމީ ޓީވީ ހިސޯރުކޮށް ރައީސް މުގާބޭގެ ވެރިކަމަށް ނިމުން ގެނެސްފަ އެވެ.
މުގާބޭގެ ވެރިކަން ވައްޓާލުމާ ގުޅިގެން ޒިމްބާބްވޭގެ އިދިކޮޅު ލީޑަރެއް ކަމަށްވާ ޓެންޑައި ބިޓީ ވަނީ އަސްކަރިއްޔާއަށް ޝުކުރު އަދާކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ޒިމްބާބުވޭއަށް ޑިމޮކްރެސީ އަންނަ ޖެހޭ ކަމަށާއި، އެކަމަށް މަގުފަހި ކުރުމަށް އިންތިގާތީ ސަރުކާރެއް އެކުލަވާލަން ޖެހޭ ކަމަށެވެ.
އިނގިރޭސީންގެ އަތުން ޒިމްބާބުވޭއަށް 1980 ވަނަ އަހަރު މިނިވަންކަން ލިބުނުފަހުން އިއްޔެއާ ހަމައަށް އެގައުމުގައި ވެރިކަން ކުރައްވަމުން ގެންދެވީ މުގާބޭ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ