"ހޮޓެލިއަރ މޯލްޑިވްސްގެ ޖީ.އެމް. ފޯރަމް 2018" އަންނަ އަހަރުގެ އޭޕްރިލްގައި

ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރުންނާއި، އިސް މެނޭޖްމަންޓަށް އަމާޒުކޮށްގެން ހޮޓެލިއަރ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ޖެނެރަލް މެނޭޖަރސް ފޯރަމްގެ ތިންވަނަ ބުރު، ޖީ.އެމް. ފޯރަމް 2018، އަންނަ އަހަރުގެ އޭޕްރިލް މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ހޮޓެލިއާ މޯލްޑިވްސް އިން ބުނީ މި ބައްދަލުވުން ކުރިއަށްދާނީ ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓް ކަމަށްވާ ކުރުނބާ މޯލްޑިވްސްގައި ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތަކާއި، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ފުރުސަތު ތަނަވަސް ކޮށްދިނުމުގެ މަގްސަދުގައި ހޮޓެލިއާ މޯލްޑިވްސްއިން އިސްނަގައިގެން ޖީ.އެމް. ފޯރަމްގެ ނަމުގައި އެންމެ ފުރަތަމަ ބައްދަލަވުމެއް ބާއްވާފަ އިވަނީ 2016 ވަނަ އަހަރު އެވެ. ޖީ.އެމް. ފޯރަމްގެ ދެވަނަ ބުރު ބާއްވާފަނީ މި އަހަރުގެ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު، ހުޅުލެ އައިލެންޑް ހޮޓެލްގަ އެވެ. މީގެ ކުރިން ބާއްވާފައިވާ ޖީ.އެމް. ފޯރަމްގެ ބައްދަލުވުންތަކުގައި ކީ ނޯޓް ސްޕީކަރުންގެ ގޮތުގައި ފެނިގެން ގޮސްފައިވާ ފަރާތްތަކުގެ ތެރޭގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދެ ބޭފުޅުން ކަމަށްވާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއަރމަން ޙުސައިން އަފީފް (ޗަމްޕާ) އަދި ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން އެމް.ޔޫ. މަނިކު ހިމެނިވަޑައިގަންނަވަ އެވެ.
ޖީ.އެމް. ފޯރަމް 2018 ގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ބައެއް މުހިއްމު މައުޟޫއުތަކުގެ ތެރޭގައި ފަތުރުވެރިކަމާއި ގުޅުންހުރި ޓެކްސް، ގެސްޓް ޓްރާންސްފާ، ނަން -ރޫމް ރެވެނިއު، އަދި ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް މާކެޓްކޮށް އިޝްތިހާރު ކުރުން ފަދަ މައުޟޫއުތައް ހިމެނެ އެވެ.
ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރުންނާއި، އިސް މެނޭޖްމަންޓަށް ބައިވެރިވުމުގެ ފުރުސަތު ހިލޭ ހުޅުވާލާފައިވާ މި ބައްދަލުވުމުގައި ޑެލިގޭޓުންގެ ގޮތުގައި ބައިވެރިވުމަށް އެދޭ ސަޕްލަޔަރުންނާއި އެހެނިހެން ފަރާތްތަކަށްވެސް ހާއްސަ ފީއެއްގެ ދަށުން އެ ފުރުސަތު ވަނީ ހުޅުވާލާފައިވާ ކަމަށްވެސް ހޮޓެލިއާ މޯލްޑިވްސް އިން ބުނެ އެވެ.
މީގެ އިތުރުން މި ބައްދަލުވުމުގެ ބައެއްގެ ގޮތުގައި ނެޓްވޯކް ކުރުމަށް ހާއްސަ ފުރުސަތުތަކެއް ވަނީ ހުޅުވާލެވިފައިވާ ކަމަށްވެސް ހޮޓެލިއާއިން ބުނެ އެވެ.
މި ބައްދަލުވުމުގައި ބައިވެރިވުމަށް ރެޖިސްޓްރީކުރުމަށް ހުޅުވާލަން ހަމަޖެހިފައިވަނީ ޖެނުއަރީ 2018 ގައެވެ. ހޮޓެލިއަ މޯލްޑިވްސް ޖީ.އެމް. ފޯރަމް 2017 ގައި 40 ޖެނެރަލް މެނޭޖަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވި އެވެ. މިއީ، މިދިޔަ އަހަރު ބޭއްވި ޖީ.އެމް. ފޯރަމް 2016 އާއި އަޅާ ކިޔާއިރު، ދެ ގުނަ އިތުރު އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ