މޫސުން ގޯސްވެއްޖެ، ކަނޑު ދަތުރު ކުރާ މީހުން ސަމާލުވޭ

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމް ގޯސްވެ ވިއްސާރަ ކުރާނެކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑިއެފް އިން އިލްތިމާސް ކޮށްފިއެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލު ބާރުމިނުގައި ވައި ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާ ކޮށްފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް އަންނަ ބަދަލުތައް އޮޅުންފިލުވުމަށް ފަހު، ދަތުރުތައް ރޭއްވެވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
އަދި ކަނޑުދަތުރު ކުރައްވާނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށާއި ދަތުރުކުރައްވާ އުޅަނދުފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް ވެސް އެމްއެންޑީއެފްގެ ކޯސްޓުގާޑުން އިރުޝާދު ދެއްވައެވެ. މީގެ އިތުރުން ރޭގަނޑު ދަތުރުތައް ކުރައްވާނަމަ އިތުރަށް ސަމާލުވުމަށްވެސް ކޯސްޓުގާޑުން ވަނީ އިލްތިސް ކުރައްވާފަ އެވެ.
މި ދުވަސްވަރު މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބޭ ކަމަށާއި އެގޮތުން އިންޖީނު ހުއްޓިގެންނާއި، ދިޔަވެ ދިޔަގަނޑު ކޮންޓްރޯލް ނުވުމާއި، ޕަންޕު މައްސަލަ ޖެހުން ފަދަ ހާދިސާތައް ވަނީ އިތުރުވެފައިވާ ކަމަށް ކޯސްޓުގާޑުން މައުލޫމާތު ދެއްވައެވެ.
އެހެންކަމުން މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އެމްއެންޑެފުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބައްލަވައިގެން ކުޅިވަރުތައް ރާވާ ހިންގެވުމަށާއި، ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާ ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ