ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާއަށް އޭނާ ގޭބަންދުގައި ބެހެއްޓުމަށް ހައިކޯޓުން ކުރި އަމުރަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި އެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ އާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި 33 އަހަރުގެ ޖަލު ހުކުމެއްގައި ހުރި އަދީބުގެ ސިއްހީ ހާލަތު ގޯސްވެ، އައިޖީއެމްއެޗުގައި ކިޑްނީގެ އޮޕަރޭޝަނެއް ކުރުމަށް ފަހު ގެއަށް ބަދަލު ކޮށްފައިވަނިކޮށް، ފަހުން އަނބުރާ އޭނާ ޖަލަށް ބަދަލު ކުރުމާއި ގުޅިގެން އަދީބުގެ ފަރާތުން ވަނީ އޭނާ ގޭބަންދުގައި ބަހައްޓައިދިނުމުގެ ވަގުތީ އަމުރަށް ހައިކޯޓުގައި އެދިފަ އެވެ. އަދި އަދީބުގެ ފަރާތުން އެދުނުގޮތަށް ހައިކޯޓުން ވަނީ އަދީބު ގެއަށް ބަދަލުކުރުމަށް ވަގުތީ އަމުރެއް ނެރެފަ އެވެ.
އެ ވަގުތީ އަމުރު ބާތިލު ކުރުމަށް ދައުލަތުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލާގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ވަނީ އަދީބު ގެއަށް ބަދަލުކުރަން ހައިކޯޓުން ނެރުނު އަމުރު ރަނގަޅު ކަމަށް ނިންމާފަ އެވެ.
މިދިއަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ވެސް ސުޕްރީމް ކޯޓުން ވަނީ އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ، ފިސްތޯލައެއް ގެންގުޅުނު ކަމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފަ އެވެ. ދެހާސް ފަނަރަވަނަ އަހަރުގެ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ދިމާކޮށް އޭރުގެ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރި ދުވަހު އޭރު ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލައެއް ގެއްގުޅުއްވި ކަމަށްބުނާ މައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވާ ދިހަ އަހަރުގެ ޖަލު ހުކުމްކޮށްފައި ވަނީ ރަނގަޅަށް ނޫންކަމަށާއި އެހުކުމް ބާތިލު ކޮށްދިނުމަށް ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން، ސުޕްރީމް ކޯޓުގައި އެދުވަހު ވަނީ އެދިފަ އެވެ.
ބޭސްފަރުވާއަށް އަދީބު ގޭބަންދުގައި ބެހެއްޓުމަށް ކުރި އަމުރަށް ސުޕްރީމް ކޯޓުން ތާއިދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ