ރައްޔިތުން ބާރުވެރިކުރުވޭނީ ރައްޔިތުންގެ މަޖިލީހަކީ ޒިންމާދާރު، ޖަވާބުދާރީވާ މަޖިލީހަކަށް ވެގެންކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ކުރިޔަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އެމްއާރުއެމް ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ، އެމްޓީސީސީގެ ކުރީގެ ސީއީއޯ އިބްރާހިމް ޒިޔަތުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި ކަންތައްތަށް ހިނގަމުންދަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ނޫންކަމަށެވެ.
ސަރުކާރުން ބޭނުންވާ ބައެއް ކަންތައްތަށް ނުވެ، ލަސްވަމުން ދާކަން ފާހަގަކުރައްވާ މައުމޫން ވިދާޅުވީ، މަޖިލިސް މެންބަރުން ހަމަނުވެގެން އަދި މިނޫންވެސް ތަފާތު ކަންތަށްތައް ދިމާވެގެން މަޖިލިސް ކުރިޔަށް ނުދިއުމަކީ ސަރުކާރަށް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވާންޖެހޭނީ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވާ އަދި މަޖިލީހުގެ ބަހުސްތަކުގައި ބައިވެރިވެވަޑައިގަންނަވާ، އަދި މަޖިލީހަށް ހުށައަޅާ މައްސަލަތަކަށް ވޯޓު ދެއްވާ މެންބަރުންނަށް ކަމަށެވެ.
ސަރުކާރުން ވިޔަސް އަމިއްލަ ފަރާތަކުން ވިޔަސް ހުށައަޅާ ކޮންމެ ގާނޫނެއް ފާސްކުރަން ނުޖެހޭ ކަމަށާއި، އެހެންނަމަވެސް އެ ގާނޫނަކާ ބެހޭގޮތުން ރައްޔިތުން ގެމަޖިލީހުގަ ވާހަކަދެކެވި އެއްޗެއް ބުނަންޖެހޭނެ ކަމަށް މައުމޫން ވިދާޅުވިއެވެ.
އަދި ރަނގަޅު ގާނޫނެއްނަމަ ބަލައިގަނެ ރަނގަޅު ނޫން ގާނޫނެއްނަމަ އެގާނޫނެއް އަނބުރާ ފޮނުވާލަންޖެހޭނެ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ. މިފަދަ ކަންތައްތައް ކުރިޔަށްދާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ހާޒިރުވެ، ކޮމިޓީތަކަށް ހާޒިރުވަންޖެހޭ ބޭފުޅުން ކޮމިޓީތަކަށް ހާޒިރުވެގެން ކަމަށެވެސް މައުމޫން ވިދަޅުވިއެވެ.
މައުމޫން ވިދާޅުވީ، އެމްއާރުއެމްގެ ތާއީދާއެކު، ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކުރިމަތިލާ ހުރިހާ ކެންޑިޑޭޓުން ވެސް ވާދަކުރަނީ އިސްލާހީ މަސައްކަތުގައި ބައިވެރިވާން ކަމަށާއި އެއީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ރައްޔިތުންގެ މަޖިލިހަށް ހޮވަން ބޭނުންފުޅުވަނީ ރައްޔިތުންނަށް ވަފާތެރި، އިހުލާސްތެރި ބޭފުޅުންތަކެއް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
ރައްޔިތުން ބާރުވެރިކުރުވޭނީ މަޖިލިސް ޖަވާބުދާރީވެގެން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ