ގާސިމް ވެރިކަމަށް ހޮވަން ޖެހެނީ "މި ގައުމު މަހުޖަނަކަށް" ހަދަން: އުމަރު

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރާއްޖޭގެ ވެރިކަމަށް އިންތިހާބު ކުރަން ޖެހެނީ ގާސިމް ފަދަ މަހްޖަނަކަށް މި ގައުމު ހެދުމަށް ކަމަށް ޕީޕއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހެންވޭރުގައި އަމީރު އަހުމަދު ސްކޫލް ކައިރީގައި މިރޭ ހުޅުވި ޖުމްހޫރީ ޕާޓީގެ ޖަގަހައިގައި ވާހަކަ ދައްކަމުން އުމަރު ވިދާޅުވީ ގާސިމް މަހްޖަނަކަށް ވެވަޑައިގެންނެވީ އެމަނިކުފާނުގެ މުރާލި ކަމުން ކަމަށާއި އެހެން ކަމުން ރާއްޖެއަކީ މުއްސަނދި ތަނަކަށް ހެދުމަށްޓަކައި ގާސިމް ފަދަ ބޭފުޅަކަށް ވޯޓު ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވިޔަފާރީގެ ހަރުގަނޑުން އަރަމުން އަރަމުން ދިވެހި ރާއްޖޭގެ މަހްޖަނުގެ މަގާމަށް އެމަނިކުފާނަށް އެ ވަޑައިގެންނެވުނީ އެމަނިކުފާނުގެ މުރާލިކަމާއި ކެރުމާއި ހިތްވަރުގެ ނަމޫނާއަކަށް ވާތީއޭ. އެއްގޮތަކަށް ވެސް އެމަނިކުފާނުގެ އޮޑި މާވަހަރެއް ހޮވައިގެން އެއްބުރުން މަހްޖަނަކަށް ވީކީ ނޫން. އެމަނިކުފާނުގެ މަންމަ ނުވަތަ ބައްޕަގެ ފަރާތުން ބައިވަރު ފައިސާތަކެއް ލެއްގީމަ މުއްސަނދިވީކީ ނޫން. އެމަނިކުފާނުގެ ހިތްވަރުން. އެމަނިކުފާނުގެ ވިޝަނުން އެކަން ހާސިލް ކުރެއްވީ. އެހެންވީމަ އަޅުގަނޑުމެން ބޭނުންވަނީ އެކަހަލަ ވިޝަނަރީ ، އެކަހަލަ މުރާލި ބޭފުޅަކަށް މި ގައުމުގެ ވެރިކަން ހަވާލުކުރަން. އެއީ މި ގައުމު މަހްޖަނަކަށް ހަދަން، "އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ގާސިމްގެ ވެރިކަމެއްގައި ކޮންމެ މީހަކީ މުރާލި ފުދުންތެރި އަކަށް ހަދާދޭނެ ކަމަށެވެ. އަދި ޒުވާނުނަށް ވަޒީފާގެ ފުރުސަތު ޔަގީންކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހެންވީމަ ކަންކަން ދަންނަ ކަންކަން ކުރުމުގެ ކެޕޭސިޓީހުރި ކަންކޮށްފައި ދައްކާފަހުރި ބޭފުޅަކު މި ގައުމުގެ ވެރިކަމަށް ގެނަން އަޅުގަނޑުމެން މި އުޅެނީ. އެ ނޫން މީހުން، ކަންކަން ކުރާނެ ކަމަށް ބުނާނެ މީހުން، އެއާކޮންޑިޝަން ތެރޭގައި ތިބެގެން ސިޓީ ބިޓީ ފޮނުވާ މީހުނަށް ވެރިކަން ދިނީމަ ކަންކަން ނުވާނެކަން އަޅުގަނޑުމެނަށް އިނގޭ. އެހެންވީމަ އަޅުގަނޑުމެން މަސައްކަތް ކުރަނީ ގާސިމް ހޮވަން،" އުމަރު ވިދާޅުވި އެވެ.
މި ރޭގެ އެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި އެންމެ ގިނަ ޕާޓީތައް ގުޅިފައިވަނީ ޖުމްހޫރީ ޕާޓީއާއެކުގަ ކަމަށާއި މިއަހަރުގެ ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން ވެސް ކާމިޔާބުވެދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެ ޕާޓީއާ ގުޅިފައިވާ ހުރިހާ ޕާޓީތަކުގެ މެންބަރުންގެ އަދަދު އެއްކޮލުމުން 60،000 ވުރެ ގިނަ މެންބަރުން އެބަތިބި ކަމަށާއި އޭގެ ތެރެއިން ކޮންމެ މެންބަރު އިތުރު އެއް ވޯޓު ހޯދައިގެން އިންތިހާބު އެއްބުރުން ކާމިޔާބު ވެދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ