މިއަދު އެ ގެއްލުވާލީ ޑީއާރުޕީގެ އައިޑެންޓިޓީ: އަހުމަދު މުހަންމަދު
ޑީއާރުޕީ އަކީ މިހާތަނަށް ވެސް ގަބޫލުކުރާ އުސޫލެއްގެ މަތީގައި ތިބި ބައެއް ކަމަށާއި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދަށް ތާއީދުކުރަން ނިންމުމަކީ އެ ޕާޓީގެ އަމިއްލަ އައިޑެންޓިޓީ ގެއްލުވާލުން ކަމަށް އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހަންމަދު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ. ބުރާސްފަތި ދުވަހު ބޭއްވި ޑީއާރުޕީގެ ކައުންސިލް ބައްދަލުވުމުގައި 12 މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމީ ނަޝީދަށް ތާއީދު ކުރުމަށެވެ. އިންތިހާބުގެ ދެ ވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރަން އަށް މެމްބަރަކު ނިންމެވި އިރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއީދުކުރަން ނިންމެވީ އަހުމަދު މުހަންމަދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު މުހަންމަދެވެ. އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހަންމަދު "ހަވީރަ"ށް ވިދާޅުވީ ގައުމީ މަސްލަހަތާއި ގައުމީ ތަރިކަ ވިއްކާނުލުމާއި ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަކީ މިހާތަނަށް ވެސް ޑީއާރުޕީގެ މައިގަނޑު ފިކުރު ކަމަށެވެ. އެހެން ނަމަވެސް ގައުމީ ތަރިކަ ވިއްކާ ކަމަށާއި ގާނޫނީ އިމުގެ ތެރޭގައި މަސައްކަތްނުކުރާ ކަމަށް އަމިއްލަ އަށް އެމްޑީޕީން އެއްބަސްވެފައިވާ އިރު އެފަދަ ބަޔަކާ ގުޅެން ޑީއާރުޕީން ނިންމުމަކީ ދައްކާ ވާހަކަ އާއި އަމަލާ ދިމާނުވާ ކަމުގެ ސާބިތު ހެއްކެއް ކަމަށެވެ. "އަޅުގަނޑަކީ ފެންސް މަތީގައި ހުންނަން ބޭނުންވާ މީހެއް ނޫން. ކޮންމެ ތަނެއްގައި ވެސް ހުންނާނީ ސާބިތުކަމާ އެކީގައި. ޑީއާރުޕީ އަކީ ތަފާތު ފިކުރެއްގެ ގޮތުގައި މިއޮތްހާ ދުވަހު މީހުން ބަލައިގަންނަމުން އައި ޕާޓީއެއް. ޑީއާރުޕީ އަކީ އެމްޑީޕީއެއް ވެސް ނޫނޭ. ޑީއާރުޕީ އަކީ ޑީއާރުޕީގެ އަމިއްލަ އައިޑެންޓިޓީއެއް އޮތް ބައެއް. މިއަދު ޑީއާރުޕީ އަމިއްލަ އައިޑެންޓިޓީ ގެއްލުވާލީ، ނޭއްގާނީ އަމަލު ތަޖުރިބާކުރެވިފައި ހުރި ވެރިއެއްގެ ފަހަތަށް ދާން. އެއީ ޑީއާރުޕީގެ އައިޑެންޓިޓީ ގެއްލުވާލުން،" އަހުމަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޑީއާރުޕީ އަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 47 ޕަސެންޓު މީހުން ތާއީދުކުރި ޕާޓީއެއް ކަމަށާއި މިހާތަނަށް ވެސް އިސްކަން ދިނީ ގައުމީ ތަރިކަ ވިއްކާނުލުމާއި ގާނޫނީ އިމުގެ ތެރޭގައި މަސައްކަތް ކުރުމަށް ކަމަށެވެ. އަހުމަދު ވިދާޅުވީ ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ތަޅު އެޅުވުމާއި ގާނޫނީ އިމުގެ ބޭރުން ފަނޑިޔާރަކު ބަންދުކުރުމާއި ސަލާމަތީ ބާރުތަކާ ދެކޮޅަށް ނުކުތުމާއި އަމިއްލަ ޕާޓީ ނޫން އެހެން ޕާޓީގެ މީހުންނަށް ނުލަފާކަން ދައްކާނެކަން އެނގިފައިވާ އިރު އެކަން ކުރި ބައެއްގެ ފަހަތަށް ސިޔާސީ ބޭނުމެއްގައި ނަމަވެސް ދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ