ރާއްޖޭގެ ރައްޔިތުން މ. އެންދެރިމާގޭ އިލްޔާސް އިބްރާހިމަށް ކުރިންސުރެ ކުރާ ތާއީދާއި ކުރި ބޮޑު އިތުބާރު ރިޔާސީ ކެންޑިޑޭޓް މ. މާފަންނުވިލާ ގާސިމް އިބްރާހިމަށް ބަދަލު ކޮށްދެއްވުމަށް ރާއްޖޭގެ ގިނަ ބައެއް ތާއީދު އޮންނަ ކުރީގެ އެޓޯލްސް މިނިސްޓަރު އިލްޔާސް އިބްރާހިމް ގޮވާލައްވައިފި އެވެ.
ގާސިމްގެ އަރިހުގައި އެމަނިކުފާނަށް ތާއީދު ހޯދައިދިނުމަށް މިއަދު ރ. ދުވާފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ އިލްޔާސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކުން އަބަދުވެސް އެމަނިކުފާނަށް ވަރަށް ބޮޑު ތާއީދެއް ދެއްވާ ކުރިންސުރެ ވަރަށް ބޮޑު އިތުބާރެއް ކުރާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގައި ވޯޓް ދޭއިރު އެ ތާއީދު ރިޔާސީ ކެންޑިޑޭޓް ގާސިމަށް ބަދަލުކޮށް ދިނުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑަށް އެނގޭ ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅުގަނޑަށް ވަރަށް ބޮޑު އިތުބާރެއް ރައްޔިތުންގެ މެދުގައި އޮންނަކަން. ވަރަށް ބޮޑު ތާއީދެއް ކުރާކަން. މިއަދު އަޅުގަނޑު ގޮވާލަނީ އަޅުގަނޑު ކުރާ ތާއީދާއި އިތުބާރު ގާސިމަށް ދެއްވުމަށް. އެކަން ކޮށްދޭންވީ ދިވެހި ރާއްޖެއަށްޓަކައި،" އިލްޔާސް ވިދާޅުވި އެވެ. "އަޅުގަނޑަށް ކުރާ ތާއީދު ގާސިމަށް ދިނުމަށް އަޅުގަނޑު އެދެނީ ކީއްވެގެންތޯ؟ ސަބަބަކީ ގާސިމަކީ މުރާލި ކަމާއެކު ނަތީޖާ ނެރުމަށް މަސައްކަތް ކުރައްވާ އަވަހަށް ނަތީޖާ ހޯއްދަވާ އިތުބާރު ކުރެވޭ ބޭފުޅެއް. ގާސިމަކީ ވަރަށް ބޮޑު އިހުލާސްތެރި އެއް. ވަރަށް ބޮޑު އަމާނާތްތެރިއެއް،"
އިލްޔާސް ވިދާޅުވީ އެމަނިކުފާނަށް ވަރަށް ރަނގަޅަށް ގާސިމް އެނގިވަޑައިގަންނަވާ ކަމަށައި ގާސިމް ތަޖުރިބާ އާއި ގާބިލު ކަމާ ވަރުންއެޅުވޭނެ އެއްވެސް ރިޔާސީ ކެންޑިޑޭޓެއް ރިޔާސީ ރޭހުގައި މިފަހަރު ނެތް ކަމަށެވެ.
"މިހެން އަޅުގަނޑު މިދަންނަވަނީ ސަބަބުތަކެއް ހުރީމަ، އަޅުގަނޑު އެމަނިކުފާނު ތަޖުރިބާ ކޮށްފައިވާތީ. ތިޔަބޭފުޅުން، ދިވެހި ރައްޔިތުން މާޒީގައި އަޅުގަނޑު ތަޖުރިބާ ކުރިފަދައިން ގާސިމަށް ތާއީދު ދެއްވާ އިތުބާރު ކުރައްވާ ތަޖުރިބާ ކުރައްވައިފިނަމަ ރާއްޖެއަށް އޮތީ ފާގަތިކަން. ރައްޔިތުންނަށް އޮތީ ދުޅަހެޔޮކަން. އެ ޔަގީންކަން އަޅުގަނޑު މިދެނީ އަޅުގަނޑު ސަރުކާރުގެ ހިދުމަތުގައި ހުރި އިރު ތިޔަބޭފުޅުން ކަންކަމަށް ޔަގީންކަން ދިން ފަދައިން،" އިލްޔާސް ވިދާޅުވި އެވެ.
ދުވާފަރުގައި ގާސިމް ވެސް ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވީ ދުވާރުގެ ބިން އިތުރައް ހިއްކާ މިޒަމާނުގެ ސިޓީއެއްގެ ފެންވަރުގައި ތަރައްގީ ކުރުމަކީ އެމަނިކުފާނު އަބަދު ވެސް ދެކެވަޑައިގަންނަވާ ހުވަފެނެއް ކަމަށާއި ވެރިކަން ލިބިވަޑައިގެންފިނަމަ އެ ހުވަފެން ހަގީގަތަކަށް ހައްދަވާނެ ކަމަށެވެ.
ދުވާފަރަށްފަހު ގާސިމާއި މިއަދު ވަނީ ށ. ފުނަދޫއަށް ވަޑައިގެންފަ އެވެ. އެރަށުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ގާސިމަށްމަރުހަބާ ދެންނެވި އެވެ.
"ރައްޔިތުން އަޅުގަނޑަށް ކުރި ތާއީދާއި އިތުބާރު ގާސިމަށް ދެއްވާ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ