2018 ނިމޭއިރު ތަރައްގީގެ އާ އުސްމިންތަކެއް ރާއްޖެ ހާސިލްކުރާނެ: ސައީދު

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ނިމޭއިރު ތަރައްގީގެ އާ އުސްމިންތަކެއް ރާއްޖެ ހާސިލްކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ، ހއ. ދިއްދޫގައި ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ބޭއްވެވި 100،000ރ. ގެ ގުރުއާން މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކާގައި ސައީދު ވިދާޅުވީ ރާއްޖޭގެ ތަރައްގީ އަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެ މަސައްކަތުގައި، މި ދައުރު ނިމޭއިރު ރާއްޖެ ވަރަށް ބޮޑު ކާމިޔާބީއެއް ހާސިލްކުރާނެ ކަމަށް ވިދާޅުވި އެވެ. ގުރުއާން މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާގައި ސައީދު ވާހަކަ ދައްކަވަނީ ސައީދު ވިދާޅުވީ ސަރުކާރުގެ ތައުލީމީ ނިޒާމް ބައްޓަންވެފައި ވަނީ ވަރަށް ބޮޑަށް ގުޅިފައިވާ ސިޔާސަތެއްގެ ތެރޭގައި ތައުލީމީ ވެއްޓެއް ރާއްޖޭގައި ބިނާކުރަން ކަމަށެވެ. ސަރުކާރުގެ ތައުލީމީ ސިޔާސަތާއި ތަރައްގީ ވެސް ބިނާވެފައިވާ ހަގީގީ އަސާސަކީ އިސްލާމްދީނުގެ ރިވެތި އަސާސް ކަމަށް ވިދާޅުވި އެވެ. ގުރުއާން މުބާރާތުގައި ނުބަލައި ކިޔެވުމުގެ ގޮފިން އެއް ވަނަ ހޯދި ޖައުދާއާ އިނާމް ހަވާލުކޮށްދެއްވަނީ. --ހަވީރު ފޮޓޯ ތައުލީމީ ދާއިރާ މުއްސަނދިކުރަން ވަރަށް މުހިއްމު މަސައްކަތްތަކެއް، މިނިސްޓަރު ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވަނީ ކޮށްފަ އެވެ. ހުރިހާ ސްކޫލެއްގައި ވެސް ގުރާން މާއްދާ ކިޔަވައިދޭ ގޮތަށް ހަމަޖައްސައި އަވަށްޓެރި ގައުމުތަކުގައި ތިބޭ ދިވެހިންނަށް ވެސް ގުރުއާން މާއްދާ ކިޔެވޭނެ ގޮތް މަގުފަހިކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "ތަރައްގީގެ ކޮންމެ ނާރެހަކަށް ގައުމެއް ދަތުރުކުރާއިރު ވެސް އިސްލާމް ދީނުގެ މި އަސާސްތަކަކާ އަޅުގަނޑުމެން ބީރައްޓެހިވެގެން ނުވާނެ،" ކިޔަވާ ވިދާޅުވާން ކުޑައިރު ދިއްދޫގައި ދުވަސްތައް ހޭދަކުރެއްވި ސައީދު ވިދާޅުވި އެވެ. ގުރުއާން މުބާރާތުން އެއް ވަނަ އަށް ދިޔަ ނުޒްލާއާ، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އިނާމް ހަވާލުކޮށްދެއްވަނީ. --ހަވީރު ފޮޓޯ ދިއްދު އަކީ ތައުލީމަށް ލޯބިކުރާ ރައްޔިތުން ތިބި ރަށެއްކަން ފާހަގަކުރައްވައި އިލްމާ ދުރުނުވަން މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ. އަދި ގައުމު ބިނާކޮށް ތަރައްގީގެ އަމާޒަށް ވާސިލްވާން ރައީސް ޔާމީން ކުރައްވާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް ވެސް ސައީދު އެދިވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގައި ސަރުކާރާ އެކު ރައްޔިތުން ތިބި ކަން ދިއްދޫ ރައްޔިތުން ވަނީ ސާބިތުކޮށްދީފަ އެވެ. ތަރައްގީގެ ކަންކަމުގައި މަޖިލިސް މެމްބަރުން ސަރުކާރާ އެކު ބުރަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަން ފާހަގަކުރައްވައި ދިއްދޫ މެމްބަރު ލަތީފު އޭނާގެ ދާއިރާއަށް ކުރައްވާ މަސައްކަތަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ