ހުމާމަށް އިއްވި މަރުގެ ހުކުމް ކަށަވަރުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމްގެ ގާތިލް ހުސައިން ހުމާމް މެރުމަށް ދަށު ކޯޓުން ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރަން އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ. އޮކްޓޫބަރު، 2012 ގައި އަފްރާޝީމަށް ހަމަލާދީ މަރާލިކަން ސާބިތުވާތީ ހުމާމް މެރުމަށް ޖެނުއަރީ، 2014 ގައި ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މުއްދަތު މިމަހުގެ ތެރޭގައި ވަނީ ހަމަވެފައި ވާއިރު ހުމާމްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކޮށްފައެއް ނުވެ އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ މައްސަލާގައި ދަށު ކޯޓުން ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ހުށަހެޅީ މިއަދުގެ ވަގުތެއްގަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމިކަން ސާފެއް ނުވެ އެވެ. ސުޕްރީމް ކޯޓުން މިމަހުގެ ތެރޭގައި އަންގާފައި ވަނީ މަރުގެ ހުކުމްތައް އިސްތިއުނާފް ކުރަން ކުށްވެރިޔާގެ ފަރާތުން ހުށަނާޅައިފި ނަމަ އެ މައްސަލައެއް އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. މަރުގެ ހުކުމްތައް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން އެ ހުކުމެއް ކަށަވަރުކޮށްގެން ކަމަށްވާއިރު ހުމާމްގެ މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި ނަމަ އެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ