ކޯޓުތައް މި ދުވަސްވަރު ރިސެސް އަށް ނުދިޔުމަށް ސުޕްރީމް ކޯޓުން އަންގައިފި

ރާއްޖޭގެ ޝަރުއީ ދާއިރާގެ އެއްވެސް ކޯޓެއް މި ދުވަސްވަރު މަސައްކަތްތައް ހުއްޓާލައި ރިސެސް އަށް ނުދިޔުމަށް އަންގައި ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރެފި އެވެ. އޭގެ އިތުރުން ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސުޕްރީމް ކޯޓުގެ ރިސެސް، ވެސް ޑިސެމްބަރ މަހުގެ އެހެން ތާރީހެއްގައި ފަށާ ގޮތަށް ފަސް ކުރުމަށާއި ރިސެސް ފަށާ ތާރީހެއް ފަހުން އިއުލާންކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާފައިވާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި ބުނެފައިވެ އެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ "ދިވެހިރާއްޖެ އިގްތިސާދީ އައު ކުރިއެރުންތަކަކަށް އަމާޒު ހިފާފައިވާ މިފަދަ ދަނޑިވަޅެއްގައި މިހާތަނަށް އާންމުކޮށް ހިނގަމުން އައި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން މި ވަގުތު ކޯޓުތައް ރިސެސް އަށް ދިޔުމަކީ ގައުމީ މަސްލަހަތު ތަންދޭ ކަމަކަށް ނުވާތީ" ރާއްޖޭގެ ޝަރުއީ ކޯޓުތަކުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ދުސްތޫރީ މަސްއޫލިއްޔަތު ކުރިއެކޭ އެއްގޮތަށް އަދާކުރުން މަތީ ދެމިތިބުމަށް ރާއްޖޭގެ އެންމެހައި ކޯޓުތަކަށް އަންގާ ކަމަށެވެ. އަދި މި ގޮތަށް ކަނޑައެޅީ ރާއްޖޭގަ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ރާއްޖޭގެ ގާނޫނުއަސާސީން ސުޕްރީމް ކޯޓަށް ލިބިދޭ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިކަމުގެ ހައިސިއްޔަތުންނާއި ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުގެ މައްޗަށް ރިއާޔަތް ކޮށްފައި ކަމަށް، ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ