އެފްއޭ ކަޕް: އޮއްޕޮގެ ހެޓްރިކާއެކު ލޯ މެޑެލް ވިކްޓަރީ އަށް

އިބްރާހިމް ފަޒީލް (އޮއްޕޮ)ގެ ހެޓްރިކާ އެކު އެފްއޭ ކަޕްގެ ލޯ މެޑެލް ވިކްޓަރީ އިން ހޯދައިފި އެވެ. ރޭ ކުޅުނު އެފްއޭ ކަޕުގެ ތިން ވަނަ ހޮވި މެޗުން ވިކްޓަރީ ތިން ވަނަ ހޯދީ ނިއުރޭޑިއަންޓް ބަލިކޮށެވެ.
މެޗު ފެށުނީއްސުރެ މެޗުގެ ކޮންޓްރޯލް ހޯދަމުންދިޔަ ނިއު އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން މިމެޗުގައި އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެ އެވެ. މެޗުގެ ކުރީކޮޅު ލީޑު ހޯދާނެ ރަނުގެ ފުރުސަތުތަކެއް ނިއުއަށް ލިބިފައިވެ އެވެ. ނަމަވެސް މިހަމަލާތައް ދިޔައީ ބޭކާރު ވެގެންނެވެ.
މެޗު ފަށައިގެން ދެމިންޓް ނުވަނީސް ނިއުގެ އަލީ ފާސިރު (ސެންޓޭ) އަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ފާސިރުގެ ބާރެއް ނެތް ހަމަލާ ވިކްޓަރީގެ ކީޕަރު ފައިސަލް ވަނީ ދިފާއުކޮށްފަ އެވެ. އޭގެ މާގިނައިރުތަކެއް ނުވަނީސް ސެންޓޭ ނަގައިދިން ނުރައްކާތެރި ހުރަހުގެ ބޭނުން ހައިޝަމް އަށް ނިންމާލެވިފައެއްނުވެ އެވެ.
މެޗުގެ 27 ވަނަ މިނެޓުގައި ވިކްޓަރީގެ އިބްރާހިމް ފަޒީލް (އޮއްޕޮ) އަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައިވެ އެވެ. ނިއުގެ ޑިފެންޑަރުން ކައިރިން ނެއްޓުމަށް ފަހު އުފެއްދި ހަމަލާ ދިޔައީ ގޯލުގެ މަތީ ދަނޑިމަތިން ބޭރަށެވެ.
ވިކްޓަރީ އިން ލީޑު ނެގީ މެޗުގެ 37 ވަނަ މިނެޓުގަ އެވެ. އޮއްޕޮގެ ބޮލުން ފޮނުވާލި މިހަމަލާ އަމާޒުވީ ގޯލުގެ ކަނަށެވެ. މެޗުގެ 45 ވަނަ މިނެޓުގައި އޮއްޕޮ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ވިކްޓަރީ އަށް ލީޑު ފުޅާކޮށްދީފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ވިކްޓަރީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ވެސް ނިއުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް ވިކްޓަރީގެ ގޯލަށް ނުރައްކާކުރެވޭ ގޮތެއް ނުވި އެވެ. މެޗުގެ 69 ވަނަ މިނެޓުގައި ނިއުގެ ޑިފެންޑަރު މަޒްހަރު ވިކްޓަރީގެ އަދުހަމް އަށް ކުރި ފައުލް އާ ގުޅިގެން ޕެނަލްޓީއެއް ދިނެވެ. މިޕެނަލްޓީ ކާމިޔާބުކޮށް، އޮއްޕޮ ހެޓްރިކް ފުރިހަމަ ކުރި އެވެ. މިއީ މިސީޒަނުގައި އޮއްޕޮ ކާމިޔާބު ކުރި 27 ވަނަ ގޯލެވެ. ލަނޑު ލިސްޓުގެ އެއްވަނާގައި އުޅޭ އޮއްޕޮ އާއި އެންމެ ގާތް ކުރަނީ 21 ގޯލު ކާމިޔާބުކުރި އަލީ އަޝްފާގު (ދަގަނޑޭ) އެވެ.
މެޗުގައި ނިއުއިން ޖެހި ހަމައެކަނި ލަނޑު ފެނުނީ 73 ވަނަ މިނެޓުގަ އެވެ. ނިއުއަށް ލިބުނު ހިލޭ ޖެހުމަކުން ގޯލު ކާމިޔާބު ކޮށްދިނީ ސެންޓޭ އެވެ. މިއީ މިސީޒަނުގައި ސެންޓޭ ކާމިޔާބުކުރި 18 ވަނަ ލަނޑެވެ. ސެންޓޭ އުޅެނީ ލަނޑު ލިސްޓުގެ ތިންވަނާގަ އެވެ.
މިމެޗު ނިމިގެންދިޔައީ 3-1 ލަނޑުން ވިކްޓަރީ އަށް ކާމިޔާބީ ލިބިގެންނެވެ. މެޗަށް ފަހު ވިކްޓަރީ އަށް ލޯ މެޑެލް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ އެކްސްކޯ މެމްބަރު އަދި ވިކްޓަރީގެ ކުރީގެ ކޯޗު މަޢުރޫފް އަހްމަދު (މާއްޓޭ) އެވެ.
އެފްއޭ ކަޕުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 21:00 ގައެވެ. ފައިނަލުގައި ބައްދަލު ކުރާނީ ވީބީ ސްޕޯޓްސް ކުލަބާއި މާޒިޔާ އެވެ. މާޒިޔާ އަކީ މިމުބާރާތުގެ ފައިނަލަށް އަލަށް ދަތުރުކުރި ޓީމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ