އަމީރު އަހުމަދު ސުކޫލު ހިނގުމަށް އައިލެންޑާސްއަށް ދީފައިވާ މުއްދަތު މިމަހުގެ 20 ގެ ނިޔަލަށް އިތުރުކޮށް ނުދީފި ނަމަ އެސުކޫލު ހިނގުމަށް ހަރަދު ކުރުން ހުއްޓާލާނެ ކަމަށް އައިލެންޑާސް ގުރޫޕުން ބުނުމާއި ގުޅިގެން އެސުކޫލުގެ ބެލެނިވެރިން ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ޕީޓީއޭގެ ނައިބު ރައީސް ނުޒުހަތު ޝަމީމު ވިދާޅުވީ 830 ދަރިވަރުން ނާސަރީގައި އެކަނި ވެސް އުނގެނެމުންދާ ކަމަށާއި އައިލެންޑަސްއިން ސުކޫލު ހިނގުމަށް ހަރަދު ކުރުން ހުއްޓާލައިފި ނަމަ އެއީ އެކުދިންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމަކަށް ވެގެންދާނެ ކަމަށެވެ.
"މިހާތަނަށް މަޑު ކުރީ ހައްލުވޭތޯ، އަޅުގަނޑުމެންގެ ތެރޭގައި ބެލެނިވެރިން އެބަ ތިބި ހަރަކާތަކަށް ދާން ޖެހުނު ނަމަވެސް ތައްޔާރަށް. އެކަމަކު އަދި ވެސް ބަލަމުން މިގެންދަނީ ވާހަކަ ދައްކައިގެން ހައްލު ކުރެވޭތޯ، އެއީ ބެލެނިވެރިން މުޒާހަރާއަށް ނުކުތުމަކީ ދަރިވަރުންނަށް ދެއްކޭ ރީތި މިސާލަކަށް ނުވާނެތީ،" މިއަދު އެޑިއުކޭޝަންގައި އަމީރު އަހުމަދުގެ ބެލެނިވެރިން ބޭއްވި ބައްދަލުވުމާއި ބެހޭ ގޮތުން ނުޒުހަތު ވިދާޅުވިއެވެ. ނުޒުހަތު ވިދާޅުވީ މިއަދު ބޭއްވި ބައްދަލުވުމުގައި އެޑިއުކޭޝަންގެ ސްޓޭޓު މިނިސްޓަރު އައިމިނަތު އަލީ، ތައުލީމީ ފަނޑުން ލާރި ދީގެން ވެސް އަމީރު އަހުމަދުގެ ދަރިވަރުން ކިޔެވުމުން މަހުރޫމު ވިޔަ ނުދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
ނުޒުހަތު ވިދާޅުވީ މާދަމާ މިނިސްޓްރީގައި ކަމާ ބެހޭ ފަރާތްތަކައި އެކު ބައްދަލުކޮށް ގޮތެއް ނިންމާނެ ކަމަށް ސްޓޭޓު މިނިސްޓަރު ވިދާޅުވި ކަމަށެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އައިލެންޑާސްގެ ޗެއާމަން މަހުމަ އަބުދުއްރަޝީދު ވިދާޅުވީ އެސުކޫލު ހިނގަމުން ގެންދާތާ ހަތް މަސްވެފައިވާ ކަމަށާއި ވޭތުވެ ދިޔަ ތަނުގައި އަމިއްލަ އަތުން ބޮޑު ހަރަދެއް އެސުކޫލު ހިނގުމަށް ކޮށްފައިވާ ކަމަށެވެ. އަމީރު އަހުމަދު އައިލެންޑަސްއާއި ހަވާލުކޮށްފައިވަނީ ޕްރީ ސުކޫލު ފެންވަރު ރަނގަޅުކޮށް 250 ރުފިޔާގެ ފީއަކަށް ހިނގުމަށާއި އެސުކޫލުގެ ބާ އިމާރާތް ހުރިތަނުގައި އައިލެންޑަސްއިން ބޭނުންވާ ތައުލީމީ މަސައްކަތެއް ކޮށްގެން ނަފާ ހޯދުމަށެވެ.
ނަމަވެސް މިހާތަނަށް އައިރު ވެސް އެކަމަށް ބޭނުންވާ ހުއްދަތަށް ލިބިފައިނުވާ ކަމަށް އަބުދުއްރަޝީދު ވިދާޅުވިއެވެ.
އަބުދުއްރަޝީދު ވިދާޅުވީ ކޮންމެ މަހަކު ވެސް ސުކޫލު ހިނގުމަށް ދެ ލައްކައާއި ތިން ލައްކަ ރުފިޔާއާއި ދެމެދުގެ އަދަދަކަށް ރުފިޔާ ހަރަދުވާ ކަމަށެވެ. އަދި އެއްބަސްވުމުގައިވާ ގޮތަށް އެތަން ހިނގުމުގެ ހުއްދަތައް ނުދޭނަމަ ދެން އެތަނަށް ހަރަދު ކުރަން ބޭނުން ނުވާ ކަމަށް ވެސް އަބުދުއްރަޝީދު ވިދާޅުވިއެވެ.
ހުއްދަތައް ނުދީ ހިފަހައްޓާފައިވަނީ ސިޓީ ކައުންސިލާއި ސަރުކާރާއި ދެމެދު އަމީރު އަހުމަދު ހިނގަމުން ގެންދާ ބިމާ މެދު އުފެދުނު މައްސަލަތަކެއްގައެވެ.
އަބުދުއްރަޝީދު ވިދާޅުވީ މިހާތަނަށް އައި އިރު ހުއްދަތައް ދީފައި ނުވާ އިރު، އައިލެންޑާސްގެ މަޝްރޫއަށް ތާއިދުކޮށް ވަރަށް އަވަހަށް އެކަންތައްތައް ހަމަޖައްސާނެ ކަމަށް އެޑިއުކޭޝަނުން ވެސް ބުނެފައިވާ ކަމަށެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ނުޒުހަތު ވިދާޅުވީ އެސުކޫލު އައިލެންޑަސްއާއި ހަވާލު ކުރި އިރު ބައެއް ބެލެނިވެރިން ހިތްހަމަނުޖެހުން ފާޅު ކުރި ނަމަވެސް މިހާރު ކަންތައްތައް ކުރަމުންދާ ގޮތުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
އަދި ސުކޫލު ހިނގަން ދީފައިވަނީ ވަގުތީ ހުއްދައަކަށް ވާތީ އެކުންފުނިން އުފުލަން ޖެހޭ ތަކުލީފުތައް ވެސް ގަބޫލު ކުރެވޭ ކަމަށެވެ. ނުޒުހަތު ވިދާޅުވީ އައިލެންޑާސްއިން އެސުކޫލާއި ހަވާލުވުމަށްފަހު މުދައްރިސުންގެ މުސާރަ ބޮޑުކޮށް ސުކޫލުގައި ނަރުހަކު ބަހައްޓާފައިވާ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ނުޒުހަތު ވިދާޅުވީ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށް ބެލެނިވެރިން ބާރު އަޅަމުންދަނީ އެއްވެސް ބަޔަކު ބާރު އަޅައިގެން ނޫން ކަމަށާއި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ބެލެނިވެރިން ގަބޫލު ކުރާތީ ކަމަށެވެ.
އަމީރު އަހުމަދު ހުއްޓުމަކަށް އަތުވެދާނެތީ ބެލެނިވެރިން ހާސްކަމެއްގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ