އިމާރާތްކުރުމުގެ ދާއިރާގެ ރައްކާތެރިކަމާ ގުޅޭ ގާނޫނުތައް އަވަސް ކުރުމަށް މަސީން ގޮވާލައިފި
އިމާރާތްކުރުމުގެ ދާއިރާގެ ރައްކާތެރިކަމާ ގުޅޭ ގާނޫނުތައް އަވަސް ކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ )މަސީ( ން މިއަދު ގޮވާލައިފި އެވެ. އެ ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާގެ ރައްކާތެރިކަމާ ބެހޭ ގާނޫނާއި ގަވާއިދުތައް ހެދުން ލަސްވަމުންދާތީ ނުރައްކާތެރި ހާދިސާތައް ދިމާވަމަށް މަގުފަހިވަމުން އަންނަ ކަމަށެވެ. "އިމާރާތްކުރާ ތަންތަނުގައި ހުންނަން ޖެހޭ ސިއްހީ އަދި ސަލާމަތީ ކަންކަމުގެ މިންގަނޑުތައް ގާނޫނާއި ގަވާއިދުގެ ތެރެއިން އެބަޖެހޭ ހެދެން. އެހެންނޫނީ އެކަންކަމަށް ފަރުވާކުޑަ ކުރުމުގެ މައްސަލަތައް އެބަދިމާވޭ. މީގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑު. އިއްޔެ ވެސް އިމާރާތްކުރަމުންދާ ގެއެއްގައި ހުރި ލިފްޓެއް ކަނޑައިގެން ގޮސް ބަޔަކަށް ވަނީ އަނިޔާވެފައި،" ޖަނާހު ވިދާޅުވި އެވެ. އިމާރަތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޖަނާހު ގޮވާލެއްވި އެވެ. އަދި އިމާރާތްކުރުމުގެ ދާއިރާގައި ހިނގާ ނުރައްކާތެރި ހަދާސާތައް މަދުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިއަހަރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި އިމާރާތެއްގެ މަސައްކަތް ކުރަން އުޅެނިކޮށް، ހަ ވަނަ ބުރިން ވެއްޓި ބިދޭސީ އަކު މަރުވެފަ އެވެ. އަދި އިއްޔެ ވެސް ވަނީ ހަދަމުންދިޔަ އިމާރާތެއްގެ ނުވަނަ ބުރިއާ ހިސާބުން ލިފްޓް ކަނޑައިގެން ގޮސް ދެ މީހަކު ވެއްޓި ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. މަސީން ބުނީ މިފަދަ ނުރައްކާތެރި ހާދިސާތައް ދިމާވުމަކީ ވަރަށް ބޮޑަށް ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި އިމާރާތްކުރުމުގައި މަސައްކަތްތަކުގައި އުޅޭއިރު ވީހާ ވެސް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ދޭތެރޭ ވިސްނުނަމަށް ވެސް މަސީން ގޮވާލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ