ސާޖިދު: ހަވީރު އެވޯޑް ތިން ވަނަ ފަހަރަށް ހޯދުމާ ދިމާލަށް
އިސްމާއިލް ސާޖިދު ނުވަތަ ކުޑަކާއްޓޭ އަކީ ވޮލީބޯޅަ އިން މިހާރު ފެންނަ އެންމެ ހުނަރުވެރި ކުޅުންތެރިޔާ އެވެ. ވޮލީބޯޅަ އާއިލާއަކަށް އުފަން ސާޖިދު ވަނީ ހަވީރުގެ ވޮލީބޯޅަ އެވޯޑް ޖެހިޖެހިގެން ދެ ފަހަރު ހޯދައި ނިޒާރު އިބްރާހިމް ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްފަ އެވެ. މި ފަހަރު އެވޯޑް ހާސިލްކުރެވިއްޖެ ނަމަ އޭނާ ވެގެންދާނީ ވޮލީބޯޅަ އެވޯޑް ޖެހިޖެހިގެން ތިން އަހަރު ހޯދާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އެވޯޑް ޖެހިޖެހިގެން މިހާތަނަށް ހޯދި ހަމައެކަނި ކުޅުންތެރިޔަކީ ބާސްކެޓްބޯޅަ އެވޯޑް ތިން ފަހަރު ހާސިލްކުރި އައިމިނަތު ޝިއުރާ އެވެ. ސާޖިދު މިހާރު އެ ދަތުރުކުރަނީ އެ ދިމާލަށެވެ. ހަވީރުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމް 2012 އަދި 2013 ވަނަ އަހަރު ހޯދި ސާޖިދު މި ފަހަރު ވެސް ގަދަ ފަހެއްގައި ހިމެނެ އެވެ. އޭނާ ވަނީ މިދިޔަ އަހަރު ސިފައިންނާ އެކު ގައުމީ ވޮލީބޯޅަ ލީގާއި އެސޯސިއޭޝާން ކަޕް ކާމިޔާބުކޮށްފަ އެވެ. "އެވޯޑަށް ވިސްނައިގެނެއް ނޫން ކުޅެނީ. ސީޒަނުގެ ތެރޭގައި ބޮޑަށް ވިސްނަނީ ކްލަބަށް ކާމިޔާބު ހޯދައިދޭން. އެކަމަށްޓަކައި ރަނގަޅު ކުޅުމެއް ދައްކަނީ،" ވޮލީ ބޯޅަ އާއިލާއަކަށް ނިސްބަތްވާ ސާޖިދު ބުންޏެވެ. "އެގޮތަށް ދައްކާ ކުޅުމާ އެކު އެވޯޑާ ހަމަޔަށް އާދެވެނީ." 2011ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ މެޗެއްގައި ޕޮއިންޓެއް ހޯދުމަށް ފަހު ސާޖިދު (ކ) އުފާފާޅުކުރަނީ. - ހަވީރު ފައިލް ފޮޓޯ ސާޖިދު ބުނީ މިދިޔަ އަހަރު ދެއްކި ކުޅުމަށް ބަލާއިރު އެވޯޑާ ދޭތެރޭ އުއްމީދުކުރާ ކަމަށާއި އެވޯޑް ކާމިޔާބުުވުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ ބުނީ އެވޯޑް ތިން ފަހަރު ކާމިޔާބުކުރެވިއްޖެ ނަމަ އެއީ ލިބޭނެ ވަރަށް ބޮޑު ރީތި ނަމެއް ކަމަށެވެ. "މިދިޔަ އަހަރު ދެއްކުނު ކުޅުމަށް ބަލާއިރު ވަރަށް ބޮޑަށް އުއްމީދުކުރަން އެވޯޑަށް. ޖެހިޖެހިގެން ތިން ފަހަރު އެވޯޑް ހޯދިއްޖެ ނަމަ އެއީ ލިބޭނެ ވަރަށް ބޮޑު ރީތި ނަމަކާއި ކާމިޔާބެއް،" ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ މުހައްމަދު ސާޖިދުގެ ކޮއްކޮ ބުންޏެވެ. ސާޖިދަކީ ހަވީރު ވޮލީބޯޅަ އެވޯޑް ޖެހިޖެހިގެން ދެ ފަހަރު ހޯދި ދެ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެކެވެ. މި އެވޯޑް ޖެހިޖެހިގެން ދެ އަހަރު އެންމެ ފުރަތަމަ ހޯދީ ކުރީގެ މަޝްހޫރު ކުޅުންތެރިއާ ނިޒާރު އިބްރާހިމެވެ. ނިޒާރު މި މަގާމު ހޯދީ 2003 ވަނަ އަހަރާއ 2004 ވަނަ އަހަރެވެ. މިދިޔަ އަހަރު އެވޯޑް ހޯދުމަށް ފަހު ސާޖިދު ބުނީ އެއީ މި ފެންވަރުގައި ކުރިއަށްދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި މަތީ ފެންވަރުގައި ކުޅެ، ނިޒާރު ހޯދި ކަހަލަ ކާމިޔާބެއް ހޯދަން މަސައްކަތްކުރާނެ ކަމަށެވެ. ސާޖިދު ނުވަތަ ކުޑަކާއްޓޭ އަކީ ޒުވާން އުމުރެއްގައި ވޮލީގެ އެންމެ އުހަށް އެރި ކުޅުންތެރިއެކެވެ. ހަވީރުން ހޮވާ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމު 2012 ވަނަ އަހަރު ހޯދުމުގެ ކުރިން އޭނާ ވަނީ 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ