އަލީ ވަހީދާއި އިމްރާނާއި އަމީންގެ ބަންދާ މެދު ހައި ކޯޓުން މާދަމާ ގޮތެއް ނިންމަނީ
އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމްގެ ބަންދުގެ މުއްދަތު ކްރމިނަލް ކޯޓުން އިތުރުކޮށްދިން މައްސަލައިގައި މާދަމާ ގޮތެއް ކަނޑައަޅަން ހައި ކޯޓުން ނިންމައިފި އެވެ. އަމީންގެ ބަންދުގެ މައްސަލައިގައި ގޮތެއް ނިންމުން އޮންނާނީ މެންދުރުފަހު 2:30 ގަ އެވެ. އިމްރާންގެ މައްސަލަ ތާވަލްކޮށްފައި ވަނީ 2:45 އަށެވެ. އޭގެ ފަހުން، 2:55 ގައި އޮންނާނީ އަލީ ވަހީދުގެ މައްސަލަ އެވެ. ބަންދުގެ މުއްދަތު އިތުރުކޮށްދިން މައްސަލައިގެ އިސްތިއުނާފް އަޑުއެހުމަށް މިދިޔަ ހޯމަ ދުވަހު އަލީ ވަހީދު ހައި ކޯޓަށް ހާޒިރުކޮށްފައި.-- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން ދޫނިދޫގައި އަލީ ވަހީދާއި އިމްރާނާއި އަމީން ބަންދުކޮށްފައި ތިބީ މި މަހުގެ 1 ގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން އެ ތިން ބޭފުޅުންގެ ބަންދަށް 15 ދުވަސް ޖަހައިދިނުމުންނެވެ. އެ މައްސަލަ އެ ތިން ބޭފުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރައްވާފައި ވާއިރު، އެ ބޭފުޅުންގެ ބަންދަށް ކޯޓުން ދިން މުއްދަތު އަންނަ ހޮނިހިރު ދުވަހަށް ހަމަވާނެ އެވެ. ބަންދުގެ މުއްދަތު އިތުރުކޮށްދިން މައްސަލައިގެ އިސްތިއުނާފް އަޑުއެހުމަށް މިދިޔަ ހޯމަ ދުވަހު އިމްރާން ހައި ކޯޓަށް ހާޒިރުކުރަނީ.-- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން އަލީ ވަހީދާއި އިމްރާންގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ވަނީ މިދިޔަ ހޯމަ ދުވަހު ނިންމާފަ އެވެ. އަދާލަތު ޕާޓީން އިސް ނަގައިގެން ކުރި މުޒާހަރާގައި ސަރުކާރާ ދެކޮޅަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމުގެ ތުހުމަތުގައި އަލީ ވަހީދާއި އިމްރާނާ އެކު، އަމީން ވެސް ހައްޔަރުކުރި އެވެ. އޭނާ ވެސް ވަނީ ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރައްވާފަ އެވެ. ބަންދުގެ މުއްދަތު އިތުރުކޮށްދިން މައްސަލައިގެ އިސްތިއުނާފް އަޑުއެހުމަށް އަމީން އިއްޔެ ހައި ކޯޓަށް ހާޒިރުކުރުމަށް ފަހު އަނބުރާ ދޫނިދޫ އަށް ގެންދަނީ.-- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން އަމީންގެ އިސްތިއުނާފް މައްސަލަައިގެ އަޑުއެހުންތައް ވެސް ހައި ކޯޓުން ވަނީ އިއްޔެ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ