ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އުތުރުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ހދ. ހަނިމާދޫއަށެވެ. އެރަށުގައި ޖުމްހޫރީ ގުޅުމަށް ތާއީދުކުރާ ފަރާތްތަކުން ހަދާފައިވާ މާލަމެއް އެމަނިކުފާނު ވަނީ ހުޅުވައިދެއްވާފަ އެވެ. ހަނިމާދޫއަށްފަހު ގާސިމް ވަޑައިގަންނަވާނީ އިހަވަންދޫއަށެވެ. ޖުމްހޫރީ ގުޅުމުގެ ހއ. ޖަލްސާ މިރޭ ބާއްވާނީ ހޯރަފުށީގައި ކަމަށްވެސް ޖުމްހޫރީ ގުޅުމުން މިއަދު ބުންޏެވެ. އެ ޖަލްސާގައި ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ހޯރަފުށީ ޖަލްސާ ނިންމަވާލެއްވުމަށްފަހު މިރޭގެ ވަގުތެއްގައި ގާސިމް މާލެ ވަޑައިގަތުމަށްފަހު މާދަމާގެ ވަގުތެއްގައި އެނބުރި އެމަނިކުފާނު ހއ. ދިއްދޫއަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ދިއްދޫގެ ހާލަތު ބެއްލެވުމަށްފަހު މާދަމާ ރޭ ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ ކަމަށާއި، އެރޭ ކުޅުދުއްފުށީގައި ވެސް ގާސިމް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެއެވެ. ކުޅުދުއްފުށި ޖަލްސާ އަށް ފަހު ށ. އަތޮޅަށް ވަޑައިގެން ފުނަދޫގައި ބާއްވާ ޖަލްސާގައި ވެސް ގާސިމް ތަގުރީރު ކުރައްވާނެ އެވެ.
މީގެ އިތުރުން ރ. އަތޮޅަށް ވަޑައިގެން ދުވާފަރު ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި އެމަނިކުފާނު މާލެ ވަޑައިގެން ދެން ވަޑައިގަންނަވާނީ އައްޑޫ ސިޓީއަށެވެ. އައްޑޫ ދަތުރުފުޅުގައި އެ ސިޓީގައި ވެސް ޖަލްސާއެއް ކުރާނެ އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ވޯޓްލާން ނިކުންނައިރު، އިންތިހާބުގައި ވާދަކުރައްވާ ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަދި މީހުން ދިރިއުޅޭ އެންމެ ރަށެއް ފިޔަވާ ހުރިހާ ރަށަކަށް ވަޑައިގެންނެވި ހަމައެކަނި ރިޔާސީ ކެންޑިޑޭޓަކީ ގާސިމެވެ.
އުތުރުގެ އަތޮޅުތަކަށް ގާސިމް ދަތުރުފުޅެއް ފައްޓަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ