އަހުމަދު ދީދީގެ ބޮމްބޭ ދަރުބާރުން: ލޯތްބާ އެކު
އެއީ އިނގިރޭސި ސިފައިން އައްޑު އަތޮޅު ގަމުގައި ވަޒަންވެރިވެގެން އުޅުނު ޒަމާނެވެ. އިނގިރޭސިންގެ ނުފޫޒާއި ހިޔާލާއި ފިކުރާ އެކު އައްޑޫ މީހުންގެ އަތްމަތި އާދަޔާހިލާފަށް ތަނަވަސްވެފައި އޮތް ދުވަސްވަރެވެ. ތައުލީމު އުނގަންނައިދިނުމަށް އެ މީހުންގެ ދަރިން ނިކަން ކުޑައިރު އެކި މީސްމީހުންގެ ހަވާލުގައި ގައުމުން ބޭރަށް ފޮނުވައިގެން އުޅުނު ދުވަސްތަކެވެ. ދަންނަ ބަޔަކާ ހަވާލުކޮށް، އަހުމަދު ދީދީގެ ބައްޕަ އޭނާ އިންޑިއާ އަށް ފޮނުވާލިއިރު އޭނާ އަށް އަދި ނުވަ އަހަރު ވެސް ނުފުރެ އެވެ. ގުރުއާން ހިތު ދަސްކުރުމަށް އޭނާ ދިޔައީ އިންޑިއާގެ ގުޖުރާތަށެވެ. އެއްގޮތަކަށް ވެސް ހިތުގައި އޮތް ޝައުގުވެރިކަމެއްގެ ބޮޑު ކަމަކުން އެކަމަށް އެދިގެންނެއް ނޫނެވެ. ބައްޕަގެ ނިންމުމަށް ކިޔަމަންވެ އެ އިހްލާސްތެރިކަން އަދާކުރުމަށެވެ. އުމުރުން 13 އަހަރުގައި ގުރުއާން ހިތު ދަސްކުރުމަށް ފަހު އޭނާ ކިޔަވަން ފެށީ އަރަބި ބަހެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ، އިނގިރޭސީން އައްޑޫން ފޭބުމާ އެކު އޭނާގެ އާއިލާ އަށް ކުއްލި ހީނަރުކަމެއް ކުރިމަތިވެ އުނދަގޫ ދުވަސްތަކެއް ތަހައްމަލްކުރަން އަހުމަދު ދީދީ އަށް މަޖުބޫރުވީ އެވެ. އާއިލާގެ އަތްމަތި ދަތިވުމުން އޭނާ ބަދަލުވީ މުމްބާއީ (އޭރުގެ ބޮމްބޭ) އަށެވެ. އެއަށް ފަހު ހާލުގައި ޖެހުނީ އެވެ. ކިޔެވުން ހުއްޓާލަން މަޖުބޫރުވެ، ބަނޑުހައި ހޫނުކަމާއި ބޯހިޔާވަހިކަމެއް ނެތި އުޅެން މަޖުބޫރުވީ އެވެ. ފަރުދާގެ ފުރަގަހުގައި ބޮޑު ހީލަތްތެރިކަމެއް ހިނގާފައި އޮތްކަން އޭނާ އަށް އެނގުނީ އާއިލާގެ މީހުންނާ ގުޅުން ގޯސްވިތާ ދެ އަހަރު ފަހުންނެވެ. ސ. މީދު އަށް އުފަން އަހުމަދު ދީދީ މުމްބާއީގައި ހާލުގައި ޖެހުނީ އަސްލު އޭނާގެ އާއިލާ އަށް ކުރިމަތިވި ދަތިކަމަކުންނެއް ނޫނެވެ. އެ މީހުން ދިޔައީ އޭރު ވެސް ގަމުން، ސިންގަޕޫރު މަގުން އޭނާގެ ޕޮކެޓް މަނީ ޕައުންޑުން ފޮނުވަމުންނެވެ. ނަމަވެސް ހަ މަސް ވަންދެން އެ ފައިސާ އެރީ އޭނާގެ އަތަކަށް ނޫނެވެ. ކޮންމެވެސް އެހެން ދީދީއެއްގެ އަތަށެވެ. އޮޅުމަކުން ނެއް ނޫނެވެ. އެކުގައި އުޅުނު އެކުވެރިޔާ އޭނާގެ ފައިސާކޮޅު ކާލީ އެވެ. އަދި ފައިސާ ލިބިއްޖެ ކަމަށް ބުނެ އަހުމަދު ދީދީގެ މަންމަމެންނަށް ސިޓީ އާއި ހަދިޔާ ވެސް ފޮނުވީ އެވެ. މިކަންތައް ފަޅާ އެރީ ހާލުގައި ޖެހިގެން މުމްބާއީގެ މިސްކިތެއްގައި ބޯހިޔާކޮށްލައިގެން އުޅުނު އަހުމަދު ދީދީ އަށް ބަޔަކު މީހުން އެހީވެ އޭނާ އަށް ފައިސާކޮޅެއް ލިބިގެން އެނބުރި ރަށަށް ދިޔަ ހިސާބުންނެވެ. ރަށުން އޭނާގެ މަކަރުވެރި އެކުވެރިޔާއާ ވެސް ދިމާވި އެވެ. މައާފުކޮށް ސަލާންކޮށް އެކަން ހަނދާން ނައްތާލީ އެވެ. މިއީ މިހާރު ހުޅުމާލޭގައި، ނިއު ޓައުންގެ ނަމުގައި ކުލަގަދަ ގެސްޓް ހައުސްއަކާއި އިންޑިއާގެ ރަހަގަދަ ރެސްޓޯރެންޓެއް ހުޅުވައިގެން އުޅޭ 50 އަހަރުގެ އަހުމަދު ދީދީ މިހާރު ހުރި ފިޔަވަޅަށް އައުމުގެ ކުރިން އޭނާ ނެގި ފުރަތަމަ ފިޔަވަޅުގެ ވާހަކަ އެވެ. މިސްކިތުގައި އުޅެނިކޮށް އޭނާ އަށް އެހީވި މީހާ ގޮސް އޭނާ ހަވާލުކުރީ ރެސްޓޯރެންޓެއްގެ ވެރިޔަކާ އެވެ. އަހުމަދު ދީދީގެ ދިރިއުޅުން އަބަދުގެ އަބަދަށް ބަދަލުވެގެން ދިޔަ ހިސާބަކީ އެއީ އެވެ. ނިއު ޓައުން ގެސްޓް ހައުސް. --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް މިއީ އެއްގޮތަކަށް ވެސް، ބޮލީވުޑްގެ ފިލްމަކުން އިރާލާފައި އޮތް ޕްލޮޓެއް ނޫނެވެ. ނަމަވެސް ބޮލީވުޑްގެ މައި ރަށް މުމްބާއީގައި ވަޒަންވެރިވެފައިވާ އަހުމަދު ދީދީގެ ވާހަކަ ފިލްމަކަށް ދޫނުކުރެ އެވެ. އޭނާގެ ހިތާއި ސިކުނޑި އާއި ރަހަ ވަނީ އިންޑިއާއާ ގުޅިލާމެހިފަ އެވެ. އަނބިމީހާ އަކީ ޕާކިސްތާނުގެ ފިރިހެނަކާއި އިންޑިއާގެ އަންހެނަކަށް ލިބިފައިވާ އަންހެން ދަރިއެކެވެ. ޝަމީނާއާ އަހުމަދު ދީދީ ކައިވެނިކުރީ މީގެ 31 އަހަރު ކުރިންނެވެ. އެއީ އެރެންޖު މެރިޖެކެވެ. އޭރު ޝަމީނާ އަށް 17 އަހަރެވެ. އަހުމަދު ދީދީ އަށް 21 އަހަރެވެ. "ޝަމީނާގެ މަންމަ، އޭނާގެ ތިން އަންހެން ކުދިން ދައްކާފައި އެދުނީ އޭގެ ތެރެއިން ކޮންމެވެސް އެކަކާ ކައިވެނިކުރުމަށް،" އުމުރުން 17 އަހަރުން ފެށިގެން ގާތްގަނޑަކަށް ފަސް އަހަރު ވަންދެން ކޭޝިއަރެއްގެ ވަޒީފާ އަދާކުރި ރެސްޓޯރެންޓްގެ ވެރިޔާގެ ވިޔަފާރި މެނޭޖަރުގެ އާއިލާގެ ހުށަހެޅުން އައި ގޮތް ކިޔައިދެމުން އަހުމަދު ބުންޏެވެ. ދެ މީހުންގެ ކައިވެންޏަށް ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބި ކާފަ ދަރިއެއް ވެސް ލިބިފަ އެވެ. ކާފަ ދަރިފުޅުގެ ބައްޕަ އަކީ އަނެއްކާވެސް ދިވެއްސެކެވެ. އިންޓަވިއުގެ ތެރެއިން: އަހުމަދުގެ ކާމިޔާބީގެ ފަހަތުގައި ޝަމީނާގެ ހިއްސާ ވެސް ބޮޑު. --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް ދިވެހި ޕާސްޕޯޓެއް އޮތަކަސް އަހުމަދު ދީދީ އަކީ ފައްކާ "އިންޑިއަން" އެކެވެ. މުމްބާއީގައި ރިއަލް އެސްޓޭޓް ވިޔަފާރިކޮށް ކޮޅަށް ތެދުވިފައިވާ އަހުމަދު ދީދީ މުމްބާއީ މީހުން ދަންނަނީ ޕަޓޭލްގެ ނަމުންނެވެ. އޭނާގެ އައިޑީ ކާޑުގައި އާންމު ނަމެއްގެ ގޮތުގައި އޮތީ ޕަޓޭލްގެ ނަމެވެ. އެހެންވީމަ، މިހާ ހިސާބުން އޭނާގެ ވާހަކަ ކުރިއަށް ގެންދަންވީ ޕަޓޭލްގެ ގޮތުގައި ހެއްޔެވެ؟ "ވަރަށް މަދުން ރާއްޖެ އަންނަނީ. އާންމުކޮށް އާއިލާ މީހަކު ބަލިވެގެން ނުވަތަ ޕާސްޕޯޓް ފަދަ ލިޔެކިޔުމެއް އާކޮށްލަން އެކަނި،" ގެސްޓް ހައުސް ހުޅުވުމަށް ބޭއްވި ހަފުލާގެ ތެރެއިން ދިމާވެގެން ދިން އިންޓަވިއުއެއްގައި ޕަޓޭލް ބުންޏެވެ. "މިގޮތަށް އަޔަސް ރާއްޖޭގައި އަހަރެއްހާ ދުވަހެއް ނުވާނެ އެއްވެސް އިރަކު. އާންމުކޮށް އަންނަކީ 15-20 ދުވަހަށް. އިންޑިއާގައި ހުރެފައި އެންމެ ފުރަތަމަ އައިއިރު ރަނގަޅަށް ދިވެހިން ވާހަކަ ދައްކާކަށް ވެސް ނޭނގޭ. އޭރު 16 އަހަރު. މިހާރު ވެސް ކޮށި. ވަރަށް ވިސްނައިގެން ވާހަކަ މި ދައްކަނީ." ތެދެކެވެ. ދިވެއްސަށް ކޮށްޓެވެ. ނަމަވެސް ހިންދީ، އުރުދޫ އަދި ޕަންޖާބާއި ގުޖުރާތުގެ ބަހަށް ވަރަށް ވެސް ފަރިތަ އެވެ. "އެކަމަކު އިންޑިއާގެ ބަހުން ވަކި އިންޑިއާގެ މީހަކަށް ވެސް އަޅުގަނޑަކަށް ވުރެ ފަރިތަކޮށެއް ނުދެއްކޭނެ ވާހަކައެއް،" ސަމާސާ ރާގުގައި އޭނާ މިހެން ބުންޏަސް އެއީ ތެދެކެވެ. އަހުމަދު ދީދީ ބުނާ ގޮތުން އޭނާގެ ދިރިއުޅުން ބަދަލުކޮށްލީ، މުމްބާއީގައި އުޅެނިކޮށް ހާލުގައި ޖެހިގެން ދިމާވި ހާދިސާ އެވެ. އޭނާ އަށް އެހެން އާއިލާއެއް ލިބުނީ އެވެ. އަދި ކިޔެވުން ވެސް އަލުން ފަށައިގެން އެންމެފަހުން މެރިން އިންޖިނިއަރެއްގެ ސަނަދު ނެގީ އެވެ. ބޭރުގެ ކުންފުންޏެއްގައި އޭނާ 11 އަހަރު ޗީފް އިންޖިނިއަރަކަށް އުޅުނެވެ. ރެސްޓޯރެންޓުގެ ކޭޝިއަރުގެ ވަޒީފާ އޭނާ ފެށީ 500 ރުޕީސް އިންނެވެ. އެ ވަޒީފާ ދޫކޮށްލިއިރު ލިބެނީ 1800 ރުޕީސް އެވެ. މެރިން އިންޖިނިއަރެއްގެ ގޮތުގައި ބޯޓަކަށް އެރިއިރު ލިބެނީ 380 އެމެރިކާ ޑޮލަރެވެ. ބޮންތި އަށް އަރައި ބޯޓުން ފޭބިއިރު މުސާރައިގެ ގޮތުގައި 15،800 ޑޮލަރު ލިބެ އެވެ. އޭނާގެ މި މުސާރަ ރައްކާކޮށް ބެލެހެއްޓީ އޭނާގެ އަންހެނުންނެވެ. އެ ވާހަކަ ކިޔައި ދެމުން އޭނާ ތަރުޖަމާކޮށްލީ ހިންދީ ޅެމެކެވެ. "ބުނެއެއް ނޫން ފިރިމީހާ އަށް ކިތަންމެ ފައިސާއެއް ލިބުނަސް އަންހެނުން އެ ފައިސާ ފައިސާއަކަށް ހަދަން ކަމެއް ނުކުރަންޏާ އެ އެއްޗެހިތައް އޮންނާނީ ޖަމާނުކުރެވިފައޭ. އަހަންނަކަށް ނޭނގޭ މި ވާހަކަ ދިވެހި ޅެންވެރިބަހުން ބުނާކަށް،" އަހުމަދު ބުންޏެވެ. އަހުމަދު ދީދީގެ އަންހެނުން ޝަމީނާ (ކ) އަދި އެމީހުންގެ ދަރިއެއް ފަދައިން ބަލާ އެހެން ފިރިހެން ކުއްޖެއް. --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް އަހުމަދު ފޮނުވި ފައިސާ އޭނާގެ އަންހެނުން ޖަމާކޮށް އިންވެސްޓްކުރީ ރިއަލް އެސްޓޭޓަށެވެ. އެންމެފަހުން މަންމަ އަށް ހުޅުމާލެއިން ލިބިފައި އޮތް ބިމަށް ހަދާނެ ގޮތެއް ނޭނގިފައި އޮތްވައި އެ ބިން މަންމަ އަތުން 20 އަހަރަށް ކުއްޔަށް ނެގުމަށް ފަހު 550،000 ޑޮލަރު ހޭދަކޮށްގެން ނިއު ޓައުން ހޮޓެލް އެތަނުގައި ކޮޅަށް ނެގީ މުމްބާއީގައި ކުއްޔަށް ދީފައި ހުރި އިމާރާތްތަކާއި ފިހާރަތަކުގެ ތެރެއިން ބައެއް ތަންތަން ވިއްކާލުމަށް ފަހު އެވެ. ނިއު ޓައުންގެ ކޮޓަރިއެއް: މިއީ އަހުމަދު ދީދީ ރާއްޖޭގައި ކުރި ފުރަތަމަ އިންވެސްޓްމަންޓް. --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް މިހާރު އޭނާގެ ޝައުގުވެރިކަން ދީފައި ވަނީ އަމިއްލަ ފަސްގަނޑުގައި ރަނގަޅު ވިޔަފާރިއެއް ކުރުމަށެވެ. ނަމަވެސް މި ވިސްނުމުގައި އެންމެ ފުރަތަމަ އުފަން ބިމަށް ފުންމާލި ހިސާބުން ވެސް އޭނާ އަށް ލިބުނީ ދޯކާއެކެވެ. ހޮޓެލްގެ އިންޓީރިއާ ހަދައިދޭން ބުނެ ފައިސާ ނެގި މީހާ ކެހި ދިނީ އެވެ. ނަމަވެސް ދެން ވެސް ހިތްބުރަކަމެއް ނެތި އޭނާ ކުރިއަށް ހިނގައިގަތީ ބޮލީވުޑްގެ ޅެން ބަހުރުވައިން ހަމަލާ ދެމުންނެވެ. "ވޮ އަފްސާނާ ޖިސޭ އަންޖާމް ތަކު ޕޮހޮޗާނާ ނަހޯ މުންކިން، އުސޭ އޭކު ހޫބުސޫރަތު މޯޅު ދޭކޭ ޗޯޅުދޭނާ އައްޗާ." ދެން އޭނާ ކިޔައިދިނީ އޭގެ މާނަ އެވެ. "ކަމެއް ކުރަމުންދާއިރު އުނދަގޫތަކެއް ދިމާވެއްޖެ ނަމަ އެންމެ ރަނގަޅު ގޮތަކީ ކޮންމެވެސް ރީތި ގޮތަކަށް އެކަމަކުން އަނބުރާލާފައި ދިއުމޭ." އަހުމަދު ދީދީގެ ގެސްޓް ހައުސްގައި ހުޅުވާފައިވާ "ބޮމްބޭ ދަރުބާރު" ރެސްޓޯރެންޓަކީ އޭނާ އެންމެ ފުރަތަމަ ވަޒީފާ އަދާކުރި ރެސްޓޯރެންޓުން ހިތްވަރު ލިބިގެން ފައްކާކުރި ހިޔާލެކެވެ. އަދި ރިހަގަނޑު ކެއްކީ އާންމުކޮށް ރާއްޖެ އަށް ކުރާ ދަތުރުތަކުގައި އިންޑިއަން ފުޑްގެ ރަހަގަނޑު މިކޮޅުން ދުލަށް ފަސޭހަ ނުވެގެންނެވެ. "ރާއްޖެ އަންނައިރު ރައްޓެހިން ގެންދާނެ ވަރަށް މީރު އިންޑިއަން ފުޑް ލިބޭ ތަންތަނޭ ކިޔާފަ އެކި ތަންތަނަށް. އެކަމަކު ނަމުގައި އިންޑިއަން ފުޑް ލިބުނަސް އޭގެ ހަގީގީ ރަހަގަނޑުގެ ރަހައެއް ލިބިފައެއް ނެތް މިތަނުން. އެހެންވީމަ މި ރެސްޓޯރެންޓް ހުޅުވުމުގެ މައިގަނޑު އެއް ބޭނުމަކީ ހަގީގީ އިންޑިއަން ފުޑްގެ ރަހަ ދިވެހިންނަށް ދައްކާލުން،" އިންޑިއަން ފުޑަށް ހާއްސަ ޝެފެއް 1200 ޑޮލަރުގެ މުސާރައަކަށް ގެނެސްގެން ހިދުމަތް ފަށާފައިވާ އަހުމަދު ބުންޏެވެ. ނިއު ޓައުން ހުޅުއްވައި ދެއްވީ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު (ކ2) އާއި އިންޑިއާގެ ހައި ކޮމިޝަނަރު ރަޖީވް ޝަހާރޭ (ވ). --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް މި މަސައްކަތް ފެށިއިރު ވެސް ބަޔަކު މީހުން އޭނާއާ ދިމާކުރި އެވެ. ކާމިޔާބުނުވާނެ ކަމަށް ބުންޏެވެ. ނަމަވެސް ފާއިތުވި ތިން މަހުގެ ވިޔަފާރިއާ އެކު އަހުމަދު ހުރީ ހެވިފަ އެވެ. އެހެންވީމަ، މުމްބާއީ އިން ބޮލީވުޑްގެ ސުޕަސްޓާރަކު ގެނެސް ނިކަން ފޯރިގަދަ ޝޯއެއް ބާއްވާލަން ކިހިނެއް ވާނެ ހެއްޔެވެ؟ އަހުމަދު ބުނަނީ އެއީ ވެސް އެއްވެސް ކަމެއް ނޫން ކަމަށެވެ. އޭނާ ދިރިއުޅެނީ ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ބިތްދޮށުގަ އެވެ. އެއީ އާންމުކޮށް ފެންނަ މޫނުތަކެވެ. އެމީހުން ކޮންޓްރޯލް ކުރާ މީހުންނާއި މުމްބާއީގެ ނުފޫޒު ގަދަ މީހުންނަކީ ހައްތަހާ ވެސް އަހުމަދު ދީދީގެ ގާތް އެކުވެރިންނެވެ. އެހެންވީމަ މި ފިލްމެއް ދުވަހަކު ވެސް ނުނިމޭނެ އެވެ. މިއީ ހިތާއި ހިތުގެ ގުޅުމެކެވެ. އިންޑިއާ އާއި ޕާކިސްތާނާއި ދިވެހިރާއްޖޭގެ އުފެއްދުމެކެވެ. ލޯތްބާ އެކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ