ސިޓީން ވިލްޝެޔާ އަށް ބިޑް ކުރަނީ

ލަންޑަން (އޭޕްރިލް 28) - މެންޗެސްޓާ ސިޓީން އާސެނަލްގެ ޒުވާން މިޑްފީލްޑަރު ޖެކް ވިލްޝެޔާ އަށް ބޮޑު ބިޑެއް ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. ސިޓީން ވިލްޝެޔާ އަށް ބިޑު ކުރުމަށް ނިންމާފައިވަނީ އެ ޓީމުގެ އިނގިރޭސި މިޑްފީލްޑަރު ޖޭމްސް މިލްނާ މި ސީޒަނަށް ފަހު ޓީމު ދޫކޮށްލާނެ ކަމަށް ބެލެވިފައި ވުމުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސިޓީން 23 އަހަރުގެ ވިލްޝެޔާ އަށް 30 މިލިއަން ޔޫރޯ ހުށަހެޅުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. ވިލްޝެޔާ އަކީ އާސެނަލްގެ ޔޫތު ޓީމުން ފުޓްބޯޅަ ކެރިއަރު ފެށި މޮޅު ކުޅުންތެރިއެކެވެ. އަނިޔާގެ ސަބަބުން އޭނާ އަށް މި ސީޒަނުގައި ގިނަ މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ ކުޅުނު މުހިއްމު މެޗުތަކުގައި ވަނީ ޓީމަށް ފައިދާ ހުރި ކުޅުމެއް ދައްކައި ޓީމު މޮޅު ކޮށްދިނުމުގައި އެހީތެރިވެދީފަ އެވެ. ވިލްޝެޔަ އަކީ އާސެނަލްގެ އިތުރުން އިނގިރޭސި ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ. އިނގިރޭސި ގައުމީ ޓީމުގެ ކޯޗުކަމާއި ރޯއީ ހޮޖްސަން ހަވާލުވުމަށްފަހު ގަވައިދުން ޓީމުން ޖާގަ ލިބޭ ކުޅުންތެރިންގެ ތެރޭގައި ވިލްޝެޔާ ހިމެނެ އެވެ. އާސެނަލްގެ ބައެއް ކުޅުންތެރިން މާޒިގައި ޓީމު ދޫކޮށް މެންޗެސްޓާ ސިޓީ އަށް ވަނީ ބަދަލުވެފަ އެވެ. އެހެން ނަމަވެސް އެޓީމުން އަންނަނީ ވިލްޝެޔާ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ