ފުލުސް އައިއޯ އިންނަށް އަބްދުﷲ ގާޒީ ލެކްޗަރެއް ދެއްވައިފި

އަތޮޅު ތެރޭގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުން (އައިއޯ) އަމާޒުކޮށް މިހާރު ކުރިއަށް ގެންދާ އައިއޯ ރިފްރެޝާ ކޯހުގެ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ލެކްޗާއެއް ދެއްވައިފި އެވެ.
ކޯހުގެ ބައިރިންގެ އިތުރުން ސްޕެޝަލިސްޓް ކްރައިމް ކޮމާންޑްގެ އެކި ޔުނިޓްތަކުގައި މަސައްކަތްކުރާ ފުލުހުން ވެސް ހިމެނޭ ގޮތަށް އަބްދުﷲ ގާޒީ ދެއްވި ލެކްޗަރުގައި މައިގަނޑު ގޮތެއްގައި އަލި އަޅުވައިލައްވާފައި ވަނީ ތަހުގީގު ކުރާ މައްސަލަތައް ކާމިޔާބު ކަމާއެކު ތަހުގީގު ކުރުމަށް ފުލުހުންނަށް ކުރެވިދާނެ ކަންތައްތަކަށެވެ.
މީގެ އިތުރުން މިއަދާ ހަމައަށް ތަހުގީގު ކޮށްފައި ހުރި މައްސަތަކުގައި ހުރި ގޯސް ކަންތައްތަކާއި ޝަރުއީ ކޯޓްތަކުގައި ތަހުގީގު ކުރާ ފަރާތްތަކަށް ދިމާވާޤާނޫނީ ގޮންޖެހުންތަކާއި ބެހޭ ގޮތުން ވެސް އިސް ގާޒީ މައުލޫމާތު ދެއްވި އެވެ.
މި ލެކްޗާ ސެޝަންގައި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވަނީ މައުލޫމާތު ދެއްވާފަ އެވެ.
ޖަމީލުގެ ވާހަކަފުޅުގައި ގާނޫނު އަސާސީގެ 49 ވަނަ މާއްދާ ތަފްސީލް ދެއްވައި އެ މާއްދާގައި ހިމެނޭ ހަތަރު ކަމެއްގެ މައްޗަށް މައުލޫމާތު ހިއްސާ ކުރެއްވި އެވެ.
އެ ގޮތުން ބަންދުގެ މުއްދަތު އިތުރުކުރުމާއި ބެހޭ ބަޔާއި ކުށްވެރިޔާ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައަށް ނުރައްކާވެދާނެ ކަހަލަ ކަމެއް ކޮށްފާނެ ކަމަށް ބެލެވުމާއި ހެކިބަސް ދޭން ތިބޭ މީހުންނަށް ނުފޫޒް ފޯރުވުމުގެ އިތުރުން ކުށުގެ ތުޙުމަތުގައިވާ މީހާ ފިލާފާނެ ކަމަށް ބެލެވުމާއި ބެހޭ ގޮތުން މައުލޫމާތު ދެއްވި އެވެ.
އަދި ކުށުގެ ތުމަތުގައިވާ މީހުންގެ މުއްދަތު އިތުރުކުރުމާއި ބަންދުކުރުމާއި ހައްޔަރުކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާއި ބެހޭ ގޮތުންވެސް ވާހަކަފުޅު ދެއްކެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ