އީސީއަށް ސިޓީ ފޮނުވީ އިއްތިފާގުން ނިންމައިގެން: އަހުމަދު

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ މެދުގައި ފިޔަވަޅު އެޅުމުގައި ހަމަހަމަ އުސޫލަކުން އަމަލު ކުރަން އެދި ފޮނުވި ސިޓީއަކީ ކޮމިޝަންގެ މެމްބަރުންގެ ޖަލްސާއަކުން ފާސްކޮށްގެން ފޮނުވާފައިވާ ސިޓީއެއް ކަމުގައި އެޗްއާރްސީއެމުން ބުނެފި އެވެ.
އެޗްއާރްސީއެމުން ފޮނުވި ސިޓީއަކީ ވަކި މެމްބަރަކު ޒާތީ ގޮތެއްގައި އެ ކޮމިޝަނުގެ ނަމުގައި ފޮނުއްވާފައިވާ ސިޓީއެއް ކަމަށާއި އެ ސިޓީ ބަލައި ނުގަންނަ ކަމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެފައިވާތީ އެކަމާއި ގުޅިގެން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އެޗްއާރްސީއެމްގެ މެމްބަރު އަހުމަދު އަބުދުލް ކަރީމް ވިދާޅުވީ، އެ ސިޓީއަކީ ކޮމިޝަނުގެ ޖަލްސާއެއްގައި މެމްބަރުންގެ އިއްތިފާގުން ނިންމި ނިންމުމެއް ތަންފީޒު ކުރުމުގެ ގޮތުން ފޮނުވި ސިޓީއެއް ކަމަށެވެ.
އޭނާ ވިދާޅުވީ، މެމްބަރުންގެ އެއްވި ޖަލްސާއެއްގައި އެގޮތަށް ނިންމީ ސިޔާސީ ޕާޓީތަކުގެ މެދުގައި ފިޔަވަޅު އެޅުމުގައި އިލެކްޝަންސް ކޮމިޝަނުން ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ބުނެ ހިއުމަންރައިޓްސް ކޮމިޝަނަށް އެކި ފަރާތްތަކުން ހުށައަޅާ ޝަކުވާތަކާއި ގުޅިގެންނާއި، ކޮމިޝަނުން ބެލި ބެލުންތަކުން، އެފަދަ ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ފާހަގަވެފައިވާތީ، އެކަންކަން ރަނގަޅު ކުރަން ބާރު އެޅުމުގެ ގޮތުން ކަމަށެވެ.
"އެއީ ރަސްމީކޮށް ފޮނުވާފައިވާ ސިޓީއެއް ކޮމިޝަނުގެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި. ކޮމިޝަނުގެ ނިންމުންތައް ތަންފީޒު ކުރަނީއަކީ މެމްބަރުންނެއް ނޫން. އެއީ ސެކްރެޓަރީ ޖެނެރަލް ކުރައްވާ ކަމެއް. ކޮމިޝަނުގެ މުވައްޒަފުން އެކަން ކުރައްވާނީ،" އޭނާ ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީއަކީ ކޮމިޝަނުގެ ސިޓީއެއް ނޫން ކަމަށާއި އެ ސިޓީ ބަލައި ނުގަންނާނެ ކަމަށް ފުވާދު ވިދާޅުވުމަކީ، ދައުލަތުގެ މިނިވަން މުއައްސަސާއެއްގެ ގާނޫނީ ބާރަށް އިހުތިރާމް ނުކުރެއްވުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެޗްއާރްސީއެމްގެ ރަސްމީ ލެޓަހެޑްގައި ފޮނުވާފައިވާ ސިޓީއެއް އެއީ ކޮމިޝަނުގެ ސިޓިއެއް ކަމަށް ގަބޫލު ފުޅު ނުކުރައްވާ ކޮމިޝަނުގެ މެމްބަރުން ކުރައްވާ ޓެކްސްޓް މެސެޖަކީ ކޮމިޝަނުގެ ބަސް ކަމަށް ފުވާދު ނިންމެވުމުން ސުވާލު އުފެދޭ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.
"މި ދަނޑިވަޅުގައި އިލެކްޝަންސް ކޮމިޝަނުގެ ނަޒާހަތްތެރިކަމާމެދު ވާހަކަ ދައްކަން ޖެހޭކަމަށް އަޅުގަނޑު ޤަބޫލެއް ވެސް ނުކުރަން. ކޮމިޝަނުން އެކަހަލަ ނިންމުމެއްވެސް ނިންމާފައެއް ނުވާނެ އަދި މަޝްވަރާކޮށްފައެއް ވެސް ނުވާނެ." އަހުމަދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއި މެދު ފިޔަވަޅު އެޅުމުގައި ތަފާތު ނުކުރުމަށް އަންގައި ފޮނުވި ސިޓީ ބަލައި ނުގަންނަ ކަމަށާއި އެއީ ކޮމިޝަނުގެ އެއްމެ މެންބަރަކު ވަރަށް ޒާތީ ގޮތެއްގައި ފޮނުއްވި ސިޓީއެއްކަމަށް ފުވާދު ވިދާޅުވި ނަމަވެސް، ސިޔާސީ ޕާޓީތަކުން ވެސް އިލެކްޝަންސް ކޮމިޝަނުން ތަފާތު ކުރާކަން ފާހަގަކޮށް ވަރަށް ބޮޑަށް އެކޮމިޝަނަށް ވަނީ ފާޑު ކިޔާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ