ޖަރުމަން ކަޕްގެ ޗެމްޕިއަންކަން ޑޯޓްމަންޑް އަށް

ޖަރުމަނު ކަޕްގެ ފައިނަލުގައި 4-1 އިން އާރުބީ ލައިޕްޒިގް ބަލިކޮށް ޖަރުމަނު ކަޕްގެ ޗެމްޕިއަންކަން ބޮރޫޝިއާ ޑޯޓްމަންޑް ރޭ ހޯދައިފި އެވެ.
މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި 21 އަހަރުގެ އިނގިރޭސި ކުޅުންތެރިޔާ ސަންޗޯ ޑޯޓްމަންޑަށް ލީޑު ނަގައިދިންއިރު 28 ވަނަ މިނެޓުގައި 20 އަހަރުގެ ހާލަންޑް ވަނީ އެޓީމުގެ ލީޑު ފުޅާކޮށް މެޗު ކާމިޔާބުކުރުމާ ގާތަށް އުންމީދު އާކޮށްދީފައެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސަންޗޯ ޖެހި ދެވަނަ ލަނޑާ އެކު ޑޯޓްމަންޑުން ތިން ލަނޑުގެ ލީޑެއް ވަނީ ނަގާފައެވެ. މެޗުގެ ދެ ވަނަ ހާފުގައި ލައިޕްޒިގަށް އުއްމީދެއް ލިބުނީ 71 މިނެޓުގައި ޑެނީ އޮލްމޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެޗުގެ 87 ވަނަ މިނެޓުގައި ނޯވޭއަށް އުފަން ޒުވާން ފޯވާޑް ހާލަންޑް ވަނީ އިތުރު ލަނޑެއް ޖަހައި ލައިޒްޕިގްގެ އުންމީދުތައް ފުނޑުފުނޑު ކޮށްލާފައެވެ.
ރޭ ޖެހި ގޯލުތަކާ އެކު ހާލަންޑް ވަނީ މި ސީޒަނުގައި ޑޯޓްމަންޑަށް ކުޅުނު 39 މެޗުގައި 39 ލަނޑު ޖަހައިފަ އެވެ. ޒުވާން އުމުރުގައި ދައްކަމުން އަންނަ ގޯލު ޖެހުމުގެ ހުނަރާ އެކު ހާލަންޑަކީ ޔޫރަޕްގެ މަޝްހޫރު ބޮޑެތި ކްލަބްތަކުގެ ޓާގެޓެކެވެ.
ޑޯޓްމަންޑް އަށް ނާގެލްސްމަންގެ ކޯޗުކަމުގައި މިއަކީ މި ޓީމަށް ހޯދުނު ހަމައެކަނި ތައްޓެވެ. އުމުރުން އެންމެ 38 އަހަރުގެ ނާގެލްސްމަން އަންނަ ސީޒަނުން ފެށިގެން ބަޔާން މިއުނިކާ ގުޅެން ވަނީ ނިންމައިފަ އެވެ. އޭނާ ވެފައިވަނީ 1999 ވަނަ އަހަރުގެ ފަހުން ޖަރުމަނު ކަޕް ކާމިޔާބުކުރި އެންމެ ޒުވާން ކޯޗަށެވެ.
މިއީ ޖަރުމަނު ކަޕްގެ ޗެމްޕިއަންކަން ޑޯޓްމަންޑުން ހޯދި ފަސް ވަނަ ފަހަރެވެ. 20 ތައްޓާ އެކު ޖަރުމަނު ކަޕް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ ބަޔާނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ