އިންޑިއާއިން ފެނިފައިވާ ކޮވިޑް ވައިރަހުގެ ވޭރިއެންޓް އިތުރު 17 ގައުމަކުން ފެނިއްޖެ: ޑަބްލިޔޫއެޗްއޯ

އިންޑިއާގައި ހަލުވިކަމާއެކު ބަލި ފަތުރަމުންދާ ކަމަށް ބެލެވޭ ކޮވިޑް ވައިރަހުގެ ވޭރިއެންޓް އިތުރު 17 ގައުމަކުން ފެނިއްޖެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ހާމަކޮށްފިއެވެ.
ޖެނީވާފައި ބޭއްވި ޕްރެސް ބްރީފިންގައި، ހަފްތާގެ އެޕިޑެމިއޮލޮޖިކަލް އަޕްޑޭޓް މީޑިއާއާ ހިއްސާކުރަމުން ޑަބްލިޔޫއެޗްއޯއިން ބުނެފައިވަނީ،
އިންޑިއާއިން އެންމެ ފުރަތަމަ ފެނުނު ބީ1617 ވޭރިއެންޓްގެ ސީކުއެންސް ފެނިގެން އެމައުލޫމާތު 17 ގައުމުން ހިއްސާކޮށްފައިވާ ކަމަށެވެ.
މި ވައިރަހަށް އިންޑިއާގައި ކިޔަނީ 'ޑަބަލް މިއުޓަންޓް" ވޭރިއެންޓެވެ.
މި ވޭރިއެންޓް ސީކުއެންސް ފެނިގެން ޑޭޓާބޭސްގައި ގިނައިން އެ މައުލޫމާތު ހިއްސާކޮށްފައިވަނީ އިންޑިއާ، އިނގިރޭސިވިލާތް، އެމެރިކާ އަދި ސިންގަޕޫރުން ކަމަށް ޑަބްލިޔޫއެޗްއޯއިން ބުނެފައި ވެއެވެ.
އިންޑިއާއިން ފެނިފައިވާ "ޑަބަލް މިއުޓަންޓް" ވޭރިއެންޓަކީ، އެހެން ގައުމުތަކުން ފެނިފައިވާ ވޭރިއެންޓްތަކަ އަޅާ ބަލާއިރު ތަފާތު ސިފަތަކެއް ލިބިގެންވާ، ތަފާތު ވޭރިއެންޓެއް ކަމަށް ޑަބްލިޔޫއެޗްއޯއިން ކަނޑައަޅާފައި ވެއެވެ.
ޑަބްލިޔޫއެޗްއޯއިން އިންޑިއާ ވޭރިއެންޓް ލިސްޓްކޮށްފައިވަނީ "ވޭރިއެންޓް އޮފް އިންޓަރެސްޓް" ގެ ގޮތުގައެވެ.
އެހެން ނަމަވެސް، އިންޑިއާއިން ފެނިފައިވާ އެހެން ވޭރިއެންޓްތަކަށްވުރެ، ބީ1617 ވޭރިއެންޓުގެ ސަބަބުން ބަލިޖެހޭ މީހުންގެ އަދަދު ގިނަކަން، ސީކުއެންސަށް ބަލާއިރު ދައްކާ ކަމަށް ޑަބްލިޔޫއެޗްއޯއިން ބުނެފައި ވެއެވެ.
އިންޑިއާއިން ފެނިފައިވާ ވޭރިއެންޓުގެ އިތުރުން، އެހެން ގައުމުތަކުން އެތެރެވެފައިވާ ވޭރިއެންޓްތައްވެސް، އިންޑިއާގައި ހަލުވިކަމާއެކު ބަލި ފަތުރަން މަގުފަހިވާ ކަމަށް ބެލެވޭ ކަމަށް ބުނެފައި ވެއެވެ.
އިންޑިއާގައި ކޮވިޑްބަލި ޖެހޭ މީހުންގެ އަދަދުތައް އާދަޔާ ޚިލާފަށް މައްޗަށްގޮސް، ބަލީގައި އެޑްމިޓްކުރަންޖެހޭ މީހުން ގިނަވެ އަދި މަރުވާ މީހުންގެ އަދަދުތައް އިތުރުވެފައި ވީނަމަވެސް، އިންޑިއާ ވޭރިއެންޓަކީ "ކަންބޮޑުވާންޖެހޭ ވޭރިއެންޓެއް" ކަމަށް ޑަބްލިޔޫއެޗްއޯއިން އަދި ކަނޑައަޅާފައެއް ނުވެއެވެ.
އިންޑިއާ ވޭރިއެންޓަކީ ކަންބޮޑުވާންޖެހޭ ވޭރިއެންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައެޅިނަމަ، ކޮވިޑްބަލި މިހާރު ޖައްސަމުންދާ ވައިރަސްއަށްވުރެ އެ ވޭރިއެންޓް ނުރައްކާތެރި އަދި މީހުންގެ މެދުގައި ހަލުވިކަމާއެކު ބަލި ފަތުރާ، ވެކްސިނަށްވެސް ނުކުޑާ ވޭރިއެންޓެއް ކަމަށް ބެލެވިދާނެއެވެ.
އަންގާރަ ދުވަހު އެކަނިވެސް އިންޑިއާއިން 350،000 އަށްވުރެ ގިނަމީހުން އަލަށް ޕޮޒިޓިވް ވެފައި ވެއެވެ. ބަލީގެ ސަބަބުން އިންޑިއާ މިހާރުއޮތީ ކާރިޘާއެއްގެ ހާލަތުގައެވެ.
އިންޑިއާގެ އަދަދުތައް މައްޗަށް ދިއުމުން ދުނިޔޭގައި ކޮވިޑް ޖެހުނު ކަމަށް މިހާތަނަށް ރެކޯޑުކުރެވުނު އަދަދުވެސްވަނީ 147.7 މިލިއަނަށް މައްޗަށް ގޮސްފައެވެ.
މިބަލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 3.1 މިލިއަން މީހުން މަރުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ