އިންޑިއާއިން އަނެއްކާވެސް ދުނިޔޭގެ ރެކޯޑެއް، އެއް ދުވަސް ތެރޭ ހަތަރު ލައްކަ މީހުން ޕޮޒިޓިވް

އިންޑިއާ އިން އެއް ދުވަސް ތެރޭ ހަތަރު ލައްކަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެ، އަނެއްކާވެސް ދުނިޔޭގެ ރެކޯޑެއް ގާއިމްކޮށްފިއެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލައިލާ އިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭ އެ ގައުމުން 401،993 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި 3،523 މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ. މިއާއެކު އެ ގައުމުން ޕޮސިޓިވް ވެފައިވާ މީހުންގެ ޖުމުލަ އަދަދު ވަނީ 19 މިލިއަނަށްވުރެ މައްޗަށް އަރައިފައެވެ. އަދި މަރުވި މީހުންގެ ޖުމުލަ އަދަދަކީ 211،853 އެވެ.
އެއް ދުވަސް ތެރޭ ލައްކަ މީހުން ކޮވިޑަށް ޕޮޒިޓިވް ވި ފުރަތަމަ ގައުމަށް އިންޑިއާ ވެފައިވާ އިރު، އެއް ދުވަސް ތެރޭ ތިން ލައްކަ މީހުން އަދި ދެ ލައްކަ މީހުންނަށް ކޮވިޑު ޖެހިގެން ފުރަތަމަ ރިޕޯޓު ކުރީވެސް އިންޑިއާއިންނެވެ. އެ ގައުމުން ހަތަރު ލައްކަ މީހުން ޕޮޒިޓިވް ވެފައިވަނީ، ދުވަހަކަށް ވުރެ ދުވަހަކު ކޭސްތައް އިތުރުވެ، ކޮންމެ ދުވަހަކުވެސް ތިން ލައްކައަށްވުރެ ގިނަ މީހުން ޕޮޒިޓިވަމުން އަންނަތާ 10 ދުވަސް ފަހުންނެވެ.
ނަމަވެސް އިންޑިއާގެ ސިއްހީ މާހިރުން ބުނާ ގޮތުގައި، މިއީ ސައްހަ ނަމްބަރެއް ކަމަކަށް ލަފައެއް ނުކުރެވެއެވެ. ސަބަބަކީ މި ދުވަސްވަރު އިންޑިއާގެ ހާލަތު ގޯސްވެ ސިއްހީ ދާއިރާއާ ހޮސްޕިޓަލުތަކަށް ހިފަހައްޓާ ނުލެވިފައިވާ އިރު، ޕޮޒިޓިވްވާ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު ޔަގީންކުރުމުގައި އޮޅުމެއް އުޅެދާނެތީއެވެ. އަދި ޓެސްޓުކުރުންވެސް ގިނަވެ، ނަތީޖާ ލިބުންވެސް ލަސްވެފައިވާ އިރު، އޭގެ ސަބަބުންވެސް މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ނޭނގި އެބަ ހުރި ކަމަށް ސިއްހީ މާހިރުން ބުނެއެވެ.
އިންޑިއާއަށް ކުރިމަތިވެފައިވާ ކޮވިޑުގެ ދެވަނަ ރާޅާއެކު އެ ގައުމުގެ ސިއްހީ ދާއިރާއަށްވެސް ވަނީ ބޮޑު ލޮޅުމެއް އައިސްފައެވެ. އެގޮތުން ހޮސްޕިޓަލުތައް ފުރި ބާރުވެ، ގިނަ ހޮސްޕިޓަލުތަކުން އޮކްސިޖަން ހުސްވެ، ފަރުވާ ނުލިބިވެސް އެތައް ބަޔަކު ދަނީ މަރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ