އައިސިސް އާއި އަލްގައިދާއާ ގުޅެން ދާން އެދެނީ އިސްލާމް ދީނުގެ ދައުވަތުގެ ނަމުގައި: ނަޝީދު

ހަނގުރާމަވެރި ޖަމާއަތްތައް ކަމަށްވާ އައިސިސް އާއި އަލްގައިދާއާ ގުޅެން ދާން ދައުވަތު ދެނީ އިސްލާމް ދީނުގެ ދައުވަތުގެ ނަމުގައި، ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ލ. ފޮނަދޫގައި މިއަދު ކުރިއަށްދާ ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ސެމިނާރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އައިސިސް އާއި އަލްގައިދާ ފަދަ ހަނގުރާމަވެރި ޖަމާއަތްތަކަށް ބައިއަތު ހިފައިގެން އުޅެނީ ވިޔާނުދާ މަގު އިހުތިޔާރުކޮށް، ޑްރަގް ވިއްކާ ވަޅި ޖަހާ މީހުން ކަމަށެވެ. އެ މީހުން އެފަދައިން އުޅުމުން މި ޖަމާއަތްތަކުން އިސްލާމްދީނަށް ދޭ ދައުވަތެއްގެ ސިފައިގައި އެމީހުން ޖަމާއަތަށް ރެކްރޫޓު ކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
''ފުރަތަމަ ކުއްޖާ ނައްޓާލަނީ ބަރުދަން ޗާޓުން. ދެން މަދަރުސާއަށް އައުން މަދުވަނީ. ދެން ފާސްނުވަނީ. ދެން މަދަރުސާއިން ކެނޑެނީ، ދެން ވިޔާނުދާ ވަނީ، ދެން ޑްރަގް ވިއްކަނީ ދެން ވަޅި ޖަހަނީ. ދެން މިހާރު އެނާއަށް ލިބެނީ ދައުވަތު، ވަޅި ޖެހުމަށް ފަހު. އެ ދައުވަތު އޭނާއަށް ދެނީ މީ ކަލެއަށް އިސްލާމް ދީނަށް ދޭ ދައުވަތެކޭ ކިޔާފަ. އޭނާ ކުރަނީ ރެކްރޫޓު. ދައުވަތުގެ މާނައަކީ ރެކްރޫޓު ކުރުން. އިތުރު އެއްވެސް ވާހަކައެއް ނޫން.'' ރައީސް ނަޝީދު ވިދާޅުވިއެވެ.
ގިނަފަހަރު މިފަދަ ކުދިންނަކީ، ސްކޫލު މާހައުލުން ފެށިގެން، ނުކިޔަވައި އުޅޭ، ބައެއް ހާލަތްތަކުގައި ސްކޫލުން ކަނޑާލުމުގެ ސަބަބުން މަގުމައްޗަށް ނިކުމެ ނުބައި މަގު ހިޔާރު ކުރާ ކުދިން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށް ވާއިރު، ކުޑަކުދިން ހަލާކު ކުރުމަށް އިންތިޒާމުވެގެން ކުރާ މިފަދަ ކަންކަން ހުއްޓުވަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ