އުގެއިލްއާ ގުޅިގެން އައްޑޫ ކައުންސިލުން ޑެލިވަރީ ސިސްޓަމެއް ގާއިމްކޮށްފި

ޕްރޮފެޝަރ ހަސަން އުގައިލްގެ ފައުންޑޭޝަންއާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން އޯޑަރ/ޑެލިވަރީ ސިސްޓަމެއް ގާއިމްކޮށްފި އެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ، ޑެލިވަރީ ސިސްޓަމް ތައާރަފްކުރީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ސިއްހީ ކުއްލި ނުރައްލަލުގެ ހާލަތު އިއުލާންކޮށް އެ ސިޓީ ވެސް ލޮކްޑައުންކޮށްފައިވަތީ އާންމު ރައްޔިތުންނަށް ކާބޯތަކެތި އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ ފަސޭހަކަމާއި އެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ. ހުއްދަ ދޫކުރެވިފައިވާ ހުރިހާ ވިޔަފާރީތަކަށް މި ސިސްޓަމް މެދުވެރިކޮށް ހިދުމަތް ދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. އެ ސިސްޓަމަށް ރެޖިސްޓްރވުމުގެ މައުލޫމާތު އަދި ސިސްޓަމް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ސެޝަނެއް އުގައިލް ފައުންޑޭޝަންގެ ސަޕޯޓް ޓީމުން ވިޔަފާރީތަކަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ސެޝަން ކުރިއަށް ގެންދާނީ ކޮންމެ ވިޔަފާރީއަކަށް ވެސް ވަކިވަކިން ވަގުތު ދެވިގެން ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. އެހެން ކަމުން ސެޝަންތަކުގައ ވަގުތު ކަނޑައެޅުމަށް ވިޔަފާރިތަކަށް ކައުންސިލް އިދާރާއިން ގުޅައި އެކަން ހަމަޖެއްސުމުގެ މަސައްކަތް މިރެއިން ފެށިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މާލެ ސިޓީން ކޮވިޑް-19 ގެ ބަލި މީހަކު ފެނުމާއި އެކު އެ ސީޓީ ލޮކްޑައުންކޮށް ގޭގެއިން މީހުން ނިކުތުން ވެސް މަނާކުރި އެވެ. އަދި ޒަރޫރީ ބޭނުންތަކަށް ފިހާރަތަކުން ޑެލިވަރީ ކުރުމަށް އެންމެ ފުރަތަމަ ނިންމި އެވެ. ނަމަވެސް ޑެލިވަރީ ސިސްޓަމް ފެއިލްވެ އާންމުން ފިހާރަތަކަށް ދިއުމަށް ބޭރަށް ނިކުތެވެ. އެއާއި އެކު ސަރުކާރަށް ޖެހުނީ އާންމުން ބޭރަށް ނިކުތުމަށް ވަކި ވަރަކަށް ހުއްދަ ދޫކުރާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ