ކަރަންޓީން ފެސިލިޓީތަކަށް ހެދުމަށް ރިސޯޓުތައް ދިނީ ހިލޭ ސާބަހަށް، ބަދަލެއް ބޭނުމެއް ނޫން: ގާސިމް

ކޮވިޑް 19އާ ގުޅިގެން މީހުން ކަރަންޓީނު ކުރުމަށާއި އައިސޮލޭޓް ކުރުމަށް ވިލާ ކުންފުނީގެ ތިން ރިސޯޓް ދީފައިވާނީ ހިލޭ ސާބަހަށް ކަމަށް އެ ކުންފުނީގެ ބާނީ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.
ގާސިމްގެ ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑްގެ އިތުރުން ރޯޔަލް އައިލެންޑުން ކަރަންޓީން ފެސިލިޓީއަށް 400 ރޫމް ވަނީ ދީފައެވެ.
ވީޓީވީއަށް ރޭ ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ، ރިސޯޓްތައް ހިލޭ ދީފައިވަނީ ހުރިހާ ވަސީލަތްތަކަކާވެސް އެކުގައި ކަމަށާއި އެ ރިސޯޓްތަކުގައި ސްޓޮކްކޮށްފައި ހުރި ކޯބާތަކެތި ހުސްވަންދެން އެ ކުންފުނީގެ ހަރަދުގައި ކެއިންބުއިމުގެ ކަންކަންވެސް ހަމަޖައްސަވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ، އެކަމުގެ ބަދަލެއްގެ ގޮތުން އެއްވެސް އެއްޗެއް ބޭނުން ނުވާ ކަމަށާއި ސަރުކާރުން ކޮންމެ ކޮޓަރިއަކަށް ދެއްވާ 750ރ ވެސް ބޭނުން ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވާނެ ކަމަށެވެ.
"ރައީސަށް ވެސް ވޮއިސް މެއިލްއަކުން ދެންނެވިން އަޅުގަނޑު ބޭނުމެއް ނޫނޭ ކޮންމެ ކޮޓަރިއަކަށް ސަރުކާރުން ދެއްވާ 750 ރުފިޔާއެއް،" މާމިގިލި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ، ރިސޯޓްތައް ކަރަންޓީން ފެސިލިޓީތަކަށް ހަދަން ދީފައިވަނީ ޑީލެއްގެ ދަށުން ކަމަށް ބުނެ ބަޔަކު އެކަން ސިޔާސީ ކުރަން އުޅޭތީ ކަންބޮޑުވާ ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ގާސިމް ވިދާޅުވިއެވެ.
ކޮވިޑް 19އާ ގުޅިގެން ވިލާ ކުންފުނިން ހިންގާ ފަސް ރިސޯޓްގެ ތެރެއިން ޕެރަޑައިސް ފިޔަވާ އެހެން ރިސޯޓްތައް ވަނީ ބަންދުކޮށްފައެވެ. އަދި ވިޔަފާރި ދަށްވެފައިވާތީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން އެ ކުންފުނިން ވަނީ ނިންމައިފައެވެ.
މުސާރަތައް ކުޑަކުރަން ޖެހުނީ އެއްވެސް ބޭންކަކުން ލޯނެއް ލިބޭނެ ގޮތް ނުވުމުން ކަމަށާއި އެހެން ނަމަވެސް ސަރުކާރުން ކޮންމެ ރަށަކަށް ދެ މިލިއަން ޑޮލަރުގެ ޕެކޭޖެއް ދޭނެ ކަމަށް ބުނުމުން 10،000ރ. އިން ދަށް މުސާރައާއި އިނާޔަތްތައް ކުޑަ ނުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ