ކޮލެރާއާއި ޝިގެއްލާގެ ތަފާތު ވަރަށް ކުޑަ - އުމަރު

ބޮޑެތި ބަލިމަޑުކަންތަކުގެ ތެރޭގައި ހިމެނޭ ކޮލެރާއާއި ޝިގެއްލާގެ ދެމެދުގައި ވަނީ ވަރަށް ކުޑަ ތަފާތެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ތަކުރާރުކޮށް ވިދާޅުވެއްޖެއެވެ.
އިންތިޤާލީ ސަރުކާރެއް ޤާއިމުކުރުމުގެ ވާހަކަ ރައީސް ނަޝީދު ދައްކަވަނީ ވެރިކަމަށް އައުމަށް ޖަހާ މަޅިއެއްގެ ގޮތުގައި ކަމަށް އިއްޔެ ހާމަކުރައްވަމުން އުމަރު ވިދާޅުވެފައި ވަނީ ކޮލެރާއާއި ޝިގެއްލާގެ ދެމެދުގައި ވަނީ ކުޑަ ފަރަޤެއް ކަމަށާއި އެހެންނަމަވެސް އެ ދެ ބަލިމަޑުކަމަކީވެސް ނުހަނު ވޭން އަޅާ ދެ ބަލިމަޑުކަން ކަމަށެވެ.
ކޮލެރާއާއި ޝިގެއްލާގެ މިސާލު އުމަރު އިއްޔެ ނެންގެވިއިރު، އަޅާކިޔުމުގެ އެއްވެސް ފުރުސަތެއް ނެތް ހާލަތެއްގައި އެ މިސާލު ގެންނަވާފައިވާތީ، މިއަދާ ހަމަޔަށް އެ މިސާލުގައި ހިމެނޭ ދެ ބަލިމަޑުކަންތައް އަޅާކިޔުން އޮތީ ތަރުޖަމާއަށް ދޫކޮށްލަން ޖެހިފައެވެ.
ނަމަވެސް، އަލްޖަޒީރާއިން މިއަދު އާންމު ކޮށްފައިވާ ސްޓީލިންގެ ޕެރަޑައިސްގެ ވީޑިއޯއިން ފެންނަ ގޮތުގައި ރިލްވާން ގެއްލުވާލުމުގެ ހާދިސާގައި އުމަރުގެ އިހުމާލެއް އުޅޭކަމަށް ދޭހަވާ މަންޒަރެއް ފެނެއެވެ. އެކަމަށް އިޝާރާތް ކުރައްވާ އުމަރު މިވަނީ އެ އިހުމާލުން ސަލާމަތްވެ ވަޑައިގެން ހުންނެވުމަށާއި އާންމުންގެ ލޯތައް އެހެން ދިމާލަކަށް އަނބުރާލެއްވުމުގެ ގޮތުން މިއަދު ޓްވީޓެއް ކުރައްވާފައެވެ.
ރިލްވާންގެ މައްސަލައާ ބެހޭގޮތުން ރައީސް ޔާމީންގެ ފަރާތުން މެސެޖެއް ލިބިފައެއް ނުވޭ. އެ ފަދަ މެސެޖެއް އަލްޖަޒީރާ އަތުގައި ނޯންނާނެކަން 100 އިންސައްތަ ޔަޤީން" - އުމަރު ވިދާޅުވިއެވެ.
އެފަދައިން މިއަދު ޓްވީޓް ކުރެއްވުމަށްފަހު، އުމަރު ފަހުން ވަނީ ކޮލެރާއާއި ޝިގެއްލާގެ ވާހަކަ ތަކުރާރު ކުރައްވާފައެވެ. އުމަރު ވިދާޅުވީ، "(ރައީސް ޔާމީންގެ ސަރުކާރު) މިއީ ރާއްޖޭގެ ހަޔާތުން އުފެދުނު އެންމެ ކޮރަޕްޓް ސަރުކާރު ކަމާމެދު ޝައްކެއް ނެތް. އެކަމަކު، ރައީސް ނަޝީދުގެ ސަރުކާރުވެސް ހަމަ މިފަދަ. ކޮލެރާއާއި ޝިގެއްލާގެ ދެމެދުގައި ވަނީ ކުޑަކުޑަ ފަރަޤެއް" ކަމަށެވެ.
އުމަރު މަސައްކަތް ކުރައްވާފައިވަނީ ރިލްވާންގެ މައްސަލާގައި އޭނާގެ އިހުމާލެއް ނުވާކަން ހާމަކުރެއްވުމާއެކު، ރައީސް ޔާމީންގެ އަދި ރައީސް ނަޝީދުގެ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަ ހާމަކުރެއްވުމަށެވެ. އެހެންނަމަވެސް، އެ ސަރުކާރެއް ބަދަލުކުރުމުގައި އުމަރު ނަސީރުވެސް ދައުރެއް އަދާކުރެއްވި، ރައީސް މައުމޫންގެ ސަރުކާރާ ބެހޭގޮތުން އުމަރު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ހަމައެހެންމެ، ރައީސް ނަޝީދުގެ ސަރުކާރާއި ރައީސް ޔާމީންގެ ސަރުކާރަކީ ކޮލެރާއާއި ޝިގެއްލާ ފަދަ ބަލިމަޑުކަމެއް ކަމުގައި ސިފަކުރެއްވިއިރު، ރައީސް މައުމޫންގެ ސަރުކާރަކީ ކޮންފަދަ ބަލިމަޑުކަމެއްކަން، ނުވަތަ އެ ޒަމާނުގައި ސިފައިންގެ ވަޒީފާގައި އުޅުއްވި ބައެއް ބޭފުޅުންގެ ފަރާތުން ވަކިވަކި އާންމުންނަށް ލިބުނުކަމަށް ބުނާ ބޮޑެތި ޖިސްމާނީ ބައެއް އަނިޔާއަކީ ކޮންފަދަ ބަލިމަޑުކަމެއްކަން އުމަރު ސިފަކުރައްވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ