ނ. މަނަދޫގައި ނިއްވާނުލައި ބޭނުންކުރާތާ 4 މަސް ދުވަސްވި ޖެނެރޭޓަރ ހަލާކުވެ އެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެންޑި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ.
"ވަގުތަށް" މައުލޫމާތު ދެއްވަމުން މަނަދޫ ކައުންސިލްގެ ރައީސް އަބްދުއް ރަހްމާން ސޮބީހް ވިދާޅުވީ އެރަށުގައި މުޅިއަކު 3 ޖަނަރޭޓަރު ބޭނުންކުރަމުންދާކަމަށާއި، އެހެން ނަމަވެސް މިހާރު ރަނގަޅަށް ހުރި ޖެނަރޭޓަރ 4 މަސްވަންދެން ނިއްވާނުލައި އަދި ސާވިސްވެސް ނުދީ ބޭނުންކުރުމުގެ ސަބަބުން އެއިން ތެޔޮ ފައިބައި އެ ޖަނެރޭޓަރވެސް ހަލާކުވެފައިވާކަމަށެވެ.
"އެ ޖަނެރޭޓަރ މަރާމާތްކުރަމުންދާކަމަށް މައުލޫމާތު ލިބިފައިވަނީ. އެ ޖަނަރޭޓަރުން ވެސް މަނަދޫއަށް އެކަށީގެންވާ ކަރަންޓެއް ނުދެވޭނޭ. މިއަދު ދަނީ އެކި ސަރަހައްދުތަކަށް ރަރަންޓް ދެމުން ކަނޑަމުން." ސޮބީހު ވިދާޅުވިއެވެ.
މިއަދު 2 ގެ ފަހުން އެކި ސަރަހައްދުތަކުން އެކި ވަގުތުތަކުގައި ކަރަންޓް ކަނޑަމުން ދެމުންދާކަމަށާއި، އަތޮޅު ވެރިކަންކުރާ ރަށަށްވެފައި ގިނަ ހިދުމަތްތަކެއް ވެސް މެދުކެނޑިފައިވާ ކަމަށް ސޮބީހު ވިދާޅުވިއެވެ.
"ރައްޔިތުންނަށް ހާދަ ގެއްލުންތަކެއް ވެޔޭއެބަ. ރައްޔިތުންގެ އަނގު ބޮޑުތި އިލެކްޓްރޯނިކް އެއްޗެހި ހަލާކުވެގެން އެދަނީ. ސިއްހީ މަރުކަޒުގެ ވަކި އެއްޗެއް ބަހައްޓައިގެން ކަރަންޓްދެނީ. ކަރަންޓް ކެންޑުމުން ބޭންކް ޙިދުމަތް އޭޓީއެމް ހިދުމަތް ކެނޑޭނެ" ސޮބިހު ވިދާޅުވިއެވެ.
މިކަން ހައްލުކޮށްދެއްވާތޯ ކަމާއި ބެހޭފަރާތްތަކާއި އެކި ފަހަރުމަތިން ބައްދަލުކުރެވިއްޖެކަމަށާއި، އެހެންނަމަވެސް އެ ބޭފުޅުން މިކަން ހައްލުކޮށްދެއްވަން މާބޮޑު މަސައްކަތްތަކެއް ކޮށްފައިނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ވަގުތަށް" މައުލޫމާތު ދެއްވަމުން އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ނިއްވާނުލައި ހުންނަ ޖެނަރޭޓަރ ހަލާކުވެ މިއަދު 2 ޖެހިއިރުން ފެށިގެން އެކި ސަރަހައްދުތަކުން ކަރަންޓް ކެންޑެމުންދާކަމަށެވެ.
"އެންމެ ގިނަ މީހުން ބޭނުންކުރަމުންދާ ބަނދަރުގައި ކަރަންޓްނެތް. މުޅި ބަނދަރު ނިއްވާފަ. ބަނދަރު މަގުގައި ހުރި ބައެއް ގެތަކުގައިވެސް ނެތް ކަރަންޓެއް. އެ ޖަނެރޭޓަރ ހެދުނީމަ ކަރަންޓްލިބޭނީ. ރައްޔިތުންނަށް އަންގާފަ އޮތީ މަދުން ކަަރަންޓް ބޭނުންކުރުމަށް. އެކަން ހައްލުނުވަންޏާ މާދަމާ ހެނދުނު ސަރުކާރުގެ އޮފީސްތައް ހުޅުވީމަ ވަރަށް ލޯޑު ބޮޑުވާނެ." ވަގުތަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
މަނަދޫ ކައުންސިލުން ވެސް ވަނީ ކަރަންޓުގެ މައްސަލާގައި ކަންބޮޑުވުންފާޅުކޮށް އަދި މަނަދޫ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތްކޮށްދިނުމުގެ ޒިންމާ ނަގަންޖެހޭ ނ.އެޓޯލް ފެނަކާ ރީޖަނަލް އޮފީސް އަދި ފެނަކަ ކޯޕަރެޝަންއިން އެކަމުގެ ޒިންމާނަގަމުންނުދާކަން ފާހަގަކުރައްވާފައެވެ.
އަދި އެކަމާއި ގުޅިގެން ކައުންސިލުން މިދިޔަ އޭޕްރީލް މަހުގެ 11 ވަަނަ ދުވަހު ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ވަނީ މަނަދޫގައި މިވަގުތު ކަރަންޓުގެ ހާލަތާއި މެދު ބޮޑު ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރާކަމަށާއި، އެ ރަށުގެ ކަރަންޓުގެ މިއަދުގެ ހާލަތަށް ބަލާއިރު ކަރަންޓު ދެމުން ގެންދަނީ ދެ އިންޖީނު ބޭނުންކޮށްގެން ކަމަށް ބުނެފައެވެ. އަދި އެއީ 400 ކިލޯވޯޓްގެ އިންޖީނަކާއި އަދި 260 ކިލޯވޯޓްގެ އިންޖީނެއްކަމަށް އެ ބަޔާނުގައިވެއެވެ.
"ކަރަންޓު ދިނުމަށްޓަކައި ބޭނުންކުރަމުންދިޔަ 260 ކިލޯވޯޓްގެ އިންޖީނުގެ ޓާބޯ ހަލާކުވުމުގެ ސަބަބުން މިހާރު ބޭނުން ނުކުރެވޭ، އެ އިންޖީން މަރާމާތްކުރުމަށްޓަަކައި ފެނަކަ ކޯޕަރޭޝަން މަނަދޫ ބްރާންޗްއިން މަސައްކަރް ކުރައްވަމުން ދާކަން ފާހަގަކުރަން. މިހާރު ކަރަންޓު ދެމުންދާ ދެ އިންޖީނު މެދުކެނޑުމެއްނެތި ހިންގާފައި ހުންނަތާ ހަތަރު މަސްދުވަސް ވަނީ،" އެ ބަޔާނުގައިވެއެވެ.
މިހާރަކަށް އައިސް ގިނަ ދުވަސްތަކުގައި ކަރަންޓް ކަނޑައިގެންދާކަން ފާހަގަ ކުރާކަމަށާއި، މިވަގުތު އެމެޖެންސީ ހާލަތުގައި ކަރަންޓް ދެވޭނޭ އެއްވެސް ގޮތެއް މަނަދޫގައި ގާއިމްވެފައި ނެތްކަމަށްވެސް އެބަޔާނުގައިވެއެވެ.
"ހަލާކުވެފައިވާ އިންޖީނު މަރާމަތްކުރުމަށް ބޭނުންވާ ޓާބޯއަށް ފެނަކަ ކޮޕަރޭޝަން މަނަދޫ ބްރާންޗްއިން ރިކުއެސްޓްކޮށްްފައިވާއިރު، ނ އަތޮޅު ރަށެއްގެ ބްރާންޗުގައި ހުރި ކޮންޑިޝަން ރަނގަޅު މިވަގުތު ބޭނުންކުރަމުން ނުދާ އިންޖީނެއްގައި ޓާބޯއެއް ހުރިކަން ވަނީ އެނގިފައި، ނަމަވެސް އެ ޓާބޯ ހޯދުމަށް އެދުމުން، އެ ދޫކުރެވުން ނެތްކަމަށް އެ ބްރާންޗުންވަނީ އަންގާފައި،" އެ ބަޔާނުގައިވެއެވެ.
މަނަދޫގައި ހަތަރު މަސް ވަންދެން ނިއްވާނުލައި ހުރި ޖަނަރޭޓަރ ހަލާކުވެ ރަށުން ކަރަންޓް ކެނޑެނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ