މާރަންދޫ އިން ކަރަންޓް ކެނޑުނުތާ ހަތަރު ގަޑިއިރު ވެއްޖެ

ހއ. މާރަންދޫ އިން ކަރަންޓް ކެނޑުނުތާ ހަތަރު ގަޑިއިރު ވެއްޖެ ކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
މާރަންދޫ އިން ކަރަންޓް ކެނޑުނީ މިއަދު 15:00 ހާއިރުއެވެ.
"ވަގުތަށް" މައުލޫމާތު ދެއްވަމުން ކައުންސިލް މެމްބަރު އަހުމަދު އަސްލަމް ވިދާޅުވީ ކަރަންޓް ކެނޑުނީ ޖަނަރޭޓަރުގެ ތެޔޮ ބަދަލު ކުރަން ނިއްވާލުމާ ގުޅިގެން ކަމަށެވެ.
"ތެޔޮ ބަދަލުކުރަން ނިއްވާލި ގޮތަށް މަސައްކަތް ނުކުރި. އިންޖީނުގެ މުވައްޒަފުން ދަނީ ކަރަންޓު ދެވޭތޯ މަސައްކަތް ކުރަމުން. ދެވޭނެ އިރެއް ނޭނގެ،" އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު ރަށުން ކަރަންޓު ލިބެނީ ހަމައެކަނި އިންޖީނު ގެއަށް ކަމަށެވެ.
"ފަސް ކިލޯގެ ޖަނަރޭޓަރެއް ތަނަކުން ގެނެސްގެން އިންޖީނުގެއަށް ކަރަންޓް ދީފައިވަނީ މަސައްކަތް ކުރުމަށް،" އަސްލަމް ވިދާޅުވިއެވެ.
ކައުންސިލް މެމްބަރު ވިދާޅުވީ އެއީ އެ ރަށުގެ އަބަދުވެސް އާންމު ހާލަތު ކަމަށާއި ތެޔޮ ބަދަލުކުރަން ޖަނަރޭޓަރު ނިއްވާލާ ކޮންމެ ދުވަހެއްގައި ވެސް ކަރަންޓު ކެނޑޭ ކަމަށެވެ. އަދި ރޯދައިގެ ކުރިން އިތުރު ޖަނަރޭޓަރެއް އެ ރަށަށް ގެންދާނެކަން ފެނަކައިން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ