ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމުގެ ދައުވާ ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ. ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކުރުމުން މިމައްސަލަ ސުޕްރީމް ކޯޓުގައި އޭރު އިލްތިމާސް ކުރީވެސް ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލް އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ފަހުން ވަނީ މިމައްސަލަ ބޭރުކޮށްލާފަ އެވެ. އެހެންކަމުން މިމައްސަލަ އަލުން މުރާޖައާ ކޮށްދިނުމަށް ޕީޖީ އޮފީހުން މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމުގެ ދައުވާ ބާތިލްކުރައްވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވަނީ މައިގަނޑު ބައެއް މައްސަލަތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން އުއްމަތަ ފަނޑިޔާރު ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމުގެ ދައުވާއަކީ ކޮށްފައިވާ ކަމަށް ބުނާ ކުށާ ގުޅިގެން އުފުލޭނެ ދައުވާއެއް ނޫން ކަމަށާއި އެހެންކަމުން މިއީ ކްރިމިނަލް ކޯޓުގައި މައުލޫއީ ގޮތުން ބެލިގެންވާނެ މައްސަލައެއް ނޫން ކަމަށެވެ. އެހެންކަމުންއި ކްރިމިނަލް ކޯޓުގައި މިމައްސަލަ ކުރިއަށް ގެންދިއުމަށް ހިންގާފައިވާ އިޖުރާއަތްތަކާ މެދު ގޮތެއް ނިންމަން ނުވެސް ޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
މީގެއިތުރުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޮށްފައިވާ ކަމަށް ބުނާ ކުށުގެ އޮޕަރޭޝަން ހިންގާފައިވަނީ އެމްއެންޑީއެފުން ކަމަށްވާއިރު އެމްއެންޑީއެފްއާ ދެކޮޅަށް ޓެރަރިޒަމުގެ ދައުވާ ނުކުރެވޭނެ ކަމަށާއި އަދި މިފަދަ ކުށެއްގެ ޒިންމާ މުއައްސަސާއެއްގެ ގޮތުގައި އެމްއެންޑީއެފުން ނަގަން ނުޖެހޭނެ ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދުގެ މައްސަލާގައި ނުބައި ދައުވާއެއް ކޮށްފައިވާތީ އޭގެ މައްޗަށް ހިންގުނު ހުރިހާ އިޖުރާއަތްތަކަކީ ބާތިލް ކަންތައްތަކަކަށްވާތީ ރައީސް ނަޝީދުގެ ދައުވާ ބާތިލްކުރުމަށް ހުކުމް ކުރައްވާ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.
މިހުކުމަށްފަހު ސުޕްރީމް ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް މިއަދަކީ އުފާވެރި ދުވަހެއް ކަމަށާއި އެމަނިކުފާނުގެ މައްސަލާގައި އިންސާފު ލިބުނީ ދިވެހި ރައްޔިތުން ދެގޮތެއް ނުވި ކުރި ބުރަ މަސައްކަތާއި ގުޅިގެންނާއި ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަނަށް ލިބުނު ކާމިޔާބީއާ ގުޅިގެން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މިދިޔަ ތިން އަހަރު އެމަނިކުފާނު އުޅުއްވީ ޖަލުގައާއި ރާއްޖޭން ބޭރުގައި ވަރަށް ދަތިއުދަގުލުގައި ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް އެދުވަސްތަކުގައި އެހީތެރިވެ ދެއްވި އާއިލާގެ ބޭފުޅުންނަށާއި އެމްޑީޕީގެ މެންބަރުންނަށާއި ގާނޫނީ ޓީމުގެ ބޭފުޅުންނާއި އަދި ޖުމްލަ ދިވެހި ހުރިހާ ރައްޔިތުންނަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަކީ އިންސާފުވެރިކަމާއެކު ހިނގާ ތަނަކަށް ވާނެ ކަމަށް އެމަނިކުފާނު އުއްމީދުކުރައްވާ ކަމަށާއި އެކަން ހާސިލްކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަދި އެކަމަށް ބޭނުންވާ އިސްލާހުތަކާއި، އެކަމަށް ބޭނުންވާ ގާނޫނުތަކާއި، އާންމު ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުވެސް އަދި ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ގެނެވޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުވާކުރެއްވި ދުވަހުވެސް އަދި ކެމްޕޭން ތެރޭގައިވެސް އިންސާފު ގާއިމުކޮށްދެއްވުމަށް ވައުދުވެވަޑައިގެންނެވި ކަމަށާއި ދެގޮތެއް ނުވެ އެމަސައްކަތް ކުރައްވާނެ ކަމަށެވެ. އެމަނިކުފާނުގެ ވެރިކަން ބަދަލުކުރެވުނުއިރު އޭރުގެ ސަރުކާރު އޮތީ އިންސާފުގެ ދަތުރެެއްގައި ކަމަށާއި ކޯޓުތައް އިސްލާހު ކުރުމުގެ މަސައްކަތް ފެށުނު ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމަނިކުފާނު ގެންދެވީ ސިއްރާއި ފާޅުގައި އެކިއެކި ފަރާތްތަކަށް ނާޖާއިޒު ނުފޫޒު ފޯރުއްވާ ބިރު ދައްކަވަމުން ކަމަށެވެ. މީގެތެރޭގައި ކޯޓުތައް ވެސް ހިމެނޭކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އޭރު ހިންގެވި ނުފޫޒުތައް މިހާރު ސާފުވަމުންދާ ކަމަށާއި އެކަމަކު ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ މައްސަލަތަކަށް އިސްލާހީ ބަދަލުތައް އަންނާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ކޮންކްރީޓް ތަރައްގީ ގެނެސްފަައިވާ މަންޒަރު އެމަނިކުފާނު ދެކެވަޑައިގެންނެވި ކަމަށާއި ނަމަވެސް ރައްޔިތުން ބޭނުންވީ އިންސާފުކަން ނިމިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާއިން އެނގިގެންދާ ކަމަށެވެ. އިންސާފު ހޯދައިދިނުމުގައި އަބަދުވެސް ހުންނަވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ނަޝީދު ވަނީ ދެއްވާފަ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ މައިދާނުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެނިދާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ރައީސް ނަޝީދު އެ ސުވާލަށް ސާފު ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ ސިޔާސީ މަސައްކަތްތަކާ އެމަނިކުފާނު ދުރަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެެވެ.
"ދެން މިވަގުތަށް ހުރި ސިޔާސީ މަސައްކަތްތަކަކީ ކޮބައިތޯ ތިބޭފުޅުން [ނޫސްވެރިން] މިނާ ކިރާ ތިހައްދަވަނީ. އެހެންވީމާ އަޅުގަނޑުވެސް މަސައްކަތް ކުރަމުންދާނީ ގާނޫނީ ގޮތުން މިރާއްޖޭގައި ހުރި މުއައްސަސާތައް މެދުވެރިކޮށްގެން. އަޅުގަނޑުގެ ސިޔާސީ ހަޔާތް ނިމުނު ކަމަކަށް އަދި އަމުދުން މިއަދަކު އަޅުގަނޑު ނުދެކެން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ