ގާސިމް ހައްޔަރު ކުރުމުން މާމިގިލީގައި އިހުތިޖާޖު، ފުލުހުންނަށް ހުރަސްތަކެއް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމާ ގުޅިގެން މާމިގިލީގައި ފުލުހުން ތިބޭ އިމާރާތުން ނުކުތުމަށް ގޮވާލައި، އެމަނިކުފާނުގެ ސަޕޯޓަރުން އިހްތިޖާޖުކޮށްފި އެވެ. ގާސިމްގެ އުފަން ރަށް މާމިގިލީ ކައުންސިލްގެ ރައީސް ޖުނައިދު އިބްރާހިމް މިރޭ ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން ގާސިމް އިބްރާހިމް ހައްޔަރުކޮށް ދޫނިދުއަށް ގެންދިއުމާ ގުޅިގެން އެ ރަށުގެ ރައްޔިތުން ކައުންސިލް އިދާރާ ކައިރީގަ އާއި ފުލުހުންގެ އިމާރާތް ކައިރީގައި އަޑުއުފުލާ އިހުތިޖާޖް ކޮށްފައިވާ ކަމަށެވެ. އިހުތިޖާޖުގައި ގާސިމް މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލައި ފުލުހުން ތިބޭ އިމާރާތުން އެ މީހުން ނެރުމަށް ގޮވާލާފައިވެ އެވެ. ޖުނައިދު ވިދާޅުވީ، ރައްޔިތުން ކުރަމުންދާ އިހުތިޖާޖުގައި އެއްވެސް ހަމަނުޖެހުމެއް ހިންގާފައިނުވާ ކަމަށާއި އަދި މިރެއަށް އިހުތިޖާޖު ނިންމާލާފައިވާ ކަމަށެވެ. ނަމަވެސް ގާސިމް މިނިވަންވަންދެން ރަށުގައި އިހުތިޖާޖުކޮށް އެކަމާ ނުރުހުން ފާޅުކުރާނެ ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ. ޖުނައިދު ވިދާޅުވީ، ރައްޔިތުންގެ އެ ގޮވާލުމާ ގުޅޭ ގޮތުން ގަރާރެއް ނެރުމަށް ކައުންސިލުން މަޝްވަރާތަކެއް ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް އަދި އެކަމާ ގުޅޭ ގޮތުން ސޮއިކޮށް ތަތްގަނޑު ޖަހާފައިވާ ގަރާރެއް ފާސްކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކޯޓު އަމުރެއްގެ ދަށުން ގާސިމް އިބްރާހިމް މިރޭ ހައްޔަރު ކޮށްފައި ވަނީ އޭނާ ދިރިއުޅުއްވާ މ. މާފަންނުވިލާއަށް ފުލުހުން ވަދެއެވެ. ގާސިމް މިހާރު ހުންނެވީ ފުލުހުންގެ ތަހުގީގީ ޖަލު ދޫނިދޫގަ އެވެ. ފުލުހުން ބުނީ، ގާސިމް ހައްޔަރުކޮށްފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅުނު މައްސަލާގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްގެ މައްޗަށް ނެގުމަށް އުޅޭ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ