ޕީއެންސީގެ ރައީސްކަމަށް އަބްދުއްރަހީމް ކުރިމަތިލައްވައިފި، ނައިބު ރައީސްކަމަށް ނިހާނާއި ސައީދާއެކު ފަސް ބޭފުޅުން

ޕީޕަލްސް ނޭޝަނަލް ޕާޓީ (ޕީއެންސީ)ގެ ރައީސްކަމަށް އެ ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބު ރައީސްކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކާއި އެ ޕާޓީގެ ވަގުތީ ނައިބު ރައީސް މުހައްމަދު ސައީދާއެކު ޖުމްލަ ފަސް ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
އަންނަ ހުކުރު ދުވަހު ބާއްވާ ޕީއެންސީގެ ކޮންގްރެސްގައި ވާދަކުރުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހު ހަމަވެފައިވާ އިރު، ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ ހަމައެކަނި އަބްދުއްރަހީމެވެ.
ނައިބު ރައީސްކަމުގެ މަގާމަށް ނިހާނާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ދެން އެ މަގާމަށް ކުރިމަތިލައްވާފައިވަނީ ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު އާއި ލަންކާގެ ކުރީގެ އެމްބެސަޑަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަދި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލެވެ.
ކުރިން އޮތް ގޮތުން ނަމަ، އެ ޕާޓީގެ މަގާމުތަކަށް ކުރިމަތިލެވޭނީ މިމަހުގެ 15ގެ ކުރިން ޕާޓީގެ ރަޖިސްޓަރީގައި ތިއްބެވި ބޭފުޅުންނަށެވެ. ނަމަވެސް ޕީއެންސީން ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި މިމަހުގެ 22 ވަނަ ދުވަހުގެ ކުރިން އެ ޕާޓީގެ ރަޖިސްޓަރީގައި ތިއްބެވި ބޭފުޅުންނަށް މަގާމުތަކަށް ކުރިމަތިލެވޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.
ނިހާނަށް ނައިބު ރައީސް ކަމަށް ކުރިމަތިލެވުނީ އެ ބަދަލު ގެނައުމާ ގުޅިގެންނެވެ. ޕީޕީއެމް ދޫކުރައްވައި، ނިހާން ޕީއެންސީއާ ގުޅިވަޑައިގެންނެވީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
އަންނަ ހުކުރު ދުވަހު އެ ޕާޓީގެ ރައީސް އާއި ދެ ނައިބު ރައީސްގެ އިތުރުން ކައުންސިލަށް 20 ބޭފުޅަކު އިންތިހާބު ކުރުމަށް ހަމަޖެހިފައިވެއެވެ. އެ ޕާޓީގެ ކައުންސިލަށް 31 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ