ހަތަރު ދުވަސް ވީއިރު ވެސް ތ. ދިޔަމިގިލީ ކަރަންޓްގެ މައްސަލަ ސަރުކާރުން ހައްލުކޮށްދީފައިނުވާތީ، އެ މައްސަލަ ސަމާލުކަމަށް ގެނެސް ރައްޔިތުންގެ އަސާސީ ހައްގުތަކަށް އިހްމާލް ނުވުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު މިއަދު ހުށަހެޅުއްވި އެ މައްސަލައިގައި ބުނަނީ، މި މަހު ހަ ވަނަ ދުވަހުގެ ރެ އިން ފެށިގެން ދިޔަމިގިލިން ކަރަންޓް ކަނޑައިގެންދިއުމާ ގުޅިގެން ރައްޔިތުން ކަނު އަނދިރީގައި ތިބެން ޖެހިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މި ބަރަކާތްތެރި ރޯދަ މަހު އަޅުކަން ކުރުމާއި ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމުން ރައްޔިތުން މަހްރޫމުވެފައިވާ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެ އެވެ. އަދި މިއަދާހަމައަށް އައިއިރު ވެސް ރައްޔިތުންނަށް ދިމާވެފައިވާ އެދަތިކަމުން ރައްޔިތުން ސަލާމަތް ކުރުމަށް ސަރުކާރުން އެއްވެސް ކަމެއް ކޮށްފައިނުވާކަމަށް ވެސް މައްސަލަ ހުށަހަޅުއްވަމުން ރިޔާޒު ވިދާޅުވި އެވެ.
"ރައްޔިތުން ސިއްހީ އަދި ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެން ދާއިރު ސަރުކާރުން އަޅައެއްނުލާ. ރައްޔިތުންގެ ވިޔަފާރިތަކަށާއި އާއްމު ދިރިއުޅުމަށް ވަނީ ތަހައްމަލު ނުކުރެވޭ ފަދަ ދަތިތަކެއް ކުރިމަތި ވެފައި. ކަރަންޓްގެ ހިދުމަތަކީ ރައްޔިތުންގެ އަސާސީ ހައްގަކަށް ވާއިރު ވެސް އެކަމަށް ސަރުކާރުން ވަނީ އިހްމާލްވެފައި. އަޅުގަނޑު މި މައްސަލަ ހުށަހަޅަނީ، ރާއްޖޭގެ އެކި ކަންކޮޅުގައި ކަނދު އަނދިރީގައި ތިބި ރައްޔިތުން އެކަމުން ސަލާމަތް ކުރަން ކެނޑިނޭޅި މަސައްކަތްކޮށް ސަރުކާރުން ވެފައިވާ ވައުދުތައް ޒިންމާދާރު ކަމާއެކު ފުއްދައި ދިނުމަށް،" އެ ކުއްލި މައްސަލަ ހުށަހަޅުއްވަމުން ރިޔާޒު ވިދާޅުވި އެވެ.
އެ މައްސަލައަށް ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި ޖަލްސާގައި ތިއްބެވި 46 މެންބަރުންގެ ތެރެއިން 28 މެންބަރުން ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވި އެވެ. އަދި ބަހުސް ކުރަން ނުފެންނަ ކަމަށް ނުވަ މެންބަރުން ވޯތު ދެއްވި އެވެ.
ދިޔަމިގިއްޔަށް ކަރަންޓް ނުލިބިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ