މީހުން މަދު ވަސީލަތުގެ ގޮތުން ތަނަވަސް މި ގައުމަކީ އެހެންގައުމުތަކަށް ވަރަށް މުހިއްމު ގައުމެކެވެ. މި ދުވަސްކޮޅަކީ ރާއްޖޭ އާއި ބައިނަލްއަގުވާމީ މީޑީއާގައި ރާއްޖޭގައި ޗައިނާގެ ނުފޫޒް ގަދަވަމުން އަންނަކަމަށް ވާހަކަ ދެކެވޭ ދުވަސްވަރެކެވެ. މިކަމަކީ ސީރިއަސް ކަމެކެވެ. އެހެނަސް މިހެން ވިސްނާލަން ހިނގާށެވެ. ޒަމާނުންސުރެ ގާތްގުޅުމެއް ބާއްވަމުންއައި އިންޑިއާ ނަމަކަށް ކިޔާ ކުއްޖަކު ހުއްޓާ ޗައިނާ ކިޔާ ކުއްޖަކާއި މާތް ގާތް ގުޅުމެއް އުފެދުމަކީ އިންޑިއާ އަށް ހަޖުމުކުރަން ފަސޭހަ ކަމަކަށްނުވާނެއެވެ. ހަމަގައިމުވެސް ބޭވަފެތެރިވީކަމުގެ އިހްސާސް ކުރެވޭނެއެވެ. އޭގެ ބަދަލުގައި ޗައިނާ އަށް، ހިތާވާ ކުއްޖަކު ލިބުމުންވާ އުފާވާނެއެވެ.
ދިވެހި ރާއްޖެ އަށް މުހިއްމީ ޗައިނާތޯ ނުވަތަ އިންޑިއާތޯ މީ ވަރަށް ދިގު ބަހުސްއެކެވެ. ހަގީގަތަކީ ދިވެހި ރާއްޖެއަށް ޗައިނާ ވެސް އިންޑިއާ ވެސް މުހިއްމެވެ. އެހެނަސް އަސްލު މައްސަލައަކީ އެހެންކަމެކެވެ. ސަރުކާރުގެ ފޮރިން ޕޮލިސީގެ ސަބަބުން އާންމު ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރުކުރާނަމަ އެކަމާއި ވިސްނާލަންޖެހެއެވެ. ޗައިނާ ސަރުކާރުގެ އެހީތެރިކަމާއި އެކު ހަދާ ބްރިޖްމަތިން ހުރަސްކޮށް ޗައިނާގެ އެހީތެރިކަމާއި އެކު ހަދަމުންދާ އެއާޕޯޓުން އިންޑިއާއަށް ގޮސް އުޅެނިކޮށް ވިސާ މައްސަލަޖެހި އާއިލާ އަށް ތަކުލީފު ޖެހުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.
އަދި ދިވެހި ސަރުކާރުން ކުރާ ކޮންމެ ކަމެއްގެ ސަބަބުން ދިވެހިންގެ ކަރުބުޑުގައި އޭގެ ހިތި ރަހަލައްވަން އެހެން ގައުމުތަކުން މަސައްކަތްކުރުމަކީ ވެސް މައްސަލައެކެވެ. އިންޑިއާ އިން ވަނީ ރާއްޖޭގެ ތަރައްގީ އަށް ގިނަގުނަ މަސައްކަތްތަކެއްކޮށްދީފައެވެ. ސިއްހީ ހިދުމަތް އެންމެ ތަރައްގީކުރަން ބޭނުންވިއިރު އައިޖީއެމްއެޗް އިމާރާތްއަޅާ ދިނީ އިންޑިއާ އިންނެވެ. މިހާރުވެސް ރަށަކުން ކުއްލި ހާލަތުގައި ބަލި މީހަކުން ގެންނަނަމަ ހެލިކަޕްޓަރުގައި ގެންނަނީ އިންޑިއާގެ އެހީތެރިކަމާއި އެކުގައެވެ. އިންޑިއާ އަކީ ދިވެހިންގެ ގިނަ ބަޔަކު ބޭސްފަރުވާ އާއި އެހެނިހެން ބޭނުންތަކަށްދާ ގައުމެކެވެ. ދެން އޮތީ ޗައިނާއެވެ. ރާއްޖޭގައި ބިޔަ ބޮޑެތި މަޝްރޫއުތައް އެ ގައުމުގެ އެހީތެރިކަމާއި އެކު ދަނީ ހިންގަމުންވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖެވެ. އެއާޕޯޓް ތަރައްގީކުރުމެވެ. ބުރިބުރިއަށް ނަގާ ފްލެޓްތަކެވެ.
ކަންމިހެން އޮތް އިރު މި ދެގައުމަކީ ވެސް ރާއްޖެ އަށް މުހިއްމު ދެ ގައުމެވެ. ރާއްޖޭން ދެގައުމާއިވެސް ގުޅުން ބާއްވަންޖެހެއެވެ. ޚާރިޖީ ސިޔާސަތުގެ ސަބަބުން އިންޑިއާ މީހުން ރާއްޖޭގައި އުޅެން ޖެހިލުންވެ، ދިވެހިން އިންޑިއާގައި އުޅެން ޖެހިލުންވާ ހިސާބަށް ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ފަހަރެއްގައި މިދަތި އުދަގޫތައް ރައީސް އާއި ވަޒީރުންނަށް ނުކޮށްފާނެއެވެ. އެހެނަސް ރައީސް އާއި ވަޒީރުން ތިއްބަވަނީ ރައްޔިތުންގެ ހައްގުގައެވެ. ރައްޔިތުންގެ ހިދުމަތުގައެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ ހައްގުގައި ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވުން ވަރަށް މުހިއްމެވެ.
އެއްބަޔަކަށް މުހިއްމީ ޗައިނާ އަނެއް ބަޔަކަށް އިންޑިއާ، ރައްޔިތުން މިދޭތެރޭ ފިތި ހަނާވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ