އެސްޓީއޯ އިން ބިސް ވިއްކަނީ ހެލްތުން އަންގާފައިވާ ގޮތަށް

ރޯދައާ ދިމާކޮށް އެސްޓީއޯ އިން ރޯދައަށް ގެނެސް ވިއްކާ ބިހަކީ ހެލްތު މިނިސްޓްރީން އަންގާފައިވާ ގޮތަށް އެތެރެކޮށް ވިއްކާ ބިސްތަކެއް ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ވިއްކާ ބިސް ކައިގެން ބައެއް މީހުންނަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ރައްދުދީ މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ބިހަކީ ހެލްތު މިނިސްޓްރީން މިދިޔަ ނޮވެމްބަރު 13 ވަނަ ދުވަހު އާއްމުކޮށްފައިވާ އިއުލާނާ އެއްގޮތަށް އެތެރެކޮށްފައިވާ ބިސް ކަމަށެވެ.
ހެލްތު މިނިސްޓްރީން ނެރުނު އިއުލާންގައިވާ ގޮތުން މިދިޔަ ޖެނުއަރީ 15ން ފެށިގެން އެތެރެކުރާ ބިސް، ޓްރީމަންޓެއް ނުދީ އަދި ފިނި ނުކޮށް އިމްޕޯޓްކޮށް ވިއްކަން ބަހައްޓަން ވާނީ ބިސް އުފެއްދި ތާރީހުން ފެށިގެން އެންމެ ގިނަވެގެން 28 ދުވަހުގެ މުއްދަތަށެވެ.
އެ ކުންފުނިން ބުނީ ހެލްތުން ކަނޑައަޅާފައިވާ 28 ދުވަހުގެ ތެރެއިން ބިސް އެތެރެކޮށް ގުދަންކުރުމަށް ހަތް ދުވަސް ނަގާނެ ކަމަށެވެ. އަދި ބާކީ އޮންނަ 21 ދުވަހަކީ ބިސް ވިއްކުމަށް ބަހައްޓަން ލިބޭ ދުވަސްތައް ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
"އެސްޓީއޯ އިން އެތެރެކުރާ އެންމެހާ ކާބޯތަކެތި ގެނެވެނީ މިނިސްޓްރީ އޮފް ހެލްތް އާއި އެމްއެފްޑީއޭގެ ގަވާއިދުތަކުގެ ދަށުންކަމުގައި އާއި މުއްދަތު ހަމަވާން ކައިރިވެފައި ހުރި ނުވަތަ މުއްދަތު ހަމަވެފައި ހުރި ތަކެތި އެސްޓީއޯ އިން އެތެރެ ކޮށް ނުވިއްކާނެ ކަމުގެ ޔަގީންކަން މިކުންފުނީގެ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނީ އެކަމާ ގުޅިގެން ސޯޝަލް މީޑިއާ އާއި އެކި މީޑިއާތަކުގައި ސައްހަނޫން މައުލޫމާތު ފަތުރާތީ ހިތާމަކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ