އިންތިޚާބަށް ދާނީ ރައީސް ޔާމީން ހައްޔަރު ކޮށްފައި - އިދިކޮޅު

މިނިވަން އިންސާފުވެރި އިންތިޚާބަކަށް އޮތް ހަމައެކަނި ހުރަހަކީ، ރައީސް ޔާމީން ކަމަށާއި، ރައީސް ޔާމީން ވެރިކަމުން ދުރުކޮށްފައި ނޫނީ، އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފި އެވެ.
އިދިިކޮޅު ޕާޓީތަކުގެ ފަރާތުން މިރޭ މ.ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، ރައީސް ޔާމީންގެ އަމާޒަކީ އިދިކޮޅު ފަރާތްތައް އިންތިޚާބުގެ ކުރިން ހިފައި ހައްޔަރުކުރުކޮށް ކޯލިޝަން ރޫޅާލުން ކަމަށެވެ.
"އިދިކޮޅު ޕާޓީތައް ބައިބައި ކުރުމަށް ޔާމީން މަސައްކަތް އެބަ ކުރޭ. އިންތިޚާބަކަށް ދާނީ، މިހާރު ދާގޮތުން ރައީސް ޔާމީން ވެރިކަމުން ދުރުކޮށް ހިފައި ހައްޔަރުކުރުމަށްފަހު" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ނިކުންނާނީ އެއް ކެންޑިޑޭޓޭއް ކަމަށެވެ. ނަމަވެސް އިންސާފުވެރި އިންތިޚާބެއް ބޭއްވޭތޯ ސުވާލު އުފައްދަމުން އިބޫ ވިދާޅުވެފައި ވަނީ އިންސާފުވެރި އިންތިޚާބަކަށް އޮތް ހަމައެކަނި ހުރަހަކީ ރައީސް ޔާމީން ކަމަށެވެ.
"އިންތިޚާބާ ކުރިމަތިިލާނީ އެއް ކެންޑިޑޭޓްއަކާއެކު އަދި އެކަމުގެ މަޝްވަރާތައް މިދަނީ ކުރަމުން, އެއަށް ފަހު އެކުލެވިފައިވާ ސަރުކާރެއް ފެނިގެންދާނެ" އިބޫ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަުވުމުގައި ކެންދޫ ދާއިރާގެ މެންބަރު އަދި ޤާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވީ އިންތިޚާބުވާ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކަމަށް ކަނޑައެޅެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ނަމަވެސް، މި ހުކުމުން އެކެއް ފެބުރުއަރީގައި އެކޯޓުން ނެރުނު އަމުރަށް ބަދަލެއް އައިސްފައި ނުވާކަމަށެވެ.
އަލީ ހުސައިން އިތުރަށް ވިދާޅުވީ މިއަދު ސުޕްރީމްކޯޓުން ނިންމުމާމެދު ކަންބޮޑުވާ ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކަކީ ރައީސް ޔާމީނު ހައްދަވާގޮތަށް ކޯޓުގެ ހުކުމްތައް ބޮލާލައި ޖަހާނެ ޕާޓީތަކެއް ނޫންކަމަށްވެސް އަލީ ހުސައިން ވިދާޅުވި އެވެ.
"12 މެންބަރުންގެ ގޮނޑީގެ މައްސަލައިގައި ދެން ނިންމާނެ ވަކިގޮތެއް ނެތްކަން މިއަދު ހުކުމުންވެސް އެނގިގެންދޭ، 12 މެންބަރުންނާއި ގުޅުންހުރި ކަމެއް މިއަދުގެ ހުކުމުގައި ނެތް" އަލީ ހުސެއިން ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އަދާލަތުޕާޓީގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ، މިއަދު އެ ނިންމެވި ނިންމެވުމުގެ ސަބަބުން މެންބަރުންނަކީ، ރައްޔިތުން ތަމްސީލް ކުރާ ބަޔަކަށްވުރެ ބޮޑަށް، ޕާޓީަތައް ތަމްސީލުކުރާ މެންބަރުންގެ ގޮތުގައި އެންޓިޑިފެކްޝަން ޤާނޫނު މިހާރު އޮތްގޮތުން ވެގެންގޮސްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ