މާލޭގެ ކަރަންޓް ނެޓްވޯކްގެ ފެންވަރު މަތިކުރަނީ

މާލޭގެ ކަރަންޓް ނެޓްވޯކްގެ ފެންވަރުމަތިކުރުމުގެ މަސައްކަތްތަކެއް މިހާރު ފެށިގެން ކުރަމުންދާކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް ޓްރާންސްފޯމަރުތައް އިތުރުކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށެވެ.
މާލޭގެ ކަރަންޓްގެ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު ފަނަރަ ޓްރާންސްފޯމަރެއް ގެނައުމަށް އިއުލާން ކޮށްފައިވާކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ. މީގެ އިތުރުން މާލެއަށް ކަރަންޓްދިނުމަށް ޖަނަރޭޓަރު ސެޓްތައް އިތުރުކުރުމުގެ މަސައްކަތްވެސް ކުރިޔަށްދާކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ. މިގޮތުން މާލެއަށް އިތުރުކުރެވޭ އެކެއް ޕޮއިންޓް ހައެއް މެގަވޮޓްގެ ޖަނަރޭޓަރެއް ޖުލައިމަހު ފަހުކޮޅު ކޮމިޝަން ކުރެވޭވަރުވާނެކަމަށް ސްޓެލްކޯއިން ބުނެއެވެ. 
8 މެގަވޮޓްގެ ޖަނަރޭޓަރެއް ގެނައުމަށްވެސް މަސައްކަތް ކުރެވެމުންދާކަމަށާ އެ ޖަނަރޭޓަރު އަންނަ އަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފެށޭވަރުވާނެކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.
ސްޓެލްކޯއިން ބުނީ މި ޖަނަރޭޓަރުތަކާއެކު ސްޓެލްކޯގައި ބޭނުންކުރާ ޖަނަރޭޓަރުތަކުގެ އަދަދު ތިރީހަށް ބަދަލުކުރެވިގެންދާނެކަމަށެވެ . ހަމަ އެއާއެކު މާލޭގެ ކަރަންޓުގެ ކެޕޭސިޓީ ގާތްގަޑަކަށް ހަތްދިހަ މެގަވޯޓަށް އިތުރުވެގެންދާނެކަން ސްޓެލްކޯއިން ފާހަގަކުރެއެވެ. ސްޓެލްކޯއިން ބުނީ މި ޖަނަރޭޓަރުތަކާއެކު މިވަގުތަށް  މާލޭއަށް ބޭނުންވާ ކެޕޭސިޓީގައި ކަރަންޓް ފޯރުކޮށްދިނުމުގައި ދަތިކަމެއް ކުރިމަތި ނުވާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ