އުއްތަމަ ފަނޑިޔާރުކަމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔަރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.
ސަރުކާރުން ކޮންޓްރޯލްކޮށް، ޕީޕީއެމުން ހިންގާ މަޖިލީހުން ޑރ. އަހުމަދު އަބްދުﷲ ދީދީ އަށް ރުހުންދީފައިވަނީ ޖަލްސާގައި ބައިވެރިވި 36 މެމްބަރުންގެ އަޤުލަބިއްޔަތުންނެވެ.
އޭގެއިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ހައިކޯޓުގެ އިސް ފަނޑިޔާރު ޢަބްދުﷲ ދީދީ އާއި ހައިކޯޓުގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރުމަށްވެސް މަޖިލީހުން ވަނީ ރުހުންދީފަ އެވެ. އެ ދެބޭފުޅުންނަށްވެސް ރުހުންދީފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޤުލަބިއްޔަތުންނެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޑރ. އަބްދުﷲ ދީދީ އައްޔަން ކުރީ އެމަގާމުގައި ކުރިން ހުންނެވި އަބްދުﷲ ސައީދުގެ ފަނޑިޔާރުކަން ގެއްލުމާއި ގުޅިގެންނެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރު ކަމުގެ މަގާމު ވެސް ގެއްލިފައިވުމުންނެވެ. އެ ދެ ބޭފުޅުންގެ ފަނޑިޔާރު ކަމުގެ މަގާމު ގެއްލިފައިވާ ކަމަށް ޖޭއެސްސީން ނިންމާފައި ވަނީ ދައުލަތުގެ ފަރާތުން އެ ދެބޭފުޅުންގެ މައްޗަށް ކުރި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ ސްޕްރީމް ކޯޓުން ވެސް އެ ހުކުމަށް ތާއީދު ކުރުމުންނެވެ.
އުއްތަމަފަނޑިޔާރުގެ މަގާމަށް އައްޔަންކުރި ޑރ. ދީދީއަކީ 2010 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭގެ ކުރިން އޭނާ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނަރަލްގެ މަގާމުގައެވެ. ޑރ. ދީދީ ވަނީ 2008 ވަނަ އަހަރު އެޓާނީ ޖެނެރަލްގެ ނައިބުގެ މަޤާމު ފުރުއްވާފައެވެ. އޭނާ ޕީއެޗްޑީ ނެންގެވީ ވެސް ހަމަ އެ އަހަރުއެވެ.
އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ، ޑރ. ދީދީ މަތީ ތައުލީމު ހާސިލު ކުރެއްވީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީންނެވެ. އޭނާ ހާއްސަވެފައި ވަނީ ޕަބްލިކް އިންޓަނޭޝަނަލް ލޯގެ ރޮނގުންނާއި ކޮންސްޓިޓިއުޝަނަލް ލޯގެ ރޮނގުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރި ފަނޑިޔާރު ޢަބްދުލްޣަނީ 2004 ވަނަ އަހަރުން ފެށިގެން ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި 2008 ވަނަ އަހަރުން 2011 ވަނަ އަހަރަށް އެ ކޯޓުގެ އިސް ގާޒީގެ މަގާމު އަދާ ކުރެއްވީ ވެސް ފަނޑިޔާރު އަބްދުޣަނީއެވެ.
މިޞްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވާފައިވާ ފަނޑިޔާރު ޣަނީ ވަނީ މަދަނީ ކޯޓުގެ ޤާޟީކަން ވެސް ކުރައްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރި ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީއަކީ 2015 ވަނަ އަހަރުގެ ޖޫން މަހު ހައި ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރެކެވެ. އޭނާ ވަނީ ގއ. ދެއްވަދޫ އާއި ކ. ދިއްފުށީ ކޯޓާއި ޖުވެނައިލް ކޯޓުގެ ގާޒީކަން ކުރައްވާފައެވެ.
އަބްދުﷲ ދީދީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޝަރީއަތް ކުރި ކްރިމިނަލް ކޯޓުގެ ތިން ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި އިސް ގާޒީއެވެ. އޭނާ ހައި ކޯޓަށް އައްޔަން ކުރީ ނަޝީދަށް ޖަލު ހުކުމް ކުރިތާ ތިން މަސް ވެސް ނުވަނީހެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އުއްތަމަ ފަނޑިޔާރުކަމަށް ޑރ. އަހުމަދު އަބްދުﷲ ދީދީ އަޔަނުކުރުމަށް މަޖިލީހުން ރުހުންދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ